ވޭޕާއި، އީ-ސިނގިރޭޓާ ގުޅުންހުރި އެކި މައްސަލަތަކުގައި މި ނިމުނު އޮކްޓޯބަރު ޖުމްލަ 226،000 ރުފިޔާގެ ބޮޑު ޖޫރިމަނާއެއް ކޮށްފިއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 35 މީހުން ވޭޕާއި، އީ-ސިނގިރޭޓުގެ އެކިއެކި މުއާމަލާތް ކޮށްގެން ޖޫރިމަނާކޮށްފައިވެއެވެ. އެއީ:
- ވޭޕާއި، އީ-ސިނގިރޭޓު ބޭނުންކޮށްގެން 19 މީހުން ޖޫރިމަނާކުރި
- ވޭޕާއި، އީ-ސިނގިރޭޓު ގެންގުޅެގެން 15 މީހުން ޖޫރިމަނާކުރި
- ވޭޕާއި، އީ-ސިނގިރޭޓު ވިއްކައި/ ގަނުމުގެ މުއާމަލާތް ކޮށްގެން އެކަކު ޖޫރިމަނާކުރި
ފުލުހުން ހާމަކުރި ގޮތުގައި ޖޫރިމަނާގެ ޖުމްލަ އަދަދު 226،000 ރުފިޔާއަށް އަރައެވެ. އޭގެ ތެރެއިން 104،000 ރުފިޔާއަކީ ވޭޕްކޮށްގެން ކުރި ޖޫރިމަނާއެވެ. އަދި ވޭޕް ގެންގުޅެގެން 97،000 ރުފިޔާގެ ޖޫރިމަނާއެއް ކުރިއިރު ވޭޕާއި، އީ-ސިނގިރޭޓު ގަނެ، ވިއްކައިގެން 20،000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކޮށްފައެވެ. ބާކީ 5،000 ރުފިޔާއަކީ ވޭޕާ ގުޅުންހުރި އެހެނިހެން މައްސަލަތަކުގައި ޖޫރިމަނާކޮށްފައިވާ ފައިސާއެވެ.
ވޭޕް މަނާކުރަން ސަރުކާރުން ނިންމީ އުމުރުން ވަރަށް ހަގު, ކިޔަވާ ކުދިންނާ ހިސާބުން ފެށިގެން އެތައް ދިވެހީންނެއް އެ ނުރައްކާތެރި ވަބާގައި ޖެހިފައި ވަނިކޮށެވެ. މިހާރު ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އޭގެ ވިޔަފާރި ކުރުމުގެ އިތުރުން އެ ބޭނުން ކުރުމަކީ ގާނޫނީ ކުށެކެވެ. އެކަންކަން ކުރާ މީހުންނަށް އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު އޮންނަ ގޮތުން މީހަކަށް ހިލޭ ވޭޕެއް ދިނަސް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ. ވޭޕް ބޭނުންކުރާ ކޮންމެ މީހަކު 5،000 އިން ޖޫރިމަނާ ކުރެވެއެވެ. އަދި، ވޭޕް ވިއްކައިފި ނަމަ 20،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރާއިރު ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ.
ރާއްޖޭގައި ވޭޕް މަނާކުރީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
އިމްޕޯޓު ޑިއުޓީ ބޮޑުކޮށް، ވޭޕް މަނާކުރި ފަހުން ސިނގިރޭޓާއި ވޭޕު ވަގަށް އެތެރެކުރާ ކަމަށާއި، ނަތީޖާއެއްގެ ގޮތުން އިމްޕޯޓު ޑިއުޓީ ވެސް ނުލިބި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ނުލިބި ގެއްލޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަނީ މިފަހުން ވިދާޅުވެފައެވެ.
ނަމަވެސް ކުރިއާ އަޅާބަލާއިރު، މާލެ ސަރަހައްދުގެ ސުކޫލުތަކުން މިހާރު ވޭޕް ސްޓިކް ނުފެނެއޭ ބުނާ ވަރަށް މަދުވެއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ ވިދާޅުވެފައެވެ.