ސައުދީން ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށައިފި

ސައުދީން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ދަނީ. އަންނަ މަހުގެ 14 އާއި ހަމައަށް ކަދުރުބެހުން ކުރިއަށް ދާނެ.. ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ސަޢުދީ ޢަރަބިއްޔާގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް ހަދިޔާކުރި ފަންސާސް ޓަނުގެ ކަދުރު މިއަދު ބަހަން ފަށައިފިއެވެ. އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަތޮޅުތެރޭގައި ކައުންސިލްތައް މެދުވެރިކޮށް ކަދުރު ބަހާއިރު، މާލެ ސަރަޙައްދުގައި ކަދުރު ބެހުން ކުރިއަށްދާނީ އިސްލާމީ މަރުކަޒުގައެވެ. މިއީ ސަޢުދީން މެދުކެނޑުމެއްނެތި ރާއްޖެއަށް ކަދުރު ހަދިޔާކުރާތާ ބާވީސް ވަނަ އަހަރެވެ.

  • ސަޢުދީން ރާއްޖެއަށް ހަދިޔާކުރި ފަންސާސް ޓަނުގެ ކަދުރު ބަހަން ފަށައިފި.
  • ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއް ދޫކުރުމަށް ވަނީ ހަމަޖެހިފައި.
  • މާލެ ސަރަޙައްދުގައި ކަދުރު ބަހާނީ އިސްލާމީ މަރުކަޒުން.
  • އަތޮޅުތެރޭގައި ކަދުރު ބަހާނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށް.

ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން މިއަދު ފަށައިފިއެވެ.

މި ކަދުރުތަކަކީ މި މަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަދުރުތަކެކެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، ސިޓީތަކާއި ރަށްރަށުގައި ކަދުރު ބަހާނީ އެ ސިޓީއަކަށް ނުވަތަ އެ ރަށަކަށް ކަނޑައަޅާ ކަދުރު ހުސްވަންދެން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރެވެ.

ރަށްރަށަށް ކަދުރު ކަނޑައަޅާފައިވަނީ ކޮންމެ 100 ގޭބިސީއަކަށް 50 ޕެކެޓުގެ ރޭޓުންނެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް މެދުވެރިކޮށެވެ.

މާލެ ސަރަޙައްދުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. މި މަސައްކަތް މިއަދުން ފެށިގެން މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރުފަހު 13:00 އަށް ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ގޭބިސީތަކުން ކަދުރާ ހަވާލުވާއިރު، އެ ގޭބިސީއެއްގެ އެޑްރެހާއި، ކަރަންޓު މީޓަރުގެ ނަންބަރުގެ އިތުރުން ކަދުރާ ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންޖެހެއެވެ.

ސަޢުދީގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން 2004 ވަނަ އަހަރު މި އެހީ ތަޢާރަފްކުރި ހިސާބުން ފެށިގެން، ވޭތުވެދިޔަ 22 އަހަރުގެ ތެރޭގައި މެދުކެނޑުމެއް ނެތި ރާއްޖެއަށް ކަދުރު ހަދިޔާކުރަމުންދާކަން އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައިއެވެ. އަދި މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ވެސް އެ ވުޒާރާއިން ދެކެއެވެ.

comment ކޮމެންޓް