ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަހަރު 95 މިލިއަން ފަސިންޖަރުން ދަތުރުކުރި

ދުބާއީ އެއާޕޯޓު. އެ އެއާޕޯޓުން މިދިޔަ އަހަރު 95.2 މިލިއަން ފަސިންޖަރުން ދަތުރުކޮށްފައިވޭ. ފޮޓޯ/އޭއެފްޕީ

ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓު، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަހަރު 95 މިލިއަން ފަސިންޖަރުން ދަތުރު ކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރު އެ ގައުމަށް ދަތުރުކުރި ފަތުރުވެރިންގެ އަދަދު ފަސް ޕަސަންޓް އިތުރުވެ، 19.6 މިލިއަނަށް އަރާފައިވާއިރު، މިއީ އެ ރެކޯޑު ވިދިވިދިގެން ގާއިމުކުރިން ތިން ވަނަ އަހަރެވެ.

ދުބާއީ އެއާޕޯޓުން 2024 ވަނަ އަހަރު 92.3 މިލިއަން ފަސިންޖަރުން ދަތުުރުކޮށްފައިވާއިރު، އޭގެ ކުރީ އަހަރު 86.9 މިލިއަން ފަސިންޖަރުން ދަތުރުކޮށްފައިވެއެވެ. ދެހާސް ނަވާރާ ވަނަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫއެރުމުގެ ކުރިން އެގައުމަށް 86.3 މިލިއަން ފަސިންޖަރުން ދަތުރުކޮށްފައިވާއިރު، 2018 ވަނަ އަހަރު 89.1 މިލިއަން ފަސިންޖަރުން ދަތުރުކޮށްފައިވެއެވެ.

މިދިޔަ އަހަރު ދުބާއީ އެއާޕޯޓުން ބޭރަށް އެންމެ ގިނައިން ދަތުރުކުރީ އިންޑިއާ ފަސިންޖަރުންނެވެ. އެ ގައުމުން 11.9 މިލިއަން ފަސިންޖަރުން ދަތުރުކުރިއިރު، ދެ ވަނައަށް އެންމެ ގިނައިން ދަތުރުކުރި ސައުދީ އަރަބިއާއިން 7.5 މިލިއަން ފަސިންޖަރުން ދަތުރުކޮށްފައިވެއެވެ. އިނގިރޭސިވިލާތުން 6.3 މިލިއަން ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ. އެ އެއާޕޯޓުން 110 ގައުމެއްގެ 291 ސިޓީއަކަށް ދަތުރުކުރާ 108 އެއާލައިނަކަށް ހިދުމަތް ދީފައިވެއެވެ.

ދުބާއީގެ އެއާޕޯޓް އޮޕަރޭޝަންތައް ގާތްގަނޑަކަށް 45 ކިލޯމީޓަރު (28 މޭލު) ދުރުގައި އޮންނަ އަލް މަކްތޫމް އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލު ކުރަން އެ ގައުމުގެ ކަބާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. ދެހާސް ދިހަ ވަނަ އަހަރު ހުޅުވި, އަލް މަކްތޫމަކީ ކޮވިޑް-19ގެ ދުވަސްވަރު އެމިރޭޓްސްގެ ޑަބަލް ޑެކާ އެއާބަސް އޭ380 އާއި އެހެނިހެން މަތިންދާބޯޓުތަކުގެ ޕާކިން ޒޯނެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ.

ގާތްގަނޑަކަށް 35 ބިލިއަން ޑޮލަރުގެ އަޕްގްރޭޑަކަށް ފަހު 2032 ވަނަ އަހަރު ސިޓީ ސްޓޭޓްގެ ދެވަނަ އެއާޕޯޓަށް އޮޕަރޭޝަންތައް ބަދަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ރާވާފައެވެ.

comment ކޮމެންޓް