'ސްވައިޕް' އިން ފިންޓެކްގެ މަރުކަޒެއްގެ ގޮތުގައި ދިވެހިރާއްޖެ ދުނިޔޭގެ ޗާޓަށް އަރުވައިދޭނެ!

މުޙައްމަދު ސާވީ ފަހުތުﷲ -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން ދާދި ފަހުން ތައާރަފުކުރި ސްވައިޕް ޑިޖިޓަލް ވޮލެޓަކީ ދިވެހިރާއްޖޭގެ މާލީ ނިޒާމު ޒަމާނީކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މިއީ ހަމައެކަނި ފައިސާ ދައްކާ އެޕްލިކޭޝަނެއް ނޫނެވެ؛ މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ، ޓެކްނޮލޮޖީގެ ގޮތުން ފުރިހަމަ ޑިޖިޓަލް ޕްލެޓްފޯމެކެވެ. މި ޕްރޮޖެކްޓްގެ އެންމެ ހާއްސަ ކަމަކީ، މިއީ ސައްތައިން ސައްތަ ދިވެހި ޒުވާން ޑިވެލޮޕަރުންނާއި ޑިޒައިނަރުންގެ ޓީމަކުން އުފައްދާފައިވާ އެއްޗެއްކަމެވެ. މި ވޮލެޓުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމުގެ މާލީ މުއާމަލާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

  • ސްވައިޕް ވޮލެޓަކީ ދިވެހި ޒުވާން ޑިވެލޮޕަރުންގެ ޓީމަކުން އަމިއްލައަށް ފަރުމާކޮށް ތަރައްގީކުރި ޑިޖިޓަލް އުފެއްދުމެކެވެ.
  • ވިޔަފާރިތަކަށް ލިބޭ ފައިސާގެ މުއާމަލާތްތަކުން ނަގާ ކޮމިޝަން 1 އިންސައްތައަށް ކުޑަކޮށްދީ، މާލީ ފައިދާ އިތުރުކޮށްދެއެވެ.
  • ފްރީލާންސަރުންނާއި އޮންލައިން ވިޔަފާރިވެރިންނަށް ބޭރުގެ ފައިސާ ޓްރާންސެކްޝަން ފީއަކާ ނުލައި ލިބުމުގެ ފުރުސަތު ފަހިކޮށްދެއެވެ.
  • މަލްޓި-ކަރަންސީ ސަޕޯޓާއި ފަސޭހަ ފައިސާ މެނޭޖްމަންޓް ފީޗާތައް މެދުވެރިކޮށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނުވައެވެ.

ދިވެހިރާއްޖޭގެ މާލީ ދާއިރާ ޑިޖިޓަލްކުރުމުގެ ދަތުރުގައި މިއީ އައު ހަރުފަތެކެވެ. މި މަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޖަރުމަނުވިލާތުގައި ބޭއްވި އައިޓީބީ ބާލިން ފެއާގައި ރަސްމީކޮށް ތަޢާރަފުކުރި "ސްވައިޕް" ޑިޖިޓަލް ވޮލެޓަކީ، ހަމައެކަނި ފައިސާ ދައްކާ އެޕްލިކޭޝަނެއް ނޫނެވެ. ބައިނަލްއަގުވާމީ ޑިޖިޓަލް ވޮލެޓެކެވެ. މި ވޮލެޓް ޑިވެލޮޕްކުރުމުގެ ފަހަތުގައި ތިބީ ދިވެހި ޒުވާން ޑިވެލޮޕަރުންނާއި ޑިޒައިނަރުންގެ ޓީމެކެވެ. މިއީ ސައްތައިން ސައްތަ ދިވެހި އުފެއްދުމެކެވެ.

މި ޓީމުގައި އިސްކޮށް ހަރަކާތްތެރިވި އެއް ޒުވާނަކީ މުޙައްމަދު ސާވީ ފަހުތުﷲ އެވެ. އޭނާގެ ނަޒަރުގައި މިއީ ހަމައެކަނި ވަޒީފާއެއް އަދާކުރުމުގެ ގޮތުން ކޮށްލި މަސައްކަތެއް ނޫނެވެ.. މިއީ ދިވެހިރާއްޖެއަށް މާނަހުރި އުފެއްދުމެއް ގެނެސްދިނުމަށް ލިބުނު ރަނުގެ ފުރުސަތަކެއް ކަމަށް ވިސްނި އޭނާއާއި އޭނާގެ ޓީމަށް މިދާއިރާއިން ލިބިފައިވާ އިލްމާއި ހިލްމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން ލިބުމުން ވުޖޫދުކުރެވުނު ތާރީޚީ އުފެއްދުމެކެވެ.

ސްވައިޕް ވޮލެޓުގެ މަސައްކަތް ފެށިގެން އައީ ވަރަށް ފުރިހަމަ ތަސައްވުރަކާއެކުގައެވެ. ބީއެމްއެލްގެ ހެޑް އޮފް ޑިޖިޓަލްގެ މަގާމު އަދާކުރަމުންދާ ސާވީ ކިޔައިދިން ގޮތުގައި، މި ޕްރޮޖެކްޓް ފެށީ ދިވެހި 10 ޑިވެލޮޕަރުންނާއި ޑިޒައިނަރުންގެ މައްޗަށް އެކުލެވޭ ޓީމެއް އެކުލަވާލައިގެންނެވެ. ފުރަތަމަ ދުވަހުން ފެށިގެންވެސް އެ ޓީމުގެ އެންމެ ބޮޑު އަމާޒަކަށްވީ، ދިވެހިންގެ އަމިއްލަ އަތުން، ދިވެހިން ބަލައިގަންނާނެ ޚާއްޞަ އުފެއްދުމެއް ފަރުމާކުރުމެވެ.

"ތެދުތެދަށް ބުނަންޏާ، މިއީ ވަރަށް އެކްސައިޓިން މަސައްކަތެއް. އަޅުގަނޑާއި އަޅުގަނޑުގެ ޓީމަށް މިއީ ކުރަމުންދާ މަސައްކަތަށް އިތުރު ޕްރޮޖެކްޓެއް ނޫން. މިއީ ރާއްޖެއަށް މާނަހުރި އުފެއްދުމެއް ތައްޔާރުކުރުމަށް ލިބުނު ފުރުސަތެއް،" ސާވީ އޭނާގެ ތަޖުރިބާ ހިއްސާކުރަމުން ބުންޏެވެ.

މުޅިން އައު ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމެއް ސުމަކުން ފެށިގެން އުފެއްދުމަކ އާދައިގެ ކަމެއް ނޫނެވެ. ސާވީ ފާހަގަކުރި ގޮތުގައި، މީހުންގެ އުންމީދުތައް ފޮނިވާނެކަންއެނގޭތީ، އެއީ ވަރަށް ބޮޑު ޒިންމާއެއްކަން ޓީމަށް އިޙުސާސްކުރެވުނެވެ. ނަމަވެސް، އެކަން ވެގެންދިޔައީ ޓީމުގެ ގާބިލުކަން ސާބިތުކޮށްދީ، އައު ހަރުފަތަކަށް ވާސިލުވުމަށް ލިބުނު ހިތްވަރަކަށެވެ. ޓީމު އެކުލަވާލުމަށްފަހު، އެޕްލިކޭޝަން ޑިޒައިންކޮށް، ކޮންމެ މީހެއްގެ ޒިންމާތައް ކަނޑައަޅައި، އެންމެން ގުޅިގެން ރެޔާއި ދުވާލު ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކީ މިއަދު ފެންނަން އޮތް ފުރިހަމަ ސްވައިޕް ވޮލެޓެވެ.

މުޙައްމަދު ސާވީ ފަހުތުﷲ -- ފޮޓޯ/ ބީއެމްއެލް

މިފަދަ ކޮމްޕްލެކްސް އެޕްލިކޭޝަނެއް އުފެއްދުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހެއެވެ. ސާވީ ފާހަގަކުރި އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ހަމައެކަނި އެޕްލިކޭޝަނެއް ހެދުމުގެ ބަދަލުގައި، އޭގެ ފަހަތުގައިވާ މުޅި އިކޯސިސްޓަމް ސުމަކުން ފެށިގެން ބިނާކުރަން ޖެހުމެވެ. ޕޭމަންޓް ގޭޓްވޭތަކާއި، ބޭންކިން ނިޒާމުތަކާ ގުޅުވާލުމާއި، ސެކިއުރިޓީ ކަށަވަރުކުރުމަކީ އިންތިހާއަށް ބުރަ އަދި ޓެކްނިކަލް މަސައްކަތެކެވެ.

