ރާއްޖެފަދަ ގައުމެއްގައި ސިޔާސީ މީހުންގެ އަތަށް ކޮންޓްރޯލް ދޭން ނުވާނެ ލައްކަ ކަންކަން ހުންނާނެއެވެ. ސަބަބަކީ ވަކި ޕާޓީއެއް ނޫނެވެ. ގިނަ ޕާޓީތަކުގައި އެ އުޅޭ ސިޔާސީ ގިނަ މީހުންނަކީ ސިޔާސީ މަންފާއާއި އަމިއްލަ ފައިދާ ނޫނީ އިސް ނުކުރާ މީހުން ކަމަށްވާތީއެވެ. މިހާތަނަށް ކަންކަން ކޮށްފައި ހުރި ގޮތަށް ބަލާއިރު ސިޔާސީ ގޮތުން ނުވަތަ އަމިއްލަ ޖީބަށް ފައިދާ ކުރަން ހުރީ ކުރަން ނުވާނެ އެތައް ކަމެއް ކޮށްފައެވެ.
އެގޮތުން ސިޔާސީ މީހުންނަށް ކޮންޓްރޯލް ދޭން ނުވާނެ ކަންކަމުގެ ތެރޭގައި 27 ބިލިއަން ރުފިޔާއަށް މިހާރު ބޮޑުވެފައިވާ ޕެންޝަން ފަންޑު ހިމެނެއެވެ. އެ ފަންޑަކީ 121,827 މަސައްކަތްތެރީންގެ ހައްގެކެވެ. އެ ފަންޑަށް ފައިސާ މި ލަނީ އަމިއްލަ ވިޔަފާރިތަކުގައި މަސައްކަތް ކުރާ 86.6 ޕަސެންޓް މީހުންނާއި ސަރުކާރުގައި މަސައްކަތް ކުރާ 11.4 ޕަސެންޓް މީހުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ 2.0 ޕަސެންޓް މަސައްކަތްތެރީންނެވެ. މަހެއްގެ މައްޗަށް އެ ފަންޑަށް މަސައްކަތްތެރީން 158.4 މިލިއަން ރުފިޔާ ޖަމާ ކުރެއެވެ. ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުހެން ފަންޑަށް ލިބޭ ފައިސާ ދަނީ އިތުރުވަމުންނެވެ.
މުވައްޒަފުގެ މުސާރައިން ކަނޑާ ޕަސެންޓަކާއި އެ އަދަދަށް ވަޒީފާ ދޭ ފަރާތުން ފައިސާ ދީގެން ކޮންމެ މަހަކު ޕެންޝަން ފަންޑަށް ފައިސާ ޖަމާ ކުރާއިރު މިއީ ބައެއް ދިވެހީން ވަރަށް ނުރުހޭވެސް ކަމެކެވެ. އެހެން އަސްލު ވަނީ މި ފަންޑު ހިނގާ ގޮތާއި ފަންޑުގެ ފައިދާ ފަހުން ކުރާނެ ގޮތް ބައެއް މީހުންނަށް ނޭނގޭތީއެވެ. އޭގެ ފައިދާ ވޯޓް ހޯދަން ސިޔާސީ މީހުން ބޭނުން ކުރެއެވެ. އެގޮތުން ރިޓަޔާމަންޓް އުމުރުގައި އަބުރުވެރި ދިރިއުޅުމެއް އުޅެން އެއްކުރާ އެ ފައިސާ, އަމިއްލަ ވިޔަފާރި ކުރަން ދޫކުރާނެ ކަމުގެ ވައުދާއި އެ ފައިސާ ހައްޖަށް ދާން ބޭނުން ކުރެވޭ ގޮތް ހެދުން ފަދަ ވައުދުތަކަކީ ސިޔާސީ ލީޑަރުން ވޯޓްގެ ބޭނުމުގައި ކޮށް އުޅޭ ކަންކަމެވެ.
