އެމެރިކާއިން ޗައިނާއަށް 10 ބިލިއަނެއްހާ ޑޮލަރަށް އަގުއަރާ މިންވަރަށް ހަތިޔާރު ވިއްކަން ނިންމައި، ޗައިނާއާއި ޓައިވާނާ ދެމެދު މަސްރަހު ހޫނުވެފައިވަނިކޮށް ރާއްޖެއިން ޗައިނާއާއެކު ދެމި އެބައޮތް ކަމަށާއި، ގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހުމަކީ ރާއްޖޭން ގަބޫލުކުރާ ހަމައެއް ނޫންކަމަށް ދިވެހި ސަރުކާރުން ރޭ ބުނެފިއެވެ.
ޗައިނާއިން ވަކިވެ އަމިއްލަ ވެރިކަމެއް ހިންގަމުން އަންނަ ޓައިވާން ވަށައި، ޗައިނާގެ އަސްކަރީ މަތިންދާބޯޓުތައް ދުއްވަމުން އަންނަތާ މިއަަދަކީ ދެވަނަ ދުވަހެވެ.
ޗައިނާއިން ވަނީ އެކި އަސްކަރީ އުޅަނދުތައް، ޓައިވާން ހިމެނޭ ސަރަހައްދަށް ފޮނުވައިފައެވެ. އެ ގައުމުން ބުނާ ގޮތުގައި އެއީ، ވަކިވެގަތުމުގެ ވިސްނުން ގެންގުޅޭ ފަރާތްތަކަށާއި "ބޭރުގެ ބާރުތަކަށް" ހަމަލަ ދިނުމަށެވެ.
ފޮރިިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، ދިވެހި ސަރުކާރުން "ވަން ޗައިނާ ޕޮލިސީ"ގެ ހަމަތައް ބަލައިގަންނަކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި ޓައިވަނަކީ ޗައިނާގެ ސަރަހައްދުގެ ބައެއްގެ ގޮތުގައި ރާއްޖެއިން ބަލައިގަންނަކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ، ރާއްޖޭގެ މި ނިންމުމަކީ 1972ވަނަ އަހަރު ޗައިނާއާއެކު ޚާރިޖީ ގުޅުން ގާއިމްކުރި ހިސާބުން ފެށިގެން ދަމަހައްޓަމުން އަންނަ ނިންމުމެއް ކަމަށެވެ. އަދި މއީ ޗައިނާގެ އިސްތިގުލާލާއި، ސަރަހައްދީ ބާރުވެރިކަމަށް ރާއްޖޭން ކުރާ އިހްތިރާމްގެ ރަމްޒެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

ޗައިނާގެ ބޮން އަޅާ މަތިންދާ ބޯޓެއް ޓައިވާންގެ އިރުމަތީ ސަރަހައްދުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: ޗައިނާ އީސްޓާން ތިއޭޓާ ކޮމާންޑް
އަދި މިއީ ވަކިވަކި ގައުމުތަކުގެ ދާޚިލީ މައްސަލަތަކަށް އެހެން ގައުމުތަކުން ނުވަދެ، ސުލްހަވެރިކަމާއެކު ގައުމުތައް ދެމިއޮތުމަށް ރާއްޖޭން ގެންގުޅޭ ވިސްނުން ހާމަވާ ކަމެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.
އެއާއެކު ރާއްޖޭން ވަނީ "ބައެއް ފަރާތްތަކުން" އެ ހަމަތައް އެއްފަރާތްކޮށް މިނިވަން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"ރާއްޖެއިން، ޗައިނާއާއެކު އޮތް ޒަމާންވީ އެކުވެރިކަމާއި ގުޅުން، އިތުބާރާއި ދެ ގައުމުގެ ފައިދާއާއި، ސުލްހައާއި ދެމެހެއްޓެނިވި ތަރައްގީގެ މައްޗަަށް ބަދަހިކުރުމުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެން،" ބަޔާނުގައިވެއެވެ.
ރާއްޖެއިން މިފަދައިން ބަޔާނެއް ނެރެފައިވާއިރު، މި ދަނޑިވަޅުގައި ޗައިނާއަށް ބޮޑު ނުތަނަވަސްކަމެއް މެދުވެރިވެފައިވާ އެއް ސަބަބަކީ އެމެރިކާއިން 10 ބިލިއަން ޑޮލަރަށް އަގުއަރާ މިންވަރުގެ ހަތިޔާރު ޕެކޭޖެއް ޓައިވާނަށް ވިއްކަން ނިންމައިފައިވާކަން ހާމަކުރުމެވެ.
ކޮންގްރެސްއިން ފާސްކޮށްފިނަމަ، މިއީ ކުރީގެ ރައީސް ޖޯ ބައިޑަންގެ ދައުރުގައި ޓައިވާނަށް އެމެރިކާއިން ހަތިޔާރު ވިއްކި ޖުމްލަ 8.4 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަކަށް ވާނެއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން މި ފިޔަވަޅަށް ރައްދު ދެމުން ބުނީ، މިއީ ޗައިނާއާއި އެމެރިކާއާ ދެމެދު ވެފައިވާ ޑިޕްލޮމެޓިކް އެއްބަސްވުންތަކާ ޚިލާފު ކަމެއް ކަމަށެވެ. އަދި ޗައިނާގެ އިސްތިގުލާލާއި ސަލާމަތާއި ސަރަހައްދުގެ އެއްބައިވަންތަކަމަށް ބޮޑެތި ގެއްލުންތަކެއް ދިނުމާއި ސަރަހައްދީ ހަމަޖެހުން ގެއްލެން މެދުވެރިވާނެ ކަމެއް ކަމަށެވެ.