ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ 15 އަހަރުގެ ދިގު ވެރިކަން ނިމުމަކަށް ގެނައުމަށް 2024 ގައި ދަރިވަރުންތަކެއް އިސްވެ ހިންގި މުޒާހަރާތަކަށް ފަހު އެ ގައުމުގައި ފުރަތަމަ ފަހަރަށް ބާއްވާ އާންމު އިންތިޚާބު އަންނަ ބުރާސްފަތި ދުވަހު ބާއްވަން ވަނީ ހަމަޖެހިފައެވެ.
މިއީ އަހަރުތަކަކަށްފަހު އިންތިޚާބުގައި ވާދަކުރުން މަނާކޮށްފައިވާ ހަސީނާގެ އަވާމީ ލީގު ޕާޓީ ނުހިމެނޭ ގޮތަށް ބާއްވާ ފުރަތަމަ އިންތިޚާބެވެ.
ވަޒީފާގެ ކޯޓާތަކާ ދެކޮޅު ހެދުމުން ފުރަތަމަ ފެށި މުޒާހަރާތައް ފުޅާވެ، 1،400އަށް ވުރެ ގިނަ މީހުން މަރުވިއިރު، އޭގެތެރޭގައި ގިނައީ ސަލާމަތީ ބާރުތަކުގެ މީހުންނެވެ.
މުޒާހަރާތަކުގެ ޕްރެޝަރާ ހެދި ވެރިކަމުން އިސްތިއުފާދެއްވުމަށްފަހު ހަސީނާ ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފައެވެ.
އޭގެފަހުން ވަގުތީ ވެރިކަމެއް ގާއިމުކޮށް ނޮބެލް ސުލްހައިގެ އިނާމު ލިބިފައިވާ މުހައްމަދު ޔޫނުސް ވަނީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހު ވަގުތީ ސަރުކާރުގެ އިސްވެރިއެއްގެ ގޮތުގައި ހުވާކުރައްވާފައެވެ.
މި އިންތިޚާބަކީ، އަވާމީ ލީގުގެ ދަށުން އަހަރުތަކެއް ވަންދެން އޮޅުވާލުމާއި ފިއްތުންތައް ކުރިމަތިވެފައިވާ ބަންގްލަދޭޝްގެ ޑިމޮކްރެޓިކް ނިޒާމު އަލުން ގާއިމު ކުރަން ލިބުނު ފުރުސަތެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެެވެ.
ބުރާސްފަތި ދުވަހު ބާއްވާ އާންމު އިންތިޚާބުގައި ގާނޫނު ހަދާ މަޖިލީހުގެ 300 ގޮނޑިއަށް 2،000 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެއެވެ. އޭގެތެރެއިން 27 ޕަސެންޓަށް ވުރެ ގިނަ ކެންޑިޑޭޓުންނަކީ 25 އަހަރާއި 44 އަހަރާ ދެމެދުގެ ކެންޑިޑޭޓުންނެވެ.
އެ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ލިބޭ ޕާޓީއަކުން އައު ސަރުކާރު އެކުލަވައިލާނެއެވެ.

ހަސީނާއާ ދެކޮޅަށް ބޭއްވި މުޒާހަރާތަކުގެ ތެރެއިން: ހަސީނާގެ އަވާމީ ލީގަށް އިންތިޚާބުގައި ވާދަނުކުރެވޭ -- ފޮޓޯ/ ރޮއިޓާސް
ވާދަކުރާ މައިގަނޑު ޕާޓީތަކަކީ ކޮބާ؟
ބަންގްލަދޭޝްގެ ސިޔާސީ މައިދާނުގައި މިހާރު ހަރަކާތްތެރިވާ މުހިއްމު ޕާޓީތަކަކީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އާއި ޖަމާޢަތު އިސްލާމީ އަދި ނޭޝަނަލް ސިޓިޒަން ޕާޓީ (އެންސީޕީ) އެވެ.
އުމުރުން 60 އަހަރުގެ ތާރިގް ރަހުމާން އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ ބީއެންޕީ އަކީ އިންތިޚާބުގެ އެންމެ ކުރީގައި އޮތް ޕާޓީ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ބީއެންޕީއަކީ ހަސީނާގެ ވެރިކަމާ އިދިކޮޅު ޕާޓީއެވެ. ތާރިގް ރަހްމާނަކީ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ދަރިކަލުންނެވެ.
