މަންދީ ގަޔަށް ކަޅުތެޔޮ ޖެހުމުގެ ތުހުމަތުވާ މީހާ، ޑުރަގުގެ ބޮޑު މައްސަލައެއްގައި ހައްޔަރުކޮށްފި

އަހުމަދު ރިޝްމާހު ސަންލައިޓް ވިލާ، ގއ. ދާންދޫ

ކުރިން އެމްޑީޕީގެ އެކްޓިވިސްޓް މަރްޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައިވާ ގއ. ދާންދޫ، އަހުމަދު ރިޝްމާހު އަނެއްކާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އޭނާ މިފަހަރު ހައްޔަރުކޮށްފައިވަނީ ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ބޮޑު މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލައިގައި މެލޭޝިއާގެ އަންހެނަކާއި އިތުރު ދިވެއްސަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. ފެބްރުއަރީ މަހުން ފެށިގެން ބަންދުގައި ހުރި ރިޝްމާހުގެ ބަންދަށް އެންމެ ފަހުން ވަނީ އިތުރު 30 ދުވަސް ކޯޓުން އިތުރުކޮށްދީފައެވެ. މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މި ކުށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު ބޮޑު ޖޫރިމަނާއެއް އަންނާނެކަމަށް ބެލެވެއެވެ.

  • މަރްޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮ ޖެހިކަމުގެ ތުހުމަތުގައި ކުރިން ހައްޔަރުކުރި އަހުމަދު ރިޝްމާހު އަލުން ހައްޔަރުކުރުން
  • ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި އޭނާ ބައިވެރިވުން
  • ފެބްރުއަރީ މަހުން ފެށިގެން ބަންދުގައި ހުރިއިރު، ދާދިފަހުން ބަންދަށް އިތުރު 30 ދުވަސް ޖެހުން
  • ކުށް ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމަކާއި ބޮޑު ޖޫރިމަނާއެއް އައުމުގެ ފުރުސަތު އޮތުން

އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓް، މަރްޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި މިދިޔަ އަހަރު ހައްޔަރުކުރި މީހާ، މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރިކަން އެނގިއްޖެއެވެ.

މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގެ ތުހުމަތުގައި މިދިޔަ އަހަރު ފުލުހުން ހައްޔަރުކުރީ އަހުމަދު ރިޝްމާހު ސަންލައިޓް ވިލާ، ގއ. ދާންދޫއެވެ. އޭނާ ހައްޔަރުކޮށްފައި ދުވަސްކޮޅަކު ބެހެއްޓުމަށް ފަހު، އޭނާ ބަންދުން ދޫކޮށްލިކަން ކުރީގެ ރިޕޯޓްތަކުން އެނގެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައ ރިޝްމާހު އަނެއްކާ ވެސް ހުރީ ހައްޔަރުކޮށްފައެވެ. އެކަމަކު، އޭނާ މި ފަހަރު ހައްޔަރުކޮށްފައި ހުރީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައިކަން ވަނީ އެނގިފައެވެ.

https://sun.mv/204709

އެއީ، ދެ ކިލޯއަށް ވުރެ ބަރު މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މެލޭޝިޔާ އަންހެނެއް ހިމެނޭ މައްސަލައިގައެވެ. އެ މެލޭޝިޔާ އަންހެން މީހާ ގެނައި ފޮއްޓަކީ ރައްޓެއްސަކު ދިން ފޮއްޓެއް ކަމަށް އޭނާ ބުނެފައިވާއިރު، އެ މައްސަލައާއި ގުޅިގެން ދެ ދިވެހިން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން އެކަކީ މަންދީ ގަޔަށް ކަޅުތެޔޮ ޖެހި ކަމަށް ތުހުމަތުކުރެވޭ ރިޝްމާހެވެ.

މިދިޔަ ފެބްރުއަރީ މަހު ފަހުކޮޅުން ފެށިގެން ރިޝްމާހު ބަންދުގައި ހުރިއިރު، އޭނާގެ ބަންދު އެންމެ ފަހުން އިތުރުކުރީ ހޮނިހިރު ދުވަހެވެ. ހޮނިހިރު ދުވަހު ރިޝްމާހުގެ ބަންދަށް ވަނީ އިތުރު 30 ދުވަސް ޖަހާފައެވެ.

ރިޝްމާހުގެ މައްޗަށް މިހާރު ތުހުމަތުކުރެވިފައިވާ، ދެ ކިލޯގެ މަސްތުވާތަކެތީގެ ކޭސް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ. އެއީ، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ވަރަށް ބޮޑު ކުށެއް ކަމުގައި ބަޔާންކޮށްފައިވާތީއެވެ. މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ގާނޫނުގައި ކަނޑައަޅާފައިވާ ވަކި މިންވަރަކަށްވުރެ ގިނައިން އަތުގައި ހުރެއްޖެނަމަ، އެއީ ވިޔަފާރިކުރުމުގެ ނިޔަތުގައި ގެންގުޅޭ ތަކެތި ކަމަށް ގާނޫނު ބަލައެވެ.

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު 100,000 ރުފިޔާއާއި 10,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

comment ކޮމެންޓް