މޯލްޑިވްސް ފުޑް ޑްރަގް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގާފައިވާ ގޮތާ ޚިލާފަށް، ރިސޯޓުތަކުގައި ބޭނުންކޮށް އުކައިލާ ތެޔޮ ވިއްކަމުންދާކަމުގެ ތުހުމަތުގައި, ހުޅުމާލޭން ހައްޔަރު ކުރި ފަސް މީހުންގެ ތެރެއިން ޖަލުން ސަލާމަތްވީ, ދިވެއްސަކާ އިނދެގެން އުޅޭ ބިދޭސީއެއްކަން ކޯޓް އަމުރުން އެނގިއްޖެއެވެ.
ފުލުހުން އިއްޔެ ބުނީ ބުދަ ދުވަހުގެ ރޭ ދަންވަރު އެ މީހުން ހައްޔަރުކޮށްފައިވަނީ އެމްޕީއެލް ކޮންޓެއިނަރު ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައި، ޕިކަޕަކަށް އަރުވަމުންދާކަމަށް އެ މުއައްސަސާއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ފަސް މީހުން ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން ހައްޔަރުކޮށް، ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ބަލައިފާސްކުރިއިރު ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި 46 ހަން ތެޔޮ ފެނިފައިވާ ކަމަށް އެ ޚިދުމަތުން ބުންޏެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވާ ފަސް މީހުންގެ ތެރެއިން ހަތަރު މީހުންގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފައެވެ. އެއީ ސައްހަ ވިސާ ނެތި ރާއްޖޭގައި އުޅެމުން ދިޔަ, އަލް އަމީން ބޮޔަޓި (37އ) އާއި، ދުލާލް މިއާހް (32އ) އާއި، މޮހަންމަދު ރަސެލް މިއާހް (34އ) އާއި، މަންވަރު ހޮސައިން (45އ) ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރު ކުރި ފަސް މީހުންގެ ތެރެއިން އެކަކަށް ބަންދުގެ މުއްދަތު ނުޖަހައި ކޯޓުން ވަނީ ދޫކޮށްލައިފައެވެ. ކްރިމިނަލް ކޯޓުގެ ބަންދުގެ އަމުރުތަކުން އެނގޭ ގޮތުގައި އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ 43 އަހަރުގެ ފިރިހެނެކެވެ.
އޭނާ ދޫކޮށްލި ސަބަބަކަށް ކޯޓު އަމުރުގައި ބުނެފައިވަނީ, އޭނާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ސައްހަ ވިސާއެއްގައި ރާއްޖޭގައި އުޅޭ މީހެއް ކަމަށެވެ. އޭނާއަކީ ޕިކަޕު ޑްރައިވަރެއް ކަމަށް އޭނާ ބުނާއިރު އެކަމަށް ބާރުލިބޭ ހެކިތަކެއް ލިބިފައިވާއިރު ޝަރުތު ކުރުމަށް ފަހު އޭނާ ދޫކޮށްލީ ކަމަށް އަމުރުގައި ވެއެވެ.

ނަމަވެސް އޭނާއަށް ކުރީ ކޮން ޝަރުތެއް ކަމެއް އަމުރުން އެނގޭކަށް ނެތެވެ.
ރިސޯޓްތަކުން އުކާލާ ތެޔޮ, މާލެ ގެނެސް, ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުގައި ބޭނުން ކުރުމަކީ ޒަމާންވީ, ސިއްހީ ނުރައްކާތެރި މައްސަލައެކެވެ. ސަން އިން ވާނީ 2016 ވަނަ އަހަރު ވެސް އެކަން ސަމާލު ކަމަށް ގެނެސްފައެވެ.
ހަމައެހެންމެ މިދިޔަ މަހު އެމްއެފްޑީއޭއިން ވަނީ، ރިސޯޓުތަކުން އުކާލާ ތެލުން ކާބޯތަކެތި ތައްޔާރުކުރާ ކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށް ބުނެފައެވެ. އަދި އެފަދަ މައްސަލަތަކުގައި ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމްއެފްޑީއޭއިން ވަނީ ދީފައެވެ.
ތެޔޮ ފަދަ އެއްޗެއް ދެ ވަނަ ފަހަރަށް ބޭނުން ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށްވާއިރު، ތަޣައްޔަރުވެފައި ހުންނަ ތެލުގެ ސަބަބުން ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާނެ ކަމަށް ސިއްހީ ބޭފުޅުން ވިދާޅުވެއެވެ.