20 އަހަރު ކުރިން ކުޅުނު ފިލްމެއްގެ ފައިސާ އަދިވެސް ރާދިކާއަށް ނުލިބޭ

މީގެ 20 އަހަރު ކުރިން އިންޑިއާގެ ބަތަލާ ރާދިކާ އާޕްތޭ މަސައްކަތްކުރި ބޮލީވުޑްގެ ފިލްމުގައި ކުރި މަސައްކަތުގެ އުޖޫރަ އަދިވެސް ބަތަލާއަށް ނުދޭ ކަމަށް ބުނެފިއެވެ.

ދާދި ފަހުން ދަ އިންޑިއަން އެކްސްޕްރެސްއަށް ދިން އިންޓަވިއުއެއްގައި ފިލްމު އިންޑަސްޓްރީއާ ގުޅުންހުރި ވާހަކަތަކެއް ހިއްސާކުރަމުން ބަތަލާ ބުނީ، ފިލްމީ ދާއިރާއަށް އޭނާ ތައާރަފުވި ފިލްމުގެ ތަޖުރިބާ ދުވަހަކު ވެސް ހިތުން ފިލައިގެން ނުދާނެ ކަމަށެވެ.

ޑައިރެކްޓަރު މަހޭޝް މަންޖްރޭކަރު 2005 ވަނަ އަހަރު ގެނެސްދިން ފިލްމު "ވާހް! ލައިފް ހޯ ތޯ އެއިސީ"ގައި ރާދިކާ ކުޅެފައިވަނީ ވަރަށް ކުޑަކުޑަ ރޯލެކެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އެ ފިލްމުގައި ބަތަލާ ކުޅުނު ރޯލަށް ދޭން އެއްބަސްވި ފައިސާ އަދިވެސް ލިބިފައިނުވާ ކަމަށް ރާދިކާ ވަނީ ބުނެފައެވެ.

ބަތަލަ ރާދިކާ ފިލްމު "ވާހް! ލައިފް ހޯ ތޯ އެއިސީ"ގެ މަންޒަރެއްގައި--ފޮޓޯ/ހިންދުންސްތާންޓައިމްސް

އެ ފިލްމުން ރާދިކާއަށް ފުރުސަތު ލިބުނީ ބަތަލާ ބައިވެރިވި ސްޓޭޓް ތިއޭޓާ މުބާރާތެއްގައި ކުޅުނު ޑްރާމާއަށް އެއްވަނަ ލިބުމާ ގުޅިގެން ކަމަށާއި ޑައިރެކްޓަރު މަހޭޝްގެ ލޮލުގައި ރާދިކާ އަޅައިގަތީ އެ ހިސާބުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މަހޭޝްއަކީ ވަރަށް ރަނގަޅު މީހެއް ކަމަށާއި ނަމަވެސް ފިލްމު "ވާހް! ލައިފް ހޯ ތޯ އެއިސީ"ގެ ޕްރޮޑިއުސަރުން ރާދިކާއާ މެދު އަމަލުކުރި ގޮތް ދުވަހަކު ވެސް ހިތުން ނުފިލާނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އެ ފިލްމަށް ރާދިކާ އެއްބަސްވެ ފިލްމުގެ ކޮންޓްރެކްޓް ދޭން އެދުމުން އެކަމާ ވެސް ޕްރޮޑިއުސަރުން ދެކޮޅު ހެދި ކަމަށާއި ފިލްމު "ވާހް! ލައިފް ހޯ ތޯ އެއިސީ"އަކީ ރާދިކާގެ ކެރިއަރުގައި ކުޅުނު ފިލްމުތަކުގެ ތެރޭ ނުވެސް ގުނާ ފިލްމެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ރާދިކާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރުގެ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް އޮފް އިންޑިއާގައި ޕްރީމިއާކުރި މިސްޓްރީ ތުރިލާ "ސާލީ މޮހައްބަތު"އިންނެވެ. ރާދިކާގެ ކެރިއަރުގެ މަގުބޫލު ފިލްމީ ޕްރޮޖެކްޓްތަކުގެ ތެރޭ ނެޓްފްލިކްސްއިން ގެނެސްދިން ކާމިޔާބު ސީރީޒް "ސޭކްރެޑް ގޭމްސް" އަދި "ލަސްޓް ސްޓޯރީސް" އާއި "ގައުލް" ހިމެނެއެވެ.

comment ކޮމެންޓް