ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް، ހަބޭސްއިން ސަން ސިޔާމް މީޑިއާ (އެސްއެސް މީޑިއާ) ޕްރޮމޯޓް ކުރުމަށް މިއަދު އެއްބަސްވެއްޖެއެވެ.
އެސްއެސް މީޑިއާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި, އެސްއެސް މީޑިއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މީޑިއާގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު)އެވެ. އަދި ހަބޭސް ބޮޑުބެރު ގްރޫޕްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ އެ ގްރޫޕްގެ އެމްޑީ ޢަލީ ޝިފާއެވެ.
ހަބޭސް ބޮޑުބެރު ގްރޫޕަކީ ރާއްޖޭގައި އެންމެ ނަން ހިނގާ އެއް ބޮޑުބެރު ގްރޫޕްކަން ފާހަގަކުރައްވައި އާސިފް ވިދާޅުވީ، އެސްއެސް މީޑިއާއިން އެ ގުރޫޕާއެކު އެއްބަސްވުމެއް ހެދުމަކީ ލިބޭ އުފަލެއް ކަމަށެވެ.

އެސްއެސް މީޑިއާއާއި ހަބޭސްއިން އެއްބަސްވުމުގައި ސޮއިކުރުން -- ސަން ފޮޓޯ
"އަޅުގަނޑު އުންމީދުކުރަނީ ދެފަރާތަށްވެސް ފައިދާހުރި ގޮތަށް މި ގުޅުމުގެ ތެެރެއިން ކަންކަން ކުރިއަށްދާނެކަން. އެއްބަސްވުމުގައި ނެތް ބައިވަރު ކަންތައްތައް ވެސް ކުރުމަށް އަޅުގަނޑުމެން މި ތިބީ ތައްޔާރަށް. ހަބޭސްއަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި ބޮޑުބެރުގައި ވަރަށް މަޝްހޫރު އަދި ގިނަ މަސައްކަތްތަކެއް ކުރައްވާ ގްރޫޕެއް،" އާސިފް ވިދާޅުވެފައިވެއެވެ.
ހަބޭސްގެ ފަރާތުން ޝިފާއު ވަނީ، އެސްއެސް މީޑިއާ ޕްރޮމޯޓް ކުރުމަށް، އެ އެއްބަސްވުމުގައި ނެތް ކަންތައްތައް ކުރުމަށް އެ ގުރޫޕުން ވެސް ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ. އަދި ހަބޭސްއަށް ދިން ފުރުސަތަށް އޭނާ ވަނީ ޝުކުރު އަދާކޮށްދައެވެ.
"މޮންދު ސާ ވިދާޅުވިހެން ކުރިއަށް އޮތް ތަނުގައި އެސްއެސް މީޑިއާއާއި ހަބޭސް ގުޅިގެން، އިރާދަކުރެއްވިއްޔާ އެގްރީމެންޓުގައި ނެތް އެތައް ކަންތައްތަކެއް ކުރެވިގެންދާނެ،" ޝިފާއު ބުންޏެވެ.

އެސްއެސް މީޑިއާގެ ލޯގޯ ޖެހި ޓީޝާޓުގައި، ހަބޭސްގެ މެންބަރުން ކާވާ މުބާރާތުގައި -- ސަން ފޮޓޯ
އެ އެއްބަސްވުމުގެ ދަށުން ހަބޭސް ބޮޑުބެރުން އެސްއެސް މީޑިއާގެ ތިން މަންސައެއް ކަމަށްވާ ސަން އޮންލައިން، އެސްއެސް ޓީވީ، އަދި ސަން ޕްލޭ ޕްރޮމޯޓް ކުރުމަށް ހަަމަޖެހިފައިވެއެވެ. އެ ޕްރޮމޯޝަނަށް، ހަބޭސްއިން އެ ގްރޫޕްގެ ސޯޝަލް މީޑިއާ ބޭނުންކުރާނެއެވެ.
މީގެ އިތުރުން، ހަބޭސްގެ ޝޯތަކުގައި އެ ގްރޫޕް މެންބަރުން އެސްއެސް މީޑިއާގެ ލޯގޯ ހިމެނޭ ޓީޝާޓް ލުމަށާއި، ލައުޑްސްޕީކަރު ބޭނުންކޮށްގެން އެސްއެސް މީޑިއާގެ މަންސަތައް އިޝްތިހާރުކުރުމަށް ވެސް އެއްބަސްވެފައިވެއެވެ. އަދި ބެނާސް ފަދަ އެހެނިހެން ގޮތްގޮތުން ވެސް އެސްއެސް މީޑިއާގެ މަންސަތަކުގެ ލޯގޯ ޕްރޮމޯޓްކުރާ ގޮތަށް އެއްބަސްވެފައިވެއެވެ.
އެސްއެސް މީޑިއާއިން ވަނީ ހަބޭސްއަށް ޚާއްސަ ޗެނަލެއް ސަންޕްލޭގައި ގާއިމުކުރުމަށް އެެއްބަސްވެފައެވެ. އަދި ސަން އޮންލައިންއާއި އެސްއެސް ޓީވީ މެދުވެރިކޮށް ހަބޭސްގެ ބައެއް ކޮންޓެންޓް ގެނެސްދިނުމަށް ވެސް އެއްބަސްވެފައިވެއެވެ.
ރާއްޖޭގައި އިއްޔެ ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ސީނިއާ އަންހެން މުބާރާތް ކަމަށްވާ ވިމެންސް ކާވާ ކަޕް 2025ގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. މިމުބާރާތުގެ މެޗުތައް އެސްއެސްޓީވީ އަދި ސަން ޕްލޭ މެދުވެރިކޮށް ވަގުތުން ގެނެސްދޭނެއެވެ. އެ މުބާރާތުގައި ހަބޭސްގެ ހުށަހެޅުންތައް ވެސް ފެނިފައިވެއެވެ.
ދެހާސް އެގާރަ ވަނަ އަހަރު އުފެއްދި ހަބޭސް ބޮޑުބެރު ގްރޫޕު ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދާފައެވެ. މިހާރު 27 މެންބަރުން ހިމެނޭ މި ގްރޫޕްގެ ސަގާފީ މިއުޒިކު، ރާއްޖެއިން ބޭރުގެ ހަރަކާތްތަކުގައި ވެސް އާންމުކޮށް ދައްކައެވެ.