https://www.sun.mv/182016
ސަރުކާރުގެ ނުފޫޒު ފަންޑަށް ބޮޑު؟
ސިޔާސީ މީހުން ބޭނުންވާނީ ހަމަ ނެގުނު ފައިދާއެއް ނަގައިގެން ކުރެވުނު ކޮންޓްރޯލެއް ކުރާށެވެ. އޭގެ ތެރޭގައި ޕެންޝަން ފަންޑުވެސް އިސްތިސްނާއެއް ނުވެއެވެ. އޭގެ ސަބަބުން އޭރަކު އޮންނަ ސަރުކާރަކުން ބޭނުން ކަމެއް ކުރުމުގެ ބާރު އޮވެއެވެ. މި ފަހުން ވެސް އެފަދަ ކަމެއް މި ވަނީ ހިންގައިފައެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރަން ނިންމުމާއެކު ޚިޔާލު ތަފާތުވުން މި ވަނީ އުފެދިފައެވެ. އެއީ، ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކުމެވެ. އެއީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ މާލީ ދާއިރާގެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
ސަރުކާރުން ބޭނުން ވެގެން އެކަން ކުރަން ނިންމުމާއެކު ޕެންޝަން އޮފީހުގެ ބޯޑުގައި, އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމް މި ވަނީ އިސްތިއުފާ ދެއްވައިފައެވެ. އޭގެ ފަހުން ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވެސް މި ވަނީ އިސްތިއުފާ ދެއްވައިފައެވެ.
މާލީ ދާއިރާގެ ވަރަށް ބޮޑު ތަޖުރިބާކާރެއް ކަމަށްވާ ސަރުވަޝްގެ އިސްތިއުފާ ދެއްވި ސަބަބު ވަނީ ސާފުކޮށް ބަޔާން ކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވިގޮތުގައި އެމްއެމްއޭ އާއި ޕެންޝަން އޮފީހާ ދެމެދު މިހާރު ކުރަން އުޅޭ އެ މުއާމަލާތަކީ ގާނޫނީ އަދި އިގުތިސާދީ ގޮތުން ވެސް ގިނަ ކަންބޮޑުވުންތަކެއް އޮތް މުއާމަލާތެކެވެ.
ސަރުވަޝް ވިދާޅުވީ އެ ފައިސާ ބޭނުންވަނީ ބަޖެޓަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ކަމަށް ފިނޭންސްއިން ބުނާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ޕެންޝަން ފަންޑުން ބޮންޑެއް ވިއްކަން ހުށަހަޅައި ފެންޝަން ފަންޑުގައި އެ މިންވަރަށް ލިކުއިޑިޓީ ނެތުމުން، އެ އަދަދަށް ވާ ފައިސާ އެމްއެމްއޭއިން ހޯދައި ސަރުކާރުގެ ބޮންޑުގައި އިންވެސްޓް ކުރުމަކީ ޕެންޝަން ފަންޑު މެދުވެރިކޮށް ސަރުކާރަށް ފައިސާ ދިނުމުގެ މުއާމަލާތެކެވެ.
ފަންޑު ބޭނުން ކުރަނީ އެންމެ ރަނގަޅަށްތަ؟
ތަނެއްގައި ފައިސާތަކެއް ބެހެއްޓުމަކީ މާ މޮޅު ކަމެއް ނޫނެވެ. އެއީ ހަމަ ކަރުދާސްތަކެއް ތާކު ބެހެއްޓުމެވެ. ދުވަހުން ދުވަހަށް ފައިސާގެ އަގު ދަށްވާއިރު ފައިސާ އިތުރުވާނެ ކަންކަމަށް އިންވެސްޓް ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. ރާއްޖޭގެ ޕެންޝަން ފަންޑަށް ބަލާއިރު ވެސް އެކަން ކުރެއެވެ. ނަމަވެސް އެކަން އެ ކުރަނީ, ފަންޑަށް ފައިސާލާ މުވައްޒަފުންނަށް އެންމެ ފައިދާ ހުރި ގޮތަށްތޯ މިއީ ބޮޑު ސުވާލެވެ. އެއީ ރަނގަޅު ގޮތް ނޫންނަމަ އެއީ ވަރަށް ވެސް ބޮޑު އިހުމާލެކެވެ.
ޕެންޝަން އޮފީހުން ލިބެން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު އެ ބޮޑު ފަންޑުގެ ޖުމްލަ އެސެޓްގެ ގާތްގަނޑަކަށް 85 ނުވަތަ 90 ޕަސެންޓް އިންވެސްޓް ކުރަނީ ސަރުކާރުގެ ދަރަނީގެ ވަސީލަތްތަކަށެވެ. އެއީ ބޮންޑު ގަތުމާއީ ޓީބިލް ގަތުން ފަދަ ކަންކަމަށެވެ. މާނައަކީ ފަންޑުން ގިނައިން މި ލޯނު ދެނީ ސަރުކާރަށެވެ. ލިބޭ އެއްޗަކަށް ވުރެން ޚަރަދު ބޮޑުކޮށް ހިންގާ ރާއްޖޭގެ ސަރުކާރުތަކަށް ފައިސާ ހޯދާ ޓޫލްއަކަށް ޕެންޝަން ފަންޑު މިއޮތީ ޒަމާނުންސުރެ ހަދައިފައެވެ.
