32 ކާޓަން ސިނގިރޭޓް އަތުލުން: ބިދޭސީ މީހާގެ ބަންދަށް އިތުރު 15 ދުވަސް

ގަވާއިދާ ހިލާފަށް ރާއްޖޭގައި ސިނގިރޭޓްގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ބަންގްލަދޭޝް މީހާގެ ބަންދަށް އިތުރު 15 ދުވަސް އިއްޔެ ޖަހައިފިއެވެ.

މިދިޔަ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެ ރޭ, މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ބަންގްލަދޭޝްއަށް ނިސްބަތްވާ 44 އަހަރުގެ ޝުކޫރު އަލީއެވެ. އޭނާ ހައްޔަރު ކުރީ އާ އަހަރު ފެށުމާ ގުޅުވައި ފުލުހުން މާލޭގައި ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަން "ރިވެލި"ގެ ތެރެއިންނެވެ.

އޭނާގެ އަތުން ވަނީ 10 ސިނގިރޭޓް ފޮއްޓާއި 3200 އަށްވުރެ ގިނަ ޔޫއެސް ޑޮލަރާއި 2900 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައެވެ. އޭގެއިތުރަށް، އޭނާ އުޅެމުންދިޔަ ތަން ބަލައިފާސް ކުރުމުން ވަނީ 32 ކާޓަން ސިނގިރޭޓާއި 13 ފޮށި ސިނގިރޭޓް ފެނިފައި ކަމަށް ފުލުހުން ބުންޏެވެ.

https://sun.mv/215923

މި މައްސަލައިގައި ޝުކޫރުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ މަހުގެ 27 ގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އެ މުއްދަތު އިއްޔެއަށް ހަމަވާތީ އިތުރަށް ބަންދުގައި ބެހެއްޓުމަށް ފުލުހުން އެދުމުން ކްރިމިނަލް ކޯޓުން އިއްޔެ މި ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފައެވެ.

ރާއްޖެއަށް އެތެރެ ކުރާ ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާއެކު ވަގު ސިނގިރޭޓް އެތެރެކުރުމާއި ސިނގިރޭޓުގެ ވަގު ވިޔަފާރި ރާއްޖޭގައި ވަނީ ވަރަށް އާއްމުވެފައެވެ. އަދި މިއާއެކު ސިނގިރޭޓް ޑިއުޓީއިން ދައުލަތަށް ލިބެމުންދިޔަ އާމްދަނީ ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

comment ކޮމެންޓް