ޖަމާއަތު އިސްލާމް ޕާޓީ ސިޔާސީ ދާއިރާއިން ދުރުގައި އޮތުމަށްފަހު، ޕާޓީ ލީޑަރު ޝަފީގް ރަޙްމާންގެ ލީޑަރުކަމުގައި ވަނީ ހަރުދަނާކޮށްފައެވެ.
މީގެ އެއް އަހަރު ކުރިން ހަސީނާގެ ވެރިކަމާ ދެކޮޅަށް ހިންގި ދަރިވަރުންގެ ހަރަކާތްތަކުން އުފަންކުރި، އެންސީޕީ އަކީ ''ޕްރޯ ބަންގްލަދޭޝް''ގެ ނަމުގައި ބްރޭންޑުކޮށް، ޒުވާނުންގެ ވިސްނުމާ އެއްގޮތަށް ސަރުކާރަށް ބަދަލު ގެންނަން އަމާޒު ހިފާފައިވާ ޕާޓީއެކެވެ.
ބަންގްލަދޭޝްގެ ނޫސްވެރިއެއް ކަމަށްވާ މުހައްމަދު އަރީފުއް ރަހުމާން ސިބްލީއާ ހަވާލީ ޓީއާރްޓީ ވޯލްޑުން ރިޕޯޓުކޮށްފައިވާ ގޮތުގައި ތާރިގް ރަހުމާންގެ އިސްނެންގެވުމުގެ ދަށޫން ބީއެންޕީގެ ސިޔާސަތު ބިނާވެފައިވަނީ "ގްރާސްރޫޓް ފަސްޓް" މޮޑެލްއަކަށެވެ. އެގޮތުން ބަންގްލަދޭޝްގެ ލީޑަރުންނާ އާންމުކޮށް ގުޅިފައިވާ އާއިލީ ވެރިކަމުގެ ވިސްނުމާ ޚިލާފަށް، އޭނާ އިސްކަން ދެއްވަނީ ޕާޓީގެ ތެރޭގައި ޑިމޮކްރަސީ އިސްކޮށް، މުއްސަނދިންނާއި ފަގީރުންނާއި ދެމެދު އޮތް ފަރަގު ކުޑަކުރުމަށް ކަމަށް ސިބްލީ ވިދާޅުވިއެވެ.
ނަމަވެސް ރަޝިޔާގެ ނޭޝަނަލް ރިސާޗް ޔުނިވާސިޓީ ހަޔާ ސްކޫލް އޮފް އިކޮނޮމިކްސްގައި ހުންނަ ބަންގްލަދޭޝްގެ އިންޓަނޭޝަނަލް އެފެއާޒް އެނަލިސްޓެއް ކަމަށްވާ އަބުލް ހަސަން އެކަމާ ދެކޮޅު ހައްދަވައެވެ. ހަސަން ވިދާޅުވާ ގޮތުގައި ބީއެންޕީގެ އާ ލީޑަރަކީ 175 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ އެގައުމަށް ކުރިމަތިވެފައިވާ އެތައް ގޮންޖެހުންތަކުން ސަލާމަތް ކުރުމުގެ ގާބިލްކަން ހުރި ލީޑަރެއް ނޫނެވެ.
"ފަހަކަށް އައިސް ދެއްކެވި ވާހަކަތަކާއި އަމަލުތަކުން ދޭހަވަނީ އިދިކޮޅު ފަރާތްތަކާ މުހާތަބުކޮށް ފާޑުކިޔުމުގައި އަވާމީ ލީގާއި އެއްގޮތް ސްޓައިލެއް ގެންގުޅުއްވާ ކަމަށް." ޓީއާރުޓީ ވޯލްޑަށް ހަސަން ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ދަރިވަރުން އިސްވެ އޮވެ އުފެއްދި ނެޝަނަލް ސިޓީޒަން ޕާޓީ (އެންސީޕީ) ގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ނާހިދު އިސްލާމް ގެ ޕޯސްޓަރެއް -- ފޮޓޯ/ރޮއިޓާސް
ޖަމާޢަތު އިސްލާމްގެ ޝަފީޤު ރަޙްމާނާ ބެހޭގޮތުން ސިބްލީ ފާހަކުރެއްވިގޮތުގައި އޭނާ ވެސް ގެންދަވަނީ ޒުވާނުންގެ ވޯޓު ހޯއްދަވަން މަސައްކަތް ކުރައްވަމުންނެވެ.