ސަރުކާރަށް ލޭންދޭނަށް ފައިސާ ދޫކުރުމުން އޮންނަ ފައިދާއަކީ އެ ފައިސާ އަނބުރާ ލިބޭނެ ކަމުގެ ޔަގީންކަން އޮތުމެވެ. ނަމަވެސް މީގެ ގެއްލުމެއް ވެސް އެބައޮތެވެ. އެއީ ސަރުކާރުގެ ބޮންޑްތަކުން އަހަރަކު ފައިދާގެ ގޮތުގައި ލިބެނީ އިންވެސްޓް ކުރާ އަދަދުގެ ގާތްގަނޑަކަށް ހަތަރު ޕަސެންޓް ނޫނީ ފަސް ޕަސެންޓެވެ. މިއީ އިންތިހާއަށް އިންފްލޭޝަން އުފުލޭ ރާއްޖެފަދަ ގައުމެއްގައި ކުޑަ އަދަދެކެވެ. މި އަދަދު ކުޑަވުމުގެ ނަތީޖާއަކީ ފަންޑަށް އިންވެސްޓް ކޮށްފައިވާ މަސައްކަތްތެރީންނަށް ލިބޭ އެއްޗެއް ކުޑަ ވުމެވެ.
ރާއްޖޭގެ ވަރަށް މަޝްހޫރު ވިޔަފާރިވެރިއަކު ނަން ނުޖަހަން ޝަރުތުކޮށް "ސަން" އާ ވާހަކަ ދައްކަވަމުން ވިދާޅުވިގޮތުގައި ޕެންޝަން ފަންޑަށް ފައިސާ އެންމެ ގިނައިން ދެނީ އަމިއްލަ ވިޔަފާރިތަކުން ކަމަށްވާއިރު އެ ފަންޑުން އަމިއްލަ ވިޔަފާރިތަކަށް އެހާ ބޮޑަށް ފައިނޭންސް ދޫނުކުރާ ނުކުރުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.
"ޕެންޝަން ފަންޑަކީ އެއްވެސް ގޮތަކަށް ސަރުކާރުގެ އެއްޗެއް ނޫން. އެއީ އެ ފަންޑަށް ކޮންޓްރިބިއުޓް ކުރާ މުވައްޒަފުންގެ އެއްޗެއް. އެކަމަކު އެ ފަންޑުން ގާތްގަނޑަކަށް އެއް ޕަސެންޓް ވެސް އިންވެސްޓް ނުކުރޭ އަމިއްލަ ވިޔަފާރިތަކަކަށް ފައިނޭންސް ދޭކަށް. 27 ބިލިއަން ރުފިޔާ އޮތްއިރު 200 މިލިއަން ވެސް ޚަރަދު ނުކުރޭ." ތަފާތު ވައްތަރުގެ ވިޔަފާރި ކުރައްވާ އެ ބޭފުޅާ ވިދާޅުވިއެވެ.
"ޕެންޝަން ފަންޑުން ޕްރައިވެޓް ސެކްޓާގެ ގުރޯތަކަށް ފައިސާއެއް ނުދޭ. ހަމައެކަނި ސަރުކާރުގެ ޓީބިލް ގަތުމުން ކޮންޓްރިބިއުޓާސްއަށް ރަނގަޅު ރިޓާންއެއް ނުލިބޭ."
https://sun.mv/212879
އޭނާ ވިދާޅުވިގޮތުގައި ޕެންޝަން ފަންޑު މިހާރު ބޮޑުވެފައި އެވަނީ އަސްލު ވާން ޖެހޭ ވަރަކަށް ނޫނެވެ. އަމިއްލަ ވިޔަފާރިތަކަށް ފައިނޭންސް ދީގެން އެއަށް ވުރެން އެ ފަންޑަށް ލިބޭ އެއްޗެއް މާ ބޮޑުތަނުން އިތުރު ކުރެވޭނެ ކަމަށް އެ ތަޖުރިބާކާރު ވިޔަފާރިވެރިޔާ ވިދާޅުވިއެވެ. ސަބަބަކީ އަމިއްލަ ވިޔަފާރިތަކަށް ދޭ ފައިނޭންސްއިން މާ ބޮޑު އިންޓްރެސްޓް ރޭޓެއް ލިބޭނެތީއެވެ.
