ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝައިހް ހަސީނާ ވެރިކަމުން ދުރުކުރި ފަހުން ބާއްވާ ފުރަތަމަ އާންމު އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު، އެކަމަނާގެ އުފަން ރަށް ގޯޕަލްގަންޖްގައާއި އެ ސަރަހައްދުގެ އެހެން ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލާ މީހުންގެ އަދަދު ވަރަށް ދަށް ކަމަށް ބަންްގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ވެރިކަމުން ދުރުކުރުމުން ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެން ހުންނެވި ހަސީނާ ހަސީނާ އާއި އެކަމަނާގެ އެކުވެރިން ވަނީ އަވާމީ ލީގު ނެތް އިންތިހާބަކީ ސައްޚަ އިންތިޚާބެއް ކަމަށް ނުބެލެވޭނެ ކަމަށް ބުނެ، "ނޯ ބޯޓް، ނޯ ވޯޓް" ޝިއާރުގެ ދަށުން މިއަދުގެ ވޯޓު ބޮއިކޮޓް ކުރުމަށް ސަޕޯޓަރުންނަށް އިލްތިމާސްކޮށްފަ އެވެ.
އިންތިޚާބުން ސަސްޕެންޑް ކޮށްފައިވާ, ހަސީނާ ނިސްބަތްވެވަޑައިގަންނަވާ އަވާމީ ލީގަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ވޯޓު ލާން ނުދާނެ ކަމަށް ބުނެފައެވެ.

ވެރިކަމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ. ފޮޓޯ/ގެޓީ
އެ ސަރަހައްދުގައި ހަސީނާގެ ބާއްޕާފުޅު އަދި ބަންގްލަދޭޝްގެ ކުރީގެ ލީޑަރު ޝައިހް މުޖީބުއް ރަހްމާންގެ އުފަން ރަށް ޓުންގިޕާރާ ހިމެނެއެވެ. އެ ސަރަހައްދަކީ އަވާލީ ލީގުގެ ނުފޫޒު ވަރުގަދަ ތަނެއް ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ބަންގްލަދޭޝްގެ އެޚޮން ޓީވީން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ހެނދުނު ޓުންގިޕާރުގެ ވޯޓުލާ މަރުކަޒުގައި ވޯޓުލާ މީހުން ވަރަށް މަދު ކަމަށެވެ. އެ މަރުކަޒު އޮތީ ގާތްގަޑަަކަށް ހުސްކޮށް ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.
ހަސީނާ ވަނީ ތަކުރާރުކޮށް ގޯޕާލްގަންޖް އިން އިންތިހާބުގައި ވާދަކުރައްވާފައެވެ. ވާދަކުރެއްވި ކޮންމެ ފަހަރަކު އަވަމީ ލީގުން އެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ބޮޑު ތަފާތަކުންނެވެ. ގޯޕަލްގަންޖް-1، 2 އަދި 3 ހިމެނޭހެން އެ ސަރަހައްދުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ގާތްގަޑަކަށް އެއް މިލިއަން މީހުން އުޅެއެވެ.