ހުރްމޮޒް ކަނޑުއޮޅި ހުޅުވައި، އީރާނުގެ ތެޔޮ ހޯދުމަށް ބޭނުންވަނީ ހަނގުރާމައިން ކުޑަ ވަގުތު ކޮޅެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ނަމަވެސް ކަނޑުއޮޅި ހުޅުވާނެ ގޮތުގެ އިތުރު ތަފްސީލެއް ޓްރަމްޕް ދެއްވާފައެއް ނުވެއެވެ.
ޓްރަމްޕް އެގޮތަށް ވިދާޅުވެފައި ވަނީ ކަނޑުއޮޅި އެމެރިކާއަށް މުހިންމު ނޫން ކަމަށާއި، އެތަން މުހިންމު ގައުމުތަކުން ކަނޑުއޮޅި ހޯދުމަށް މަސައްކަތްކުރުމަށް ބުރާސްފަތި ދުވަހު ދެއްވި ތަގުރީރުގައި ވިދާޅުވުމަށްފަހުއެވެ.
"ތަންކޮޅެއް އިތުރު ވަގުތު ނަގައިގެން އަޅުގަނޑުމެންނަށް ފަސޭހައިން ހުރްމޮޒް ކަނޑުއޮޅި ހުޅުވައި، ތެޔޮ ނެގޭނެ،" އިއްޔެ ޓްރޫތް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ލިޔުއްވާފައިވެއެވެ.
މީގެ އެއް މަސް ކުރިން ޓްރަމްޕް ވަނީ ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ ބޯޓުތަކާއި އެެމެރިކާގެ ނޭވީ ބޯޓުތައް ދަތުރުކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ނަމަވެސް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައި ވަނީ އެ ގައުމުގެ ބޯޓުތައް އީރާނުގެ ޑްރޯންތަކާއި މިސައިލްތަކަށް ފަސޭހަ އަމާޒަކަށް ވެދާނެ ފަދަ، ހަނި ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތައް އެސްކޯޓު ކުރަން ތައްޔާރު ނޫން ކަމަށެވެ.
އީރާނާ ދެކޮޅަށް އެމެރިކާއާ އިސްރާއީލުން ދޭ ހަމަލާތަކުގައި ބައިވެރިނުވާ އަދި ވާގިވެެރިނުވާ ގައުމުތަކުގެ އުޅަނދުތަަކަށް ހުރްމޮޒް ކަނޑުއޮޅި ހުރަސްކުރެވޭނެކަން އީރާނުން ރަސްމީކޮށް އަންގާފައިވާ ކަމަށް އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)އިން ވަނީ ބުނެފައެވެ.
ޓްރަމްޕް ވަނީ ކަނޑުއޮޅި ހުޅުވުމަށް އެމެރިކާ ސިފައިންނަށް އެހީތެރިވުމަށް އެކުވެރި ގައުމުތަކަށް ގޮވާލައްވާފައެވެ.
އދ ގެ އާންމު މަޖިލީހުން 1962 ވަނަ އަހަރު ފާސްކުރި ގުދުރަތީ ވަސީލަތްތަކުގެ މައްޗަށް ދާއިމީ އިސްތިގުލާލުގެ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ތެލާއި މައުދަންތައް ނިސްބަތް ވަނީ އެތަންތަން ހުންނަ ގައުމުތަކަށެވެ.
"ރައްޔިތުންނާއި ގައުމުތަކުގެ ގުދުރަތީ ވަސީލަތްތަކުގެ މައްޗަށް މިނިވަން އަދި ފައިދާހުރި އިސްތިގުލާލު އިތުރަށް ކުރިއަށް ގެންދަން ޖެހޭނީ ދައުލަތްތަކުގެ އިސްތިގުލާލީ ހަމަހަމަކަމުގެ މައްޗަށް ބިނާކޮށް އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކޮށްގެން،" ގަރާރުގައި ވެއެވެ.
އިރާގާއި ވެނެޒުއެލާ ހިމެނޭ ގޮތަށް އެމެރިކާއިން އަސްކަރީ ގޮތުން ހަރަކާތްތެރިވެފައިވާ ގައުމުތަކުގެ ތެޔޮ އަތުލުމަށް ޓްރަމްޕް އަބަދުވެސް ގޮވާލައްވަމުން ގެންދަވައެވެ.
އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހަ ހަފްތަ ވެފާއިވާއިރު، އީރާނުގެ އަސްކަރީ ގާބިލްކަން ފުނޑުފުނޑު ކޮށްލާފައިވާ ކަމަށް ޓްރަމްޕް ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް ހަމަލާތަކުގެ ރައްދުގައި އީރާނުން އަންނަނީ އިސްރާއީލަށާއި، ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ ތަންތަނަށް މިސައިލާ ޑްރޯންގެ ވަރުގަދަ ހަމަލާތައް މެދުނުކެނޑި ދެމުންނެވެ.