ތިން މަހާއި ބައިގެ ތެރޭގައި، ސަބްސިޑީގެ ބަޖެޓުން ގާތްގަނޑަކަށް 50 ޕަސެންޓް ޚަރަދުކޮށްފި

ސްޓެލްކޯގެ މުވައްޒަފުން: ކަރަންޓަކީ ދައުލަތުން ބޮޑު ޚަރަދެއްކޮށްގެން، ސަބްސިޑައިޒްކޮށްގެން ދޭ ޚިދުމަތެއް -- ފޮޓޯ/ ސްޓެލްކޯ

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ބަޖެޓުން ސަބްސިޑީއަށް ކަނޑައަޅައިފައިވާ 2.89 ބިލިއަން ރުފިޔާގެ ތެރެއިން 1.38 ބިލިއަން ރުފިޔާ ވަނީ މިހާތަނަށް ޚަރަދުކުރެވިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 36.2 އިންސައްތައިގެ އިތުރުވުމެކެވެ. އާސަންދައާއި ކަރަންޓު ފަދަ ޚިދުމަތްތަކަށް ދައުލަތުން ކުރާ ޚަރަދު އިތުރުވަމުންދާއިރު، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ޚަރަދުތަކެއް ނޫންކަމަށް ބައިނަލްއަޤްވާމީ އިދާރާތަކުން ވަނީ ލަފާދީފައެވެ. ނަމަވެސް، ރައްޔިތުންނަށް ދެމުން އަންނަ ސަބްސިޑީތައް ކަނޑާނުލައި، އެހެނިހެން ގޮތްގޮތުން ޚަރަދު ކުޑަކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

  • ސަބްސިޑީ ބަޖެޓުގެ 47.7 އިންސައްތަ ޚަރަދުކޮށްފި
  • މިދިޔަ އަހަރާ އަޅައިބަލާއިރު ސަބްސިޑީގެ ޚަރަދުތައް 36.2 އިންސައްތަ އިތުރުވެއްޖެ
  • އާސަންދައާއި ސިއްހީ އެހީތެރިކަމަށް ބޮޑު ހޭދައެއް ކޮށްފި
  • ދަރަނި ދެއްކުމަށާއި ތެލުގެ ސަބްސިޑީއަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހިފައިވޭ

މި އަހަރުގެ ބަޖެޓުން ސަބްސިޑީއަށް ކަނޑައަޅައިފައިވާ އަދަދުގެ 47.7 ޕަސެންޓް، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ، ދައުލަތުގެ ޚަރަދާއި އާމްދަނީގެ ތަފާސްހިސާބުން ދައްކާ ގޮތުން މި އަަހަރު ސަބްސިޑީއަށް 2.89 ބިލިއަން ރުފިޔާ ކަނޑައަޅައިފައިވެއެވެ. އޭގެ ތެރެއިން، މި މަހުގެ 16 ވަނަ ދުވަހާއަށް ހަމައަށް ވަނީ 1.38 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު، 36.2 ޕަސެންޓްގެ އިތުރުވުމެއް ކަމަށް އެ ތަފާސްހިސާބުން ދައްކައެވެ.

އެ ތަފާސްހިސާބުގައިވާ ގޮތުން، ސަބްސިޑީތައް ހިމެނޭ ގޮތަށް ހިލޭ އެހީތަކަށް މިހާތަނަށް ޖުމްލަ 3.63 ބިލިއަން ވަނީ ޚަރަދުކޮށްފައެވެ. އެއީ އެކަމަށް ކަނޑަައަޅައިފައިވާ ބަޖެޓު ކަމަށްވާ 10.6 ބިލިއަން ރުފިޔާގެ ތެރެއިން 34.4 ޕަސެންޓެވެ.

އެ 10.6 ބިލިއަން ރުފިޔާ ޚަރަދުކުރާ ނިޒާމުތަކުގެ ތެރޭގައި އާސަންދައާއި އެހެނިހެން ސިއްހީ އެހީ ހިމެނެއެވެ. އެގޮތުން އާސަންދައަށް މި އަހަރަށް ޚާއްސަކޮށްފައިވާ 2.02 ބިލިއަންގެ ތެރެއިން މިހާތަނަށް ޚަރަދުކޮށްފައިވަނީ 478 މިލިއަން ރުފިޔާއެވެ. އަދި އެހެނިހެން ސިއްހީ އެހީއަށް ކަނޑައަޅައިފައިވާ 409 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހޭދަކޮށްފައިވަނީ 65.4 މިލިއަން ރުފިޔާއެވެ.

އެސްޓިއޯ ކާޑު ގުދަނެއް: ކާޑުގެ ބާވަތްތަކުން ވެސް ސަބްސީޑީ ދޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ރެކޯޑް ބަޖެޓެއް ކަމަށްވާއިރު، އޭގެ ތެރެއިން، މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ޚަރަދުކޮށްފައިވަނީ 21.4 ބިލިއަން ރުފިޔާއެވެ.

