ފުރަތަމަ ދުވަހު އެކަނިވެސް 15 މިލިއަން ޑޮލަރުގެ އާމްދަނީއާ އެކު ފިލްމު 'ދުރަންދަރު 2' ތާރީޚުގެ ތެރެއަށް

ފިލްމު "ދުރަންދަރު 2"ގެ ލީޑް އެކްޓަރު ރަންވީރު ސިންގް ފެންނަ އެ ފިލްމުގެ ޕޯސްޓަރެއް--ފޮޓޯ/އެންޑީޓީވީ

މިދިޔަ ބުރާސްފަތި ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ފިލްމު "ދުރަންދަރު 2" ފުރަތަމަ ދުވަހު އެކަނި 145 ކްރޯޑު ރުޕީސްގެ އާމްދަނީއާ އެކު ތާރީޚުން ޖާގަ ހޯދައިފިއެވެ.

ކުޅަދާނަ ފިލްމު އުފެއްދުންތެރިޔާ އަދިތިޔަ ދާރު ޑައިރެކްޓްކޮށް ރަންވީރު ސިންގް މުހިއްމު ރޯލެއް ކުޅެފައިވާ "ދުރަންދަރު 2"އަށް ފުރަތަމަ ދުވަހު ހޯދުނު މި އާމްދަނީއާ އެކު އެ ފިލްމުގެ ބޮލީވުޑްގެ ހުރިހާ ރެކޯޑުތަކެއް މުގުރާލާފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ހަމައެއާއެކު މި ފިލްމަކީ ބޮލީވުޑްގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ކާމިޔާބު ފެށުމެއް ހޯދި ފިލްމުގެ ލަޤަބު ވެސް ވަނީ ހޯދާފައެވެ.

ފިލްމު ރަސްމީކޮށް ރިލީޒްކުރުމުގެ ކުރިން ބޭއްވި "ޕެއިޑް ޕްރިވިއު" ތަކުން އެކަނިވެސް މި ފިލްމު ވަނީ އާދަޔާ ޚިލާފު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން ފުރަތަމަ ދުވަހު އިންޑިއާގެ ބާޒާރުން އެކަނިވެސް 100 ކްރޯޑް ރުޕީސްއަށް ވުރެ ގިނައިން އާމްދަނީ ހޯދި ފުރަތަމަ ހިންދީ ފިލްމުގެ ޝަރަފު މި ފިލްމަށް ވަނީ ލިބިފައެވެ.

ފިލްމު "ދުރަންދަރު 2"ގެ ޑައިރެކްޓަރު އަދިތިޔަ ދާރު. އިންޑިއާގެ ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ އަދިތިޔަ ދާރު މިހާރު ފާހަގަކުރެވެނީ ފިލްމު އިންޑަސްޓްރީގެ އެންމެ ނުފޫޒުގަދަ ޑައިރެކްޓަރުންގެތެރޭ--ފޮޓޯ/އެންޑީޓީވީ

މިދިޔަ ބުރާސްފަތި ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ފިލްމު ރިލީޒްކުރި ނަމަވެސް، އޭގެ ކުރިން ބުދަ ދުވަހުގެ ހަވީރު ބޭއްވި ޚާއްޞަ ޝޯތަކުން އެކަނިވެސް 43 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މީގެ ކުރިން "ސްތުރީ 2" އިން ގާއިމުކޮށްފައިވާ 10 ކްރޯޑްގެ ރެކޯޑު މުގުރާލި ވަރުގަދަ ފެށުމެކެވެ.

މި ކާމިޔާބީއާއެކު، ފިލްމު ރިލީޒްކުރި ރަސްމީ ފުރަތަމަ ދުވަހުގެ ނިޔަލަށް ފިލްމަށް ލިބުނު ޖުމްލަ އާމްދަނީގެ އަދަދު ވަނީ 145 ކްރޯޑް ރުޕީސްއަށް އަރާފައެވެ. އެއީ ގާތްގަނޑަކަށް 15 ނުވަތަ 16 މިލިއަން ޑޮލަރާ ކައިރިކުރާ އަދަދެކެވެ. މިއީ ބޮލީވުޑްގެ ތާރީޚުގައި އެއް ދުވަސް ތެރޭ މިހާ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ފަހަރެވެ.

މި ރެކޯޑު މީގެކުރިން ހޯދާފައި ވަނީ އެޓުލީ ޑައިރެކްޓްކޮށް ޝާހްރުކް ޚާން ލީޑް ރޯލް ކުޅުނު ފިލްމު "ޖަވާން"އެވެ.

މުޅި އިންޑިއާގެ ފިލްމީ ތާރީޚަށް ބަލާއިރު، މިއީ "ޕުޝްޕާ 2"އަށް ފަހު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. އެ ފިލްމަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީގެ އަދަދަކީ 164 ކްރޯޑު ރުޕީސްއެވެ.

އަދިތުޔާ ދާރް ޑައިރެކްޓްކޮށްފައިވާ މި ސްޕައި ތުރިލާ ފިލްމުގައި ރަންވީރު ސިންގްގެ އިތުރުން އާރް. މާދަވަން، އަރުޖުން ރާމްޕާލް، ސަންޖޭ ދަތު، ސާރާ އަރުޖުން އަދި ރާކޭޝް ބޭދީ މުހިންމު ރޯލުތަކުން ފެންނާނެއެވެ.

ފިލްމު "ދުރަންދަރު" ގެ ފުރަތަމަ ބަޔަށް ބޮޑު ތަރުހީބެއް ލިބި، ދުނިޔޭގެ ބާޒާރުން 1300 ކްރޯޑްގެ އާމްދަނީއެއް އެ ފިލްމަށް ލިބިފައިވާއިރު، މި ސީކުއަލްއިން އެއަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް