ލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަން ލައިސެންސަށް އެދިއްޖެ

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް: ސްރީ ލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމަށް ލައިސެންސް ހޯދުމަށް އެދިފައިވާ ކަމަށް ވިދާޅުވި--- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްރީ ލަންކާގައި ބްރާންޗެއް ހުޅުވުމަށް މަސައްކަތްތަކެއް ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން ބޭންކުގެ ހިދުމަތްތައް ރާއްޖެއިން ބޭރަށް ފުޅާކުރުމަށްޓަކައި ލައިސަންސް ހޯދުމަށް ސްރީ ލަންކާގެ ސެންޓްރަލް ބޭންކަށް މިހާރު ވަނީ ހުށަހަޅާފައެވެ. މިއީ ދިވެހިންނަށް އެކި ބޭނުންތަކުގައި ލަންކާއަށް ކުރާ ދަތުރުތަކާއި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ބޭންކިން ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

  • ބީއެމްއެލްގެ ބްރާންޗެއް ލަންކާގައި ހުޅުވުމަށް ލައިސަންސް ހޯދަން އެ ގައުމުގެ މަރުކަޒީ ބޭންކަށް ހުށަހަޅާފައިވޭ
  • ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް މިކަން ޔަގީންކޮށްދެއްވައި ޕްރޮޕޯސަލްތައް ހުށަހަޅާފައިވާކަން ހާމަކުރެއްވި
  • ލަންކާގައި ބްރާންޗެއް ހުޅުވުމަށް ބޭންކުގެ ކެޕިޓަލް އިތުރުކުރުމުގެ މުހިންމުކަން ބޭންކުގެ އިސްވެރިން ފާހަގަކުރައްވާފައިވޭ
  • މި މަސައްކަތަކީ ދިވެހިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކުރާ މަސައްކަތެއްގެ ބައެއް
  • ބީއެމްއެލް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 42 ބްރާންޗާއި 179 ސެލްފް ސާވިސް ސެންޓަރު މެދުވެރިކޮށް ހިދުމަތް ދެމުންދޭ

އަވައްޓެރި ސްރީ ލަންކާގައި ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭއިރު، އެ ގައުމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ.

ބީއެމްއެލްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ މަސައްކަތުގެ ދަށުން، އައްޑުއާއި ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ 18 އަތޮޅެއްގައި ބީއެމްއެލްގެ 42 ބްރާންޗާއި 179 ސެލްފް ސާވިސް ސެންޓަރު އަންނަނީ ހިންގަމުންނެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، އެހެން ގައުމުތަކުގައި ވެސް ބީއެމްއެލްގެ ބްރާންޗް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމަށް ލައިސެންސް ހޯދަން އެ ގައުމުގެ ސެންޓްރަލް ބޭންކަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އަޅުގަނޑުމެން މި ވަނީ ސްރީ ލަންކާގައި ބްރާންޗެއް ހުޅުވުމަށްޓަކައި ލައިސެންސަށް އެދި ސެންޓްރަލް ބޭންކަށް ހުށަހަޅާފައި. ރާއްޖެއިން ބޭރުގައި ބޭންކެއްގެ ބްރާންޗެއް ހުޅުވޭއިރު ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ވެސް އެބަހުރޭ. ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް

ޝަރީފް ވިދާޅުވީ ލަންކާގެ އިތުރުން އެހެން ހިސާބުތަކުގައި ވެސް ބީއެމްއެލްގެ ބްރާންޗްތައް ހުޅުވާއިރު ބޭންކުގެ ކެޕިޓަލް ވެސް ރަނގަޅުވާން ޖެހޭ ކަމަށެވެ.

ބޭންކުގެ ކެޕިޓަލް މިހާރު 16 ބިލިއަންގައި ހުރި ނަމަވެސް ރާއްޖޭން ބޭރުގައި ބްރާންޗެއް ހުޅުވާއިރު، ކެޕިޓަލް އެއަށްވުރެ ވެސް ރަނގަޅުވާން ޖެހޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ބޭނުންވާ ރިކުއާމެންޓް، ބޭރު ގައުމުތަކުގައި ކެޕިޓަލް ރިކުއާމެންޓް ފުދޭ ވަރަކަށް ބޮޑު ދެއްތޯ. ދެން ރެޕް އޮފީހެއް ކަހަލަ ތަނެއް ހުރެދާނެ. އެކަމަކު އަޅުގަނޑުމެންނަށް ސްރީ ލަންކާގައި ބްރާންޗެއް ހުޅުވިދާނެ ކަމަށް ގަބޫލުކުރެވޭތީ ބްރާންޗެއް ހުޅުވަން އަޅުގަނޑުމެން ލައިސެންސަށް އެދިފަ ވާނީ، އަޅުގަނޑުމެން ޕްރޮޕޯސަލްތައް ހުށަހަޅާފަ މިހާރު ވާނީ. ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް

ބީއެމްއެލްއިން ވަނީ އެ ބޭންކުގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން ނިމިދިޔަ އަހަރު ވެސް މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ގާއިމްކުރުމުގެ އިތުރުން އަތޮޅުތަކުގައި އެ ބޭންކުގެ ބްރާންޗްތައް ގާއިމްކުރުމަށްވެސް ނިމިދިޔަ އަހަރުގެ ތެރޭގައި އެ ބޭންކުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހީން ޗުއްޓީއަށާއި ވިޔަފާރިއަށް ކުރު ދަތުރުތައް ކުރާ ގައުމެކެވެ. އަދި ތައުލީމު ހާސިލުކުރުމަށާއި ސިއްހީ ޚިދުމަތް ހޯދުމަށް ދިގު މުއްދަތަކަށް ދިރިއުޅުމަށް ވެސް ޚިޔާރު ކުރާ ގައުމެކެވެ.

comment ކޮމެންޓް