ނަރުހުންނާއި ޕައިލަޓުން ފަދަ ގިނަ ވަޒީފާތަކަށް ބިދޭސީން ގެނައުން ހުއްޓުވަނީ

އައިޖީއެމްއެޗްގައި ނަރުހުންތަކެއް މަސައްކަތުގައި:-- ފޮޓޯ/ އައިޖީއެމްއެޗް

ނަރުހުންނާއި ޕައިލަޓުންނާއި އިމާމުން ފަދަ އެތައް ވަޒީފާއަކަށް ބިދޭސީން ގެނައުން މަނާކުރެވޭ ގޮތަށް، ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދު އިސްލާހުކޮށްފިއެވެ.

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދު އިސްލާހުކޮށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިދިޔަ އާދީއްތަ ދުވަހު ގެޒެޓުގައި އާންމުކުރި އިސްލާހުގައިވާ ގޮތުން، ބިދޭސީންނަށް ވަޒީފާ ނުދެވޭނެ ދާއިރާތައް ކަމަށް ވަޒީރުންގެ މަޖިލީހުން ކަނޑައެޅި ދާއިރާތައް ހިމަނާފައިވެއެވެ.

އެއީ ޓެކްސީ ޑްރައިވަރުންނާއި މަތިންދާ ބޯޓު ފަހަރުގެ ކޯޕައިލަޓުންނާއި ކަނޑުމަތީ އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފޮޓޯގްރާފަރުންނާއި މުނިފޫހިފިލުވުމުގެ ދާއިރާތަކެވެ.

އެއާއެކު، މިހާރު ވަޒީފާތަކަށް ދޫކޮށްފައި ހުރި ކޯޓާތައް ވެސް ބާތިލުކުރަން ވަކި މުއްދަތެއް ވަނީ ދީފައެވެ.

އެގޮތުން ހެއާ ޑްރެސަރުންނާއި ބިއުޓީޝަނުންނާއި ކުޑަކުދިން ބަލަހައްޓާ މީހުންނާއި ޕާސަނަލް ޓްރެއިނަރުންނާއި ކަރަންޓު މަސައްކަތްކުރާ މީހުންނާއި އިނގިރޭސި ބަސް ދަންނަ ގެސްޓު ރިލޭޝަންސް އޮފިސަރުންނާއި ޓުއާ ގައިޑުންނާއި އެކައުންޓަންޓުންނާއި އިމާމުންގެ މަގާމުތަކަށް، ދެ އަހަރު ފަހުން ބިދޭސީ މަސައްކަތްތެރިންނަށް ކޯޓާ ދޫކުރުން ނިމުމަކަށް ގެނެސް ކޯޓާތައް ބާތިލުކުރަން ވާނެ ކަމަށް، އާ ބަދަލުގައިވެއެވެ.

ހަމަ އެއާއެކު، ޑައިވަރުންނާއި ނަރުހުންނާއި އިމާރާތްތައް ބަލައި ސާވޭކުރާ މީހުންނާއި ސައިޓް ސުޕަވައިޒަރުންނާއި ޕައިލަޓުންނާއި ފޮޓޯގްރާފަރުންގެ މަގާމުތަކަށް ތިން އަހަރު ފަހުން ބިދޭސީ މަސައްކަތްތެރިންނަށް ކޯޓާ ދޫކުރުން ނިމުމަކަށް ގެނެސް ކޯޓާތައް ބާތިލުކުރަން މިހާރު ލާޒިމްވާނެއެވެ.

އަދި އިންޖިނޭރުންނާއި ޑައިވް އިންސްޓްރަކްޓަރުންގެ މަގާމުތަކަށް ހަތަރު އަހަރު ފަހުން ކޯޓާ ދޫކުރުން ނިމުމަކަށް ގެންނަން ޖެހޭއިރު، ފަސް އަހަރު ފަހުން ހައުސްކީޕިން މެނޭޖަރުންނާއި ހިއުމަން ރިސޯސް މެނޭޖަރުންނާއި ފްރަންޓް އޮފީސް މެނޭޖަރުންނާއި ޕްރައިމަރީ އަދި ސެކަންޑަރީ ޓީޗަރުންގެ މަގާމުތަކަށް ކޯޓާ ދޫކުރުން ނިމުމަކަށް ގެންނަން ޖެހޭނެއެވެ.

މީގެ ތެރެއިން މިހާރުވެސް ބައެއް މަގާމުތަކުގައި މަސައްކަތްކުރާ ބިދޭސީން އެބަ ތިއްބެވެ. އެގޮތުން ހެއާ ޑްރެސަރުންނާއި ބިއުޓީޝަނުންނާއި ނަރުހުންނާއި ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީން ގިނަކަން ފާހަގަކުރެވެއެވެ.

ފާހަގަކުރެވޭ ގޮތުގައި ރާއްޖޭގައި ހުއްދަ ނެތި ވިޔަފާރި ކުރާ އެތައް ބިދޭސީންނެއް އުޅޭއިރު، އިމިގްރޭޝަނުން އަންނަނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެކި ސަރަހައްދުތަކުގައި ރެއިޑު އޮޕަރޭޝަންތައް ހިންގަމުންނެވެ.

އޭގެއިތުރަށް، އިމިގްރޭޝަނުން ދަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް، އެ މީހުން ގާނޫނުގެ ތެރެއަށް ވެއްދުމާއި، ގާނޫނުގެ ދަށުން އެ މީހުންނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އެ މީހުން ލައްވައި ނުގަވާއިދުން މަސައްކަތް ކުރުވާ ފަރާތްތަކަށް ފިޔަވަޅު އެޅުން ވެސް ހިމެނެއެވެ.

މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ހައްލުކުރުމެވެ.

comment ކޮމެންޓް