"އަނެއް ގޮންޖެހުމަކީ، ބެކްގްރައުންޑްގައި ހިނގާ ވަރަށް ކޮމްޕްލެކްސް ޕްރޮސެސްތަކާއެކުވެސް، ބޭނުންކުރާ މީހުންނަށް އެޕްގެ ތަޖުރިބާ ވީހާވެސް އާދައިގެ އަދި ފަސޭހަ ގޮތަކަށް ފަރުމާކުރުން. އެ ބެލެންސް ހިފެހެއްޓުމަށް ވަރަށް ބޮޑު މަސައްކަތެއް ކުރަންޖެހުނު،" ސާވީ ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ މި ވޮލެޓުގައި، ދުނިޔޭގެ ކޮންމެ ގައުމެއްގެ މީހަކަށްވެސް ފައިސާ ޓޮޕަޕް ކުރުމާއި ފޮނުވުމުގެ އިންތިޒާމު ހަމަޖައްސައި، މަލްޓި-ކަރަންސީ ސަޕޯޓް ހިމެނުމަކީ ޑިވެލޮޕަރުންގެ ހުނަރުވެރި މަސައްކަތް ދައްކުވައިދޭ ކަމެކެވެ. ސާވީ ދެކޭގޮތުގައި، މި މަސައްކަތް ގޮންޖެހުން ބޮޑުވި ވަރަކަށް، އެކަމުން ލިބުނު ހިތްހަމަޖެހުންވެސް ބޮޑުވިއެވެ. ސަބަބަކީ، މިއީ ރާއްޖޭގެ މާލީ ނިޒާމުގައި ހުރި ހަގީގީ މައްސަލަތަކަކަށް ހައްލު ހޯދައިދީ، މުޅިން އައު އީޖާދެއް ވުޖޫދަށް ގެނައުން ކަމަށްވާތީއެވެ.

ސްވައިޕް ވޮލެޓާއެކު، ދިވެހިން ފައިސާ މެނޭޖުކުރާ ގޮތަށް ބޮޑު ބަދަލެއް އަންނާނެއެވެ. ސާވީ ފާހަގަކުރި ގޮތުގައި، މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ބޭނުންކުރާ ފަރާތްތަކުން ފައިސާގެ ކަންކަން ބެލެހެއްޓުމަށް ފަސޭހަވާނެ ގޮތަށެވެ. އެގޮތުން، ފައިސާ ޚަރަދުކުރެވޭ ގޮތުގެ ތަފްސީލުތައް ކެޓަގަރައިޒްކޮށްގެން ބަލައިލެވޭނެ އިންތިޒާމު ހަމަޖެހިފައިވުމަކީ، އަމިއްލަ މާލީ ހާލަތާއި ލިބޭ އާމްދަނީއާއި ހާރަދުކުރެވޭ ގޮތް ދެނެގަތުމަށް ލިބޭ ވަރަށް ބޮޑު އެހީއެކެވެ.

މީގެ އިތުރުން، ވަގުތުން ފައިސާ ފޮނުވުމާއި، “ރިކުއެސްޓް-ޓު-ޕޭ” ފީޗާ މެދުވެރިކޮށް އެހެން މީހުންގެ އަތުން ފައިސާ ހޯދަން ރިކުއެސްޓް ފޮނުވޭ ގޮތަށް ހުރުމަކީ ދިރިއުޅުމުގެ އާދައިގެ ކަންކަން ވަރަށް ބޮޑަށް ފަސޭހަކޮށްދޭނެ ކަމެކެވެ.

މި މަހު އައްޑޫ ސިޓީގައި މި ޚިދުމަތް ރަސްމީކޮށް ފެށިއިރު، އެކަމުގައިވެސް ސާވީއާއި އޭނާގެ ޓީމަށް އިތުރު ފަޚްރެއް ލިބުނެވެ. ސްވައިޕް ޑިވެލޮޕް ކުރުމުގެ ފަހަތުގައި ސާވީ ހިމެނޭހެން މުޅިންހެން ތިބީ އައްޑުއަށް ނިސްބަތްވާ ފަރާތްތަކެވެ.