"ރާއްޖޭގައި ނުހެދި ހުރި ހުރިހާ ރިސޯޓެއް ނިންމަން ފައިނޭންސް ދެވޭވަރުގެ ފަންޑެއް އެބަހުރި. އެފަދަ ކަންކަމަށް ފަންޑުކޮށްގެން ފަންޑުގެ ނަފާ ބޮޑު ކުރަން ޖެހޭ," އޭނާ ވިދާޅުވިއެވެ.
ކުރިން ޕެންޝަން އޮފީހުގެ އިސް މަގާމުތައް ފުރުއްވި އަދި އެ ދާއިރާގެ ތަޖުރިބާކާރަކު މި ރިޕޯޓަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރު ގާނޫނު އޮތްގޮތުން ޕެންޝަން ފަންޑުން ޑައިރެކްޓް އިންވެސްޓްމަންޓް ހަދަން ފައިސާ ދޫ ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ސީއެމްޑީއޭގައި ލިސްޓްކޮށްގެން, ކުރަން އުޅޭ އިންވެސްޓްމަންޓާއި ރިޓާން ދޭނެ ގޮތުގެ ތަފްސީލު ދިނުމުން މިހާރުވެސް ޕެންޝަން ފަންޑުން އަމިއްލަ ވިޔަފާރިތަކަށް ފައިސާ ދެވޭނެ ގޮތް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
"އަމިއްލަ ކުންފުނިތައް ވަރަށް ރަނގަޅު ވެގެން އަންނަން ޖެހޭނީ ފައިނޭންސް ހޯދަން. މިހާރު ގާނޫނު ފަރުމާ ކޮށްފައި އޮތްގޮތުން ޕެންޝަން ފަންޑުން އިންވެސްޓް ކުރެވޭނެ މާ ބޮޑު ކަމެއް ނެތް. އެކަމަކު މިހާރުވެސް ދިރާގު, އެމްއައިބީ ފަދަ ކުންފުނިތަކުގެ ހިއްސާ އެބަހުރި ގަނެފައި އެ ފަންޑުން," އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ގާނޫނަށް ބަދަލު ގެނެސްގެން އަމިއްލަ ވިޔަފާރިތަކަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށާއި އެކަމަކު އެކަމުގެ ރިސްކް ބޮޑު ކަމަށެވެ. އެއީ ސަރުކާރަށް ދޭ ފައިސާއަށް ލިބޭ އިންޓްރެސްޓް ރޭޓް ކުޑަ ނަމަވެސް ލިބޭނެ ކަމުގެ ޔަގީންކަން އޮތުމެވެ. އޭގެ ބަދަލުގައި ޕްރައިވެޓް ސެކްޓާއަށް އިންވެސްޓް ކޮށްފިނަމަ ފައިސާ ނުލިބުމުގެ ރިސްކް ބޮޑު ކަމަށާއި އެ ރިސްކް ނަގަން ފަންޑަށް ފައިސާ ލާ މީހުން އެއްބަސްވާނެތޯ އެއީ ބަލަން ޖެހޭ ކަމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"ހައި ރިޓާން ހޯދަން, ހައި ރިސްކް ނަގަން މި ޖެހެނީ. ސުވާލަކީ ޕެންޝަން ބޯޑުގައި ތިބޭ ފަސް, ހަ މީހަކަށް އެ ފުރުސަތު ހަމަ ދޭނީތޯ،" އޭނާ ވިދާޅުވިއެވެ.

ޕެންޝަން އޮފީހުގެ ސީއިއޯ ޝުޖާތާ ހަލީމް: އޭނާ ވިދާޅުވީ މިހާރު އޮތް ޕެންޝަންގެ ނިޒާމެއް ނުދެމެހެއްޓޭނެ ކަމަށާއި 2030 އަންނަންވާއިރަށް ދައުލަތަށް ބުރަވާނެ ކަމަށް-- ފޮޓޯ: ޕެންޝަން އޮފީސް
އެ ވިދާޅުވާ ރިސްކު މެނޭޖު ކުރުމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ކުރާ ކަމަކީ ފަންޑުން އިންވެސްޓް ކުރާ ގޮތް ޑައިވަސިފައި ކުރުމެވެ. އެގޮތުން އެކި ކަހަލަ ވިޔަފާރިތަކަށް ފައިނޭންސް ދިނުމުން ރިސްކު ކުޑަވެފައި ފައިސާ ލިބޭނެ ފުރުސަތު ބޮޑުވެއެވެ.
