ރާއްޖޭގެ ހުރިހާ ހިސާބަކަށް މިއަދު ވެސް ކަނޑުތައް ގަދަވާނެ

ވިއްސާރަވެ ކަނޑުގަދަވުން: މިއަދު ވެސް ކަނޑުތައް ގަދަވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ----ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގެ ކަނޑުތައް މިއަދު ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓުން ބުނީ، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް މިއަދު ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރިއެވެ.

ރާޅުގެ އުސްމިނަށް ބަލާއިރު، ދެކުނުގެ ކަނޑުތަކުގައި ތިން ފޫޓާއި ހަ ފޫޓާ ދެމެދަށް ރާޅު ހުންނާނެ ކަމަށާއި މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައި ކަމަށް މެޓުން ބުނެއެވެ.

ވިއްސާރަވެ ކަނޑުގަދަވުން: މިއަދު ވެސް ކަނޑުތައް ގަދަވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެ އިތުރުން، ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި އަށާރަ މޭލާ ދެމެދު ބާރުމިނުގައި ކަމަށް މެޓުން ބުނެފައިވެއެވެ.

އެހެން ހިސާބުތަކަށް ވައި ޖެހޭނީ އިރު އުތުރާއި އިރުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގައި ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ހަމައެހެންމެ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.

ކަނޑުތައް ގަދަވާއިރު، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ. އެގޮތުން ރޭގަނޑު ދަތުރު ކުރާނަމަ މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށް އިލްތިމާސްކުރެއެވެ.

މީގެ އިތުރުން، ދަތުރުކުރާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓުމަށާއި ހުރިހާ އުޅަނދެއްގައި ވެސް ދިޔަ ހިއްކާނެ ޕަމްޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިރުޝާދުދެއެވެ.

މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަވެ، ބޯކޮށް ވާރޭ ވެހެމުންނެވެ. އެގޮތުން، އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ، ވ. ރަކީދޫއަށެވެ. އެ ރަށަށް އިއްޔެ ވަނީ، 75.3 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ، ފ. ނިލަންދޫއަށެވެ. އެ ރަށަށް 35.4 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، އދ. މާމިގިއްޔަށް 27 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

ފާހަގަކުރެވޭ ގޮތުގައި، މެޓުން މިއަދު ވަނީ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. އެ ސަމާލު ނެރެފައި ވަނީ، މިއަދު 16:00އާ ހަމައަށެވެ.

comment ކޮމެންޓް