"އޭނާގެ ލީޑަރުކަމުގައި ޖަމާޢަތު އިސްލާމުން ވަނީ ސަގާފީ ސިޔާސީ ކަންކަމުން މާޔޫސްވެފައިވާ ޒުވާން ޖީލު ޝައުގުވެރި ކުރުވުމަށްޓަކައި 'ޕްލޫރަލިޒަމް' އާއި 'އިންކްލޫސިވް ގަވާނަންސް' ގެ ވާހަކަ ދައްކައިގެން އެ ޕާޓީގެ ތަސައްވަރު ރަނގަޅު ކުރަން މަސައްކަތްކޮށްފައި." އޭނާ ވިދާޅުވިއެވެ.
ދެ ތަޖުރިބާާކާރުންވެސް ގަބޫލުކުރާ ގޮތުގައި މި ޕާޓީތަކުން އަންނަނީ ރަނގަޅު އިސްލާހީ އެޖެންޑާތަކެއް އެކަށައަޅަން މަސައްކަތްކުރަމުންނެވެ.
މިހާރު އެންމެ ބޮޑުވެފައިވާ މައްސަލަތަކަކީ ކޮބާ؟
އިންތިޚާބުގެ ކެމްޕޭންތަކުގައި ކެންޑިޑޭޓުން މައިގަނޑު ގޮތެއްގައި އަލިއަޅުވާލި މައްސަަލަތަކަކީ އިޖްތިމާއީ އިގްތިސާދީ މައްސަލަތަކެވެ. އޭގެތެރެއިން އެންމެ ފާހަގަކުރެވެނީ ކޮރަޕްޝަން އިތުރުވުމާއި ވަޒީފާ ނެތުމުގެ މައްސަލައެވެ.
ހަސީނާގެ 15 އަހަރުގެ ވެރިކަމުގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިން މައްސަަލަތައް ހުރިކަން، ވަގުތީ ވެރިޔާ ޔޫނުސް އިސްވެ ހުންނަވައިގެން ހިންގި ތަހުގީގުތަކުން ދައްކައެވެ.
"ކޮރަޕްޝަން މުޅި ގައުމުގެ ކޮންމެ ދާއިރާއަކަށް ވަދެއްޖެ. ބޭރުގެ ތަޖުރިބާކާރުން ވެސް ގިނަ ބަޔަކު ގަބޫލުކޮށްފައި ވަނީ ބަންގްލަދޭޝްގެ ތަރައްގީއާއި ކުރިއެރުމަށް އޮތް އަސާސީ ހުރަހަކީ ކޮރަޕްޝަން ކަމަށް." ހަސަން ވިދާޅުވިއެެވެ.
ވަޒީފާ ނެތުމުގެ ސަބަބުން ކޮރަޕްޝަންގެ މައްސަލަ އިތުރަށް ގޯސްވެފައިވާއިރު، އެކަށީގެންވާ ތައުލީމާއި ފުރުސަތު ނުލިބުމުގެ ސަބަބުން ޒުވާނުން ގާނޫނާ ޚިލާފު ކަންކަމަށް އެނބުރެމުން ދާ ކަމަށް ވެސް ހަސަން އިތުރަށް ވިދާޅުވިއެވެ.
އިންފްލޭޝަނާއި އެކްސްޕޯޓް ދަށްވުމާއި އިންވެސްޓްމަންޓްތައްވެސް މަދުވެފައިވާ މި ދަނޑިވަޅުގައި ވޯލްޑް ބޭންކުން ވަނީ މި ހިނގާ މާލީ އަހަރު ބަންގްލަދޭޝްގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރު 4.6 ޕަސެންޓަށް ދަށްކޮށްފައެވެ.
