ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޑޮމެސްޓިކް ދަތުރުތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރުމާ ގުޅިގެން، ޓެކްސީ ހޯދުމަށް މާ ދުރަށް ހިނގަންޖެހޭތީ ދަތުރުވެރިން ބޮޑެތި ޝަކުވާތަކެއް ކުރަން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން "ސަން"އާ ވާހަކަދެއްކި ގިނަ ދަތުރުވެރިން ބުނި ގޮތުގައި، އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ގެނައި ބަދަލުތަކާއެކު، ޑޮމެސްޓިކް ޓާމިނަލް (ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް)އިން ނިކުމެގެން ޓެކްސީއެއް ހޯދުމަށް ކިއުއާ ހަމައަށް ދާން ކުރަންޖެހޭ ދަތުރު މިހާރު ވަނީ ވަރަށް ބޮޑު ތަކުލީފަކަށް ވެފައެވެ. ކުރިން ޑޮމެސްޓިކް ޓާމިނަލުން ނިކުމެ، ފެރީތައް އޮންނަ ސަރަހައްދުން ޓެކްސީ ކިއު ފެށޭތީ ހިނގަންޖެހޭ ރާސްތާ ކުޑަކަން ދަތުރުވެރިން ފާހަގަކުރެއެވެ.
ނަމަވެސް، އައު ބަދަލާއެކު ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް ސަރަހައްދުގައި އޮންނަ ޓެކްސީ ކިއު ވަނީ އުވާލާފައެވެ. އަދި އެ ސަރަހައްދުން ފަސިންޖަރުން ނެގުން މަނާކޮށްފައިވާތީ، ޑޮމެސްޓިކުން އަންނަ ފަސިންޖަރުން ދާންޖެހެނީ އިންޓަނޭޝަނަލް ޓާމިނަލްގެ އެރައިވަލްއަށެވެ. އެއީ ގާތްގަނޑަކަށް 481 މީޓަރުގެ ދިގުމިނެވެ. އާ ޓާމިނަލް ނިމޭ ހިސާބެވެ. ނަމަވެސް ކުރިން ޑޮމެސްޓިކުން ޓެކްސީއެއް ނަގަން ހިނގަންޖެހެނީ ގާތްގަނޑަކަށް 290 މީޓަރެއްހާ ސަރަހައްދުގެ ދިގުމިނަށެވެ.

ވީއައިއޭގެ އާ ޓާމިނަލް: ޓެކްސީއެއް ހޯދުމަށް ގާތްގަނޑަކަށް 481 މީޓަރުގެ ދިގުމިނުގެ ސަރަހައްދެއް މިހާރު ޑޮމެސްޓިކުން ނިކުމެ ހިނގަންޖެހޭ -- ފޮޓޯ: އެމްއޭސީއެލް
މިހާރު ދަތުރުވެރިން ޖެހެނީ ހޯލްވޭ މެދުވެރިކޮށް އައު އިންޓަނޭޝަނަލް ޓާމިނަލާ ހަމައަށް ދިގު ހިނގުމެއް ހިނގާށެވެ. އެތަނަށް ވަދެ، އަލުން ބޭރަށް ނިކުމެ ޓެކްސީ ކިއުއަށް އެރައިވަލްއާ ހަމައަށް ހިނގުމަކީ ގިނަ ދަތުރުވެރިންނަށް އުފުލަންޖެހޭ ވަރަށް ބޮޑު ބުރައެކެވެ. ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިން ގޮވައިގެން ދަތުރުކުރާ ދަތުރުވެރިން އެ ކަން ފާހަގަކުރެއެވެ.
މީގެ އިތުރުން، ޕާކިން ޒޯން ކައިރިން އައު ޓާމިނަލަށް ހުރަސްކުރެވޭނެ އިންތިޒާމެއް ނެތުމުން، ކުރީގެ އިންޓަނޭޝަނަލް ޓާމިނަލާ ހަމައަށް ގޮސް ހުރަސްކޮށްފައި، އަލުން އައިކޮޅަށް އެނބުރި ދާންޖެހުމަކީ ވެސް އާންމުންގެ ބޮޑު ޝަކުވާއެކެވެ. މިއީ ވަގުތު ބޭކާރުވެ، އުފުލަންޖެހޭ ބުރައެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
އެހެންކަމުން، ދަތުރުވެރިންނަށް ކުރިމަތިވަމުންދާ މި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ޑޮމެސްޓިކް ސަރަހައްދުން ވެސް ފަސިންޖަރުންނަށް ޓެކްސީއަށް އެރޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށާއި، އާ ޓާމިނަލް ސަރަހައްދަށް ފަސޭހައިން ހުރަސްކުރެވޭނެ ގޮތްތަކެއް ހަމަޖައްސަން ގިނަ ބަޔަކު އަންނަނީ އެދެމުންނެވެ.
މީގެ ކުރިން ވީއައިއޭގައި ސައިކަލު ޕާކިން ޒޯނުގެ މައްސަލައިގައި ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުން، އެކަން ހައްލުވީ ވަރަށް ގިނަ ދުވަސްތަކެއް ފަހުންނެވެ.