އަނެއްކޮޅުން ރިސްކެއް ނުނެގުމަށްޓަކައި ހަމައެކަނި ސަރުކާރުގެ ހަރަދުތައް ފޫބައްދަން ފައިސާ ދީދީ ތިބުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. ޕެންޝަން އެންމެ ބޮޑު ކޮންޓިބިއުޓެއް ކުރަނީ ވެސް އަމިއްލަ މަސައްކަތްތެރިން ކަމަށްވާއިރު އަމިއްލަ ވިޔަފާރިތައް ކުރިއަރުވަން ފަންޑުން އިންވެސްޓްމަންޓް ދޭން އެއީ ކުރަން ޖެހޭނެ ކަމެކެވެ.
ރާއްޖޭގައި އިންވެސްޓް ކުރާނެ މާލީ މުއާމަލާތްތައް މަދުއިރު ދެން އޮތް ގޮތަކީ ރާއްޖޭން ބޭރުގައި އިންވެސްޓް ކުރުމެވެ. އޭނާ ވިދާޅުވިގޮތުގައި އެ ގޮތަށް އިންވެސްޓް ކުރަން ޕެންޝަން ފަންޑަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޑޮލަރު ނުލިބުމެވެ.
ބޯޑް އެކުލަވާލާފައި އޮތްގޮތް ރަނގަޅުތަ؟
ގާނޫނު އޮތްގޮތުން ޕެންޝަން ފަންޑުގެ ކަންކަން ނިންމާ ބޯޑަށް މީހުން އައްޔަން ކުރާއިރު އޭގެ ތެރޭގައި ފިނޭންސް މިނިސްޓްރީ ތަމްސީލު ކުރާނެ މީހަކާއި ސޯޝަލް ސެކިއުރިޓީ ދާއިރާ ތަމްސީލު ކުރާ މީހެއްގެ އިތުރުން ރެގިއުލޭޓާގެ ފަރާތުން މީހަކާއި އަމިއްލަ ސެކްޓާއިން މީހުން ހިމެނެއެވެ. މި މީހުން އައްޔަން ކުރަނީ ރައީސުލްޖުމްހޫރިއްޔާ ނަމަވެސް ރައީސްއާ ހަމައަށް ނަން ދަނީ އެތައް ޕްރޮސެސްއެއްގެ ތެރެއިންނެވެ.
ކުރިން ވާހަކަ ދެއްކެވި ވިޔަފާރިވެރިޔާ ވިދާޅުވިގޮތުގައި ޕެންޝަން ފަންޑު ސަރުކާރުތަކުގެ ނުފޫޒުން ސަލާމަތް ކުރުމަށް އެތަން މިނިވަން ކުރަން ޖެހެއެވެ. އެގޮތުން ސަރުކާރުން އައްޔަން ކުރާ މެންބަރުންނަށް ވުރެން ގިނައިން އަމިއްލަ ވިޔަފާރިއާއި ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރާ މީހުންގެ ފަރާތުން ތިބޭ މީހުން އިތުރު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ތަފާތު ފަންޑުތައް މެނޭޖު ކުރެއެވެ. އޭގެ ތެރޭގައި ޕެންޝަން ފަންޑު ވެސް ހިމެނޭއިރު އެހެން ގައުމުތަކުގައި އެ ފަންޑު މެނޭޖު ކުރަނީ ރައްކާތެރި ކަމަށް ވަރަށް އިސްކަން ދީގެން ވަރަށް ޕްރޮފެޝަނަލްކޮށް ހިންގާ ނިޒާމެއްގެ ތެރެއިންނެވެ. އަދި ރަނގަޅު ރިޓާންއެއް ހޯދަން ގިނަ މަސައްކަތްތަކެއް ކުރެއެވެ. މިސާލެއްގެ ގޮތުން, މެލޭޝިޔާގެ އެމްޕްލޯއީސް ޕްރޮވިޑެންޓް ފަންޑް (އީޕީއެފް) އިން ގްލޯބަލް އިކުއިޓީތަކަށް ގާތްގަނޑަކަށް 45 ޕަސެންޓް އިންވެސްޓްކޮށް، އެވްރެޖްކޮށް އަހަރަކު ހަ އެއް ނުވަތަ ފަސް ޕަސެންޓްގެ ކުރިއެރުމެއް ފަންޑަށް ހޯދައެވެ.
