ތެޔޮ ސަލާމަތް ކުރުމަށް ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ވިއެޓްނާމުން އިލްތިމާސް ކޮށްފި

ބަހްރެއިންގެ ސިޓްރާ އައިލެންޑްގައި ހުންނަ ބާޕްކޯ ތެޔޮ ރިފައިނަރީއަށް ހަމަލާ ދީފައި. ފޮޓޯ/ރޮއިޓާސް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން، ވިއެޓްނާމްގެ ޓްރޭޑް މިނިސްޓްރީން އެ ގައުމުގެ ކުންފުނިތަކަށް އިލްތިމާސްކޮށްފައިވަނީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ފުރުސަތު ދިނުމަށެވެ. މިއީ ތެލުގެ ބޭނުން ކުޑަކޮށް، ހަކަތައިގެ ދަތިކަމުން އަރައިގަތުމަށް އަޅާ ފިޔަވަޅެކެވެ. ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ފީފާއަކަށް 119 ޑޮލަރަށް އަރާފައިވާއިރު، ހުރްމޮޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ތެލުގެ ސަޕްލައިއަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މި ހާލަތާ ގުޅިގެން ބަންގްލަދޭޝް ފަދަ ގައުމުތަކުން ވެސް ކުއްލި ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކުރެވެއެވެ.

  • މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު 119 ޑޮލަރަށް އުފުލުން.
  • ތެޔޮ ސަލާމަތް ކުރުމަށް ވިއެޓްނާމުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ބާރުއެޅުން.
  • ހުރްމޮޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ތެލުގެ ސަޕްލައިއަށް ބުރޫއެރުން.
  • ހަކަތައިގެ ދަތިކަން ކުޑަކުރުމަށް ބަންގްލަދޭޝްގެ ޔުނިވާސިޓީތައް ބަންދުކުރުން.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ ސަޕްލައިއަށް ބުރޫއަރައި އަގު އުފުލެމުންދާތީ ތެޔޮ ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މުވައްޒަފުން ގޭގައިތިބެގެން މަސައްކަތް ކުރުމަށް ހިތްވަރު ދިނުމަށް ވިއެޓްނާމްގެ ޓްރޭޑް މިނިސްޓްރީން އެ ގައުމުގެ ވިޔަފާރި ކުންފުނިތަކަށް ގޮވާލައިފިއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ތެލުގެ ސަޕްލައިއަށް ބުރޫއެރުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ގައުމުތަކުގެ ތެރޭގައި ވިއެޓްނާމް ހިމެނޭއިރު، އެ ގައުމަކީ މެދުއިރުމަތިން ހަކަތަ އެތެރެކުރުމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެކެވެ.

އެ ގައުމުގެ ޓްރޭޑް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވިޔަފާރިތަކުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ހިތްވަރު ދޭން އެދޭ ކަމަށެވެ.

ވިއެޓްނާމްގެ އިތުރުން ހަކަތައިގެ ދަތިކަމުން އަރައިގަތުމަށް އަޅާ ކުއްލި ފިޔަވަޅެއްގެ ގޮތުން ބަންގްލަދޭޝްގެ ހުރިހާ ޔުނިވާސިޓީތަކެއް އިއްޔެއިން ފެށިގެން ބަންދުކުރަން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ބަންގްލަދޭޝްގެ ސަރުކާރު އަދި އަމިއްލަ ޔުނިވާސިޓީތަކުން އެ ނިންމުން ތަންފީޒުކުރާނެއެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގު އުފުލެމުން އަންނައިރު، ބައިނަލްއަގުވާމީ ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު އިއްޔެ ވަނީ ފީފާއެއް 119 ޑޮލަރަށް އުފުލިފައެވެ. މިއީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ 2022 ވަނަ އަހަރު ފެށުނު ފަހުން ތެލުގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަަމަ ފަހަރެވެ.

އިސްރާއީލާއި އެމެރިކާ ގުޅިގެން ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން އަންނަނީ އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަަމަލަތައް ދެމުންނެވެ.

ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހުރްމޮޒް ކަނޑުއޮޅިން ބޯޓުފަހަރު ދަތުރުކުރުން ކޮންޓްރޯލުކޮށް ގާތްގަޑަކަށް ހުއްޓުމަކަށް ގެނެސްފައެވެ. އެހެންވެ ތެލުގެ ސަޕްލައިއަށް ބުރޫއަރައި އަގު ވަނީ އުފުލިފައެވެ.

comment ކޮމެންޓް