ސިބްލީ އިތުރަށް ވިދާޅުވި ގޮތުގައި 18 މަސް ދުވަހުގެ ތެރޭގައި 10 މިލިއަން ވަޒީފާ އުފެއްދުމަށް ބީއެންޕީން ވައުދުވުމަކީ 2024 ވަނަ އަހަރުގެ ކޯޓާ ހަރަކާތުން ކުރިމަތިވި މާޔޫސްކަމަށް ސީދާ ރައްދުދޭ ކަމެކެވެ.

ތާރިގް ރަހްމާންގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން: އޭނާ ވަނީ އެ ޕާޓީއަށް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ ރޮއިޓާސް
އާ އިއްތިހާދުތަކާއި ކުރީގެ ވާދަވެރިން
އަވާމީ ލީގު އިންތިޚާބުން ބާކީ ކުރުމާ ގުޅިގެން އިންތިޚާބުގައި ވާދަކުރާ ޕާޓީތަކަށް ބޮޑެތި ރަނގަޅު ބަދަލުތަކެއް އައި ކަމަށާއި އަވާމީ ލީގު ވެރިކަން ކުރިއިރު އެމީހުން ގެންގުޅުނު ސިޔާސީ އުކުޅުތަކުން ޕާޓީތައް ބައިބައިވި ކަމަށް ހަސަން ވިދާޅުވިއެވެ.
އަދި މިއީ ދެ ޕާޓީގެ ވާދަވެރިކަން އޮތް އިންތިޚާބު ނިމި އާ ވާދަވެރިންތަކަކާއެކު ބާއްވާ އިންތިޚާބެއް ކަމަށް ސިބްލީ ފާހަގަކުރެއްވިއެވެ.
އިންތިޚާބުގައި ވާނީ ކިހިނެއް؟
ކުރިއަށް ބަލާއިރު ދެން އަންނާނީ ކޮން ކަހަލަ ސަރުކާރެއް ކަމާމެދު ޚިޔާލުތަފާތުވުންތައް އެބަހުއްޓެވެ.
އިންތިޚާބުގެ ކުރިން ކުރި ސާވޭތަކުން އެންމެ ބޮޑު ޕާޓީގެ ގޮތުގައި ފާހަގަވެފައިވަނީ ބީއެންޕީއެވެ. އެ ޕާޓީގެ ކެންޑިޑޭޓަކީ ތާރިގް ރަހުމާނެވެ.
ތާރިގް ރަހުމާނު ވަނީ އެ ޕާޓީއަށް އިންތިޚާބު ކާމިޔާބު ކުރެވޭނެކަން ޔަގީން ކަމަށާއި ކޯލިޝަން ސަރުކާރެއް އުފެދުމުގެ ފުރުސަތު ނެތް ކަމަށް ވިދާޅުވެފައެވެ.
އަނެއްކޮޅުން ޖަމާޢަތުގެ އިސްލާމީ ޕާޓީގެ ޝަފީޤު ރަޙްމާން ވަނީ ކޯލިޝަން ސަރުކާރެއް އެކުލަވާލަން ބޭނުންވާކަން ހާމަކުރައްވާފައެވެ.
ދާދި ފަހުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި ވޯޓުލާން ބޭނުންވާ މީހުންގެ ތެރެއިން 30.2 ޕަސެންޓް މީހުން ވޯޓުލުމުގެ ނިންމުން ބިނާކުރަން ރާވާފައި ވަނީ ވަކިވަކި ކެންޑިޑޭޓުންގެ މައްޗަށެވެ. ޕާޓީގެ ވިސްނުމާ އެއްގޮތަށް ވޯޓުލާނެ ކަމަށްވެސް ގާތްގަނޑަކަށް 30 ޕަސަންޓް މީހުން ބުނެފައިވާއިރު، 32.2 ޕަސަންޓް މީހުން ބުނީ ވޯޓުލުމުގެ ކުރިން ކެންޑިޑޭޓާއި ޕާޓީއާ ގުޅުން ހުރި ކަންކަމަށް ވެސް ވިސްނާނެ ކަމަށެވެ.
ބަންގްލަދޭޝްގެ ރައްޔިތުންގެ މަޖިލީހުގެ 350 މެންބަރުން އިންތިޚާބު ކުރުމަށް، ވޯޓުލުމުގެ ހައްގު ލިބިފައިވާ 127 މިލިއަން މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.