މޮރިޝަސްއަށް ބަލާއިރު އެ ގައުމުގެ ނޭޝަނަލް ޕެންޝަން ފަންޑުން އިންވެސްޓް ކުރަނީ ހަމައެކަނި ސަރުކާރުގެ ބޮންޑުތަކަކަށް ނޫނެވެ. އޭގެ ބަދަލުގައި ކޯޕަރޭޓް އިންވެސްޓްމަންޓްތަކާއި ރިއަލް އެސްޓޭޓް ފަދަ ދާއިރާތަކަށް ބަހާލައިގެން ފަންޑުން އިންވެސްޓްކޮށް ފަންޑު ބޮޑު ކުރެއެވެ. އޭގެ ސަބަބުން ރިޓަޔާ ކުރާ މީހުންނާއި ގައުމީ ތަރައްގީއަށް ވެސް އެހީތެރިވެދެއެވެ.
މި ރިޕޯޓްގައި މި ފާހަގަ ކުރި ކަންކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ޕެންޝަން އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ފަންޑަށް ރަނގަޅު ފައިދާއެއް ހޯދުމަށްޓަކައި ބައިނަލްއަގުވާމީ މާކެޓްގައި އިންވެސްޓް ކުރުމުގެ ވިސްނުން އެ އޮފީހުން ގެންގުޅޭ ކަމަށެވެ.
ސިޔާސީ ނުފޫޒު ފޯރާތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ޕެންޝަން އޮފީސް ހިންގަމުން އަންނަނީ ގާނޫނުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މިނިވަން މުއައްސަސާއެއްގެ ގޮތުގައި ކަމަށެވެ.
"ޕެންޝަން ފަންޑުގެ ހުރިހާ ފައިސާއެއް މެނޭޖު ކުރަމުން މި އަންނަނީ ޕެންޝަން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް. ސިޔާސީ އެއްވެސް އޯޑަރަކަށް ނޫން," އޮފިޝަލް ވިދާޅުވިއެވެ.
ރާއްޖޭގައި "މިނިވަން", މި ނަން ބޭނުން ކޮށްގެން ހިންގާ ގިނަ އިދާރާތަކާ އަޅައިބަލާއިރު ޕެންޝަން އޮފީހަކީ ވަރަށް ޕްރޮފެޝަނަލްކޮށް މިހާތަނަށް ހިންގަމުން އަންނަތަނެކެވެ. އެތަނުގެ ގިނަ މުވައްޒަފުންނަކީ ވަރަށް ޓެކްނިކަލް ބޭފުޅުންނެވެ. އަދި އެ އޮފީހަކީ ރާއްޖޭގެ ނިސްބަތުން ރަނގަޅު މުސާރައެއް ދޭ ތަނެކެވެ. އެ އޮފީހުގެ ތެރޭގައި ހިނގަން ނުވާނެ ކަންކަން ހިނގާ ކަމުގެ އަޑުތަކެއް މިހާތަނަށް ފެންމަތިވެފައެއް ނުވެއެވެ.
ނަމަވެސް ޕެންޝަން ފަންޑާމެދު މިވަނީ އިތުރަށް ވިސްނަން ޖެހިފައެވެ. އެއީ އެއް ގޮތަކަށް ވެސް ދަރާވިކިފައި އޮތް ސަރުކާރުގެ ތިޖޫރި ފޫ ބައްދަން ބޭނުން ކުރާ ވަސީލަތަކަށް ވެގެން ނުވާނެއެވެ. އޭގެ ބަދަލުގައި ފަންޑުއިތުރަށް ބޮޑުކޮށް, އެ ފަންޑަށް ފައިސާ ދައްކާ މީހުންނަށް ބޮޑު ރިޓާންއެއް ލިބޭނެ ގޮތަކަށް އަމަލު ކުރަން އެބަޖެހެއެވެ. އެއް ބައެއްގެ ނަޒަރުގައި އެއީ އަމިއްލަ ވިޔަފާރިތަކަށް ވެސް އިންވެސްޓް ކޮށްދިނުމެވެ. އަނެއް ބައެއްގެ ނަޒަރުގައި އެއީ ރާއްޖޭން ބޭރުގައި ވެސް އިންވެސްޓް ކުރުމެވެ.