ސްވައިޕަކީ ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓުގެ ގޮތުގައި ކަނޑައަޅާފައިވާއިރު، މިއީ ފަތުރުވެރިންނަށް ވެސް ލިބޭނެ ބޮޑު ލުޔެކެވެ. މިހާރު އެހެން ވޮލެޓުތަކާއި ކާޑުތަކުން ފަތުވެރިން ފައިސާ ދައްކާއިރު، ރިސޯޓްތަކާއި، ގެސްޓް ހައުސްތަކާއި ވިޔަފާރިތަކުން 2.5 އިންސައްތައަށް ވުރެ މަތިން ކޮމިޝަން ނެގި ނަމަވެސް، ސްވައިޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ނަގާނީ އެންމެ އެއް އިންސައްތަ ފީއެކެވެ.

ދުނިޔޭގެ މަޝްހޫރު ޕްލެޓްފޯމްތައް ކަމަށްވާ ޕޭޕަލް ނުވަތަ ވައިސް ފަދަ ވަސީލަތްތަކުން ރާއްޖެއަށް ފައިސާ ފޮނުވާއިރު ބޮޑެތި ޗާޖުތަކެއް، ބައެއް ފަހަރު 100 ޑޮލަރަށް 15 ޑޮލަރުގެ ނެގި ނަމަވެސް، ސްވައިޕްގެ ޕާސަނަލް ވޮލެޓަށް ރާއްޖެއިން ބޭރުން ގެންނަ ފައިސާއަށް އެއްވެސް ފީއެއް ނުނަގާނެއެވެ. މިއީ ރާއްޖޭގައި މަސައްކަތްކުރާ ފްރީލާންސަރުންނާއި އޮންލައިން ވިޔަފާރިވެރިންނަށް އެކި ގައުމުތަކުގެ ކްލައިންޓުންގެ އަތުން ފައިސާ ހޯދުމަށް ހުޅުވުނު ރަނުގެ ފުރުސަތެކެވެ.ސާވީގެ އުންމީދަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ސްވައިޕް އަކީ ކޮންމެ ދިވެއްސެއްގެވެސް އާންމު ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވެގެން ދިޔުމެވެ. ގިނަ ބަޔަކު މި އެޕްލިކޭޝަން ބޭނުންކުރަން ފެށުމާއި، ވިޔަފާރިތަކުން ސްވައިޕް މެދުވެރިކޮށް ފައިސާ ބަލައިގަންނަން ފެށުމާއެކު، މީގެ ބޭނުންތެރިކަން ދާނީ ފުޅާވަމުންނެވެ.

މިފަދަ ބޮޑު މަސައްކަތެއް ކުރެވޭނީ އެކި ފަރާތްތަކުގެ އެއްބާރުލުން ލިބިގެންނެވެ. ސާވީ ވަނީ ސްވައިޕް ޓީމްގައި ހިމެނޭ ހުރިހާ ޑިވެލޮޕަރުންނާއި ޑިޒައިނަރުންނާއި ޖުމްލަކޮށް ސްވައިޕް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރި ހުރިހާ ފަރާތްތަކަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ. އެ ފަރާތްތަކުގެ މިންނެތް މަސައްކަތާއި އަގުހުރި ވަގުތު މިކަމަށް ޚާއްސަނުކުރިނަމަ މިކަން ކާމިޔާބު ނުވާނެ ކަމަށް ސާވީ ގަބޫލުކުރެއެވެ. ބީއެމްއެލްގެ ލީޑަރޝިޕުން ސާވީ އާއި ޓީމަށް ކުރި ފުރިހަމަ އިތުބާރާއި ދިން އެއްބާރުލުމަށް ވެސް ސާވީ ވަނީ ވަރަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. ސްވައިޕް ބޭނުންކުރާ ފަރާތްތަކަށް ވެސް ޚާއްސަ ޝުކުރެއް ސާވީ ވަނީ އަދާކޮށްފައެވެ. އެ ފަރާތްތަކުން ކުރާ އިތުބާރާއި ދޭ ޚިޔާލަކީ ސްވައިޕަށް އިތުރު ފުރިހަމަކަމާއި ތަރައްގީ ގެނުވާނެ ކަމެއްކަމަށް ސާވީ ގަބޫލުކުރެއެވެ.

comment ކޮމެންޓް