ރާއްޖޭގައި އާސަންދައާއި ސަބްސިޑީއަށް ކުރާ ޚަރަދު ކޮންމެ އަހަރަކު އަންނަނީ އިތުރުވަމުންނެވެ. އެ ދެ ނިޒާމު ވެސް ހިންގަމުން އަންނަނީ ދެމެހެއްޓިނިވި ގޮތެއްގައި ނޫން ކަމަށް އޮޑިޓުންް ދައްކައިފައިވާއިރު، ބޭރުގެ އިދާރާތަކުން ވެސް އެކަން ފާހަގަކުރެއެވެ.

https://www.sun.mv/219984

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ދަރަނި ބޮޑުވަމުން އަންނައިރު، ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ބޭރުގެ އިދާރާތަކުން ލަފާދޭތާ ވެސް އަހަރުތަކެއްވެއްޖެއެވެ. އޭގެ ތެރޭގައި އާސަންދައާއި ސަބްސިޑީ ނިޒާމު ހަރުދަނާކޮށް، އެފަދަ އެހީ އެންމެ ހައްގު މީހުންނަށް 'ޓާގެޓެޑް' ގޮތެއްގައި ދިނުމަށް ލަފާދީފައިވެއެވެ.

މި ސަރުކާރުން މިދިޔަ އަހަރުގެ ބަޖެޓުގައި، ކާޑާއި، ކަރަންޓާއި އެ ނޫންވެސް ބާވަތްތަކުން ސަބްސިޑީ ދޭ ނިޒާމު އިސްލާހުކުރަން ހިމެނިއެވެ. ނަމަވެސް ރައްޔިތުންނަށް ލިބެމުން އައި އެއްޗެއް ކަނޑާލަން ބޭނުންނުވާ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އިސްލާހީ ފިޔަވަޅުތައް ބަދަލުކުރައްވައިފައެވެ. އެގޮތުން ޚަރަދު ކުޑަ ކުރަން ނިންމީ މަޝްރޫއުތައް ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްގެން ކަމަށްވާއިރު، މިދިޔަ އަހަރު ގިނަ އަދަދެއްގެ މަޝްރޫއުތައް ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްފައިވެއެވެ.

މި އަހަރު ރާއްޖޭން 1.1 ބިލިއަން ޑޮލަރުގެ ދައްކަން ޖެހޭއިރު، މި މަހު ވެސް 500 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރުގެ ދަރަނި ދައްކައިފައިވެއެވެ. އަދި މި އަހަރުގެ ބަޖެޓުން ދަރަނި ދައްކަން 12.9 ބިލިއަން ރުފިޔާ ކަނޑައަޅައިފައިވެއެވެ.

މި އަހަރުގެ ބަޖެޓުގައި ވެސްވަނީ، ރައްޔިތުންނަށް ހެޔޮ އަގެއްގައި ކަރަންޓު ފޯރުކޮށްދެމުންދަނީ ބަޖެޓުން ވަރަށް ބޮޑު ހޭދައެއްކޮށްގެންކަން ފާހަގަކޮށްފައެވެ. އެގޮތުން ކަރަންޓު އުފެއްދުމަށް ބޭނުންވާ ތެޔޮ ސްޓެލްކޯއަށާއި ފެނަކައަށް ފޯރުކޮށްދެމުން ދަނީ މާކެޓް އަގަށްވުރެ ދަށްކޮށް، ކަނޑައެޅިފައިވާ ވަކި އަގެއްގައިކަން ފާހަގަކޮށްފައިވެއެވެ. އަދި އެ އަގަށްވުރެ ބޮޑުވާ މިންވަރު ދައުލަތުގެ ބަޖެޓުން ސަބްސިޑައިޒްކުރާ ކަމަށް ބަޖެޓުގައިވެއެވެ.

https://www.sun.mv/219927

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ފެބްރުވަރީ މަހުގެ 28ގައި މެދުއިރުމަތީގައި ފެށި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އަދި ރާއްޖޭގައި ވެސް ތެލުގެ އަގު ބޮޑުވެފައިވާއިރު، ސަރުކާރުން ވަނީ ރާއްޖެއަށް މެދުކެނޑުމެއްނެތި ތެޔޮ ލިބެމުންދާނެ ކަމުގެ ޔަގީންކަން ދީފައެވެ.

އެ ދަތިތަކާއެކު ވެސް މިދިޔަ ރޯދަމަހު ކަރަންޓު ބިލްތަކުން ޑިސްކައުންޓް ދީ، ކޮންމެ ގޭބިސީއަކަށް ވެސް ބިލްކޮށްފައިވަނީ 400 ރުފިޔާއެވެ.

comment ކޮމެންޓް