އައްޑޫ ސިޓީ، ހިތަދޫގައި އޮންނަ "މޫލެކެޑޭ ފިށިމަތި" ސަރަހައްދު ހިއްކައި މަގެއް ހެދުމަށް ސަރުކާރުން ނިންމުމާއެކު، އެ ސަރަހަދައްކީ މިހާރުވެސް މަގެއް އޮތް ސަރަހައްދެއް ކަމަށާއި، ނުހިއްކައި ފަރުނުޖެހިގެން އުޅެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން އެ ސަރަހައްދު ހިއްކުމަށް ނިންމީ ހިތަދޫ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިންނެވެ. އެގޮތުން ލިންކު ރޯޑު ކައިރިން ނުބައި ވަސް ދުވުމާއި މަގު އެއްވަރުކުރުމަށް ރައްޔިތުން އެދުމާ ގުޅިގެން އެ ސަރަހައްދު ހިއްކަން ސަރުކާރުން ނިންމީއެވެ.
ނަމަވެސް އެ މަޝްރޫއު ހުއްޓާލުމަށް އެދި އައްޑޫގެ ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާއެއް ކަމަށްވާ 'ތިމާވެށި' އިން ވަނީ މިފަހުން ރައީސް ޑރ. މުހައްމަދި މުއިއްޒަށް ސިޓީއެއް ވެސް ހަވާލުކޮށްފައެވެ.
އެކަމާ ގުޅޭގޮތުން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އައްޑޫ ސިޓީ، ހިތަދޫ ފިށިމަތި ސަރަހައްދަކީ ކުދި މަހާއި، ކަކުންޏާއި، ޑިނގާ ފަދަ ދިރުންތަކުގެ 'ނާސަރީ'އެއް ކަމަށެވެ. އެ ސަރަހައްދުގައި މިހާރު ވެސް މަގެއް އޮތްއިރު ހިއްކާނުލައި ފަރުނުޖެހިގެން އުޅެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ހަމައެއާއެކު އެމަނިކުފާނު ވިދާޅުވީ ވެށި ހަލާކުކުރުމަކީ ވެސް އެންމެ ރަނގަޅު ކަމެއް ކަމަށް ދެކުމަކީ ގޯހެއް ކަމަށެވެ.
'ތިމާވެށި' ޖަމިއްޔާއިން ރައީސަށް އެރުވި ސިޓީގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި:
- އެ މަޝްރޫއަކީ ހިތަދޫ އުތުރުގައި ބިމުގެ ދަތިކަން ހައްލުކޮށްދޭނެ މަޝްރޫއެއް ކަމަށް އެ ޖަމިއްޔާއިން ނުދެކޭކަމަށް.
- މަޝްރޫއުގެ ސަބަބުން ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ދިމާވާ ފެނުގައި ވަސްދުވުމާއި، ލޮނުގަނޑު އެރުން ހައްލުނުވާނެ ކަމަށް ދެކޭކަމަށް.
- ފިށިމަތީގެ މަގަކީ ލިންކުރޯޑާ ގުޅުވުމަށްވުރެ މާ ކުޑަ މަގަކަށްވާތީ އެއީ އެންމެ ރަނގަޅު ގޮތަކަށް ނުވުން.
ހިތަދޫގައި އޮންނަ "މޫލެކެޑޭ ފިށިމަތި" ސަރަހައްދުގައި ޒުވާނުން -- ފޮޓޯ/ ތިމާވެށި ޖަމިއްޔާ، ސަދަން.އެމްވީ
އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކުރި ގޮތުގައި އެ ސަރަހައްދަކީ އައްޑޫގެ އެންމެ ދުވަސްވީ 'މެރިން ޕްރޮޓެކްޓެޑް' ނުވަތަ ހިމާޔަތްކޮށްފައިވާ އައްޑޫ ނޭޗާ ޕާކާއި އެންމެ ކައިރި ސަރަހައްދެވެ. އަދި އެއީ އައްޑޫގެ ބަޔޮސްފިއާ ރިޒާވްގެ ބަފާ ޒޯން ސަރަހައްދު ވެސްމެއެވެ.
އެހެންކަމުން ކުރިމަގުގައި މި މަޝްރޫއާ ހެދި ބަޔޮސްފިއާއާ ގުޅުންހުރި މަޝްރޫއުތަކަށް ލިބޭ ފަންޑު ގެއްލިދާނެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.
އެ ޖަމިއްޔާއިން ވަނީ އެ މަޝްރޫއު ހުއްޓާލުމަށްޓަކައި ވީހާވެސް އަވަސް ފިޔަވަޅެއް އެޅުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.