ފުރާ މީހުންގެ ކާޑު ނޫނީ ދެން ބޭރުގައި ބޭނުން ނުކުރެވޭނެ، ޓީމޫ ފަދަ ސައިޓްތަކަށް ލިމިޓެއް

ބީއެމްއެލްގެ ސީއީއޯ މުހައްމަަދު ޝަރީފް: ރާއްޖޭގައި ތިބޭ މީހުންގެ ކާޑު ބޭރުގައި ބޭނުންނުކުރެވޭ ގޮތް ހަދައި، ކޮންމެ މީހަކަށް އީކޮމާސް ލިމިޓެއް ކަނޑައަޅަން ވަނީ ނިންމައިފައި -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ރާއްޖޭގައި ތިބޭ ފަރާތްތަކަށް އެ ފަރާތްތަކުގެ ބޭންކް ކާޑު ބޭނުންކޮށްގެން އޭޓީއެމް އަދި ޕީއޯއެސް މެޝިންތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ނިންމާފައެވެ. މީގެ އިތުރުން، ބޭރުގެ އޮންލައިން ފިހާރަތަކުން ވިޔަފާރިކުރުމަށް ކޮންމެ މީހަކަށްވެސް ވަކި ޚާއްޞަ ބަޖެޓެއް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. މިކަން އިޢުލާންކުރެއްވީ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ފިޔަވަޅުތައް އަޅަން ޖެހުނީ ބޭންކަށް ލިބޭ ޑޮލަރަށްވުރެ ބޭންކުން ވިއްކަންޖެހޭ ޑޮލަރުގެ އަދަދު ބޮޑުތަނުން އިތުރުވުމާ ގުޅިގެންނެވެ.

  • ރާއްޖޭގައި ތިބޭ ފަރާތްތަކަށް ކާޑުން ޑޮލަރުގެ މުއާމަލާތްކުރުން ހުއްޓާލުން.
  • އޭޓީއެމް އަދި ޕީއޯއެސް މެޝިންތަކުން ޑޮލަރު ނުނެގޭގޮތް ހެދުން.
  • އީކޮމާސް ވެބްސައިޓްތަކުން ވިޔަފާރިކުރުމަށް ކޮންމެ މީހަކަށް ވަކި ލިމިޓެއް ކަނޑައެޅުން.
  • ބޭންކަށް ގަންނަން ލިބޭ ޑޮލަރަށްވުރެ ވިއްކަންޖެހޭ ޑޮލަރު އިތުރުވުމުގެ ސަބަބުން މި ބަދަލު ގެނައުން.

ރާއްޖޭގައި ތިބޭ މީހުންގެ ކާޑު ބޭރަށް ގެންގޮސް ބޭނުންކޮށްގެން، ބޭރުގެ އޭޓިއެމްއާއި ޕީއޯއެސް މެޝިންގައި ޑޮލަރު މުއާމަލާތްތައް ނުކުރެވޭ ގޮތް ހަދައި، ކޮންމެ މީހަކަށް ވެސް ޓީމޫ ފަދަ ވެބްސައިޓްތަކުން ޓްރާންސެކްޝަންތައް ހެދޭނެ ވަކި އަދަދެއް ކަނޑައަޅަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނިންމައިފިއެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އެގޮތަށް އިއުލާންކުރެއްވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި އޭނާ ވަނީ މިހާރު ބެންކަން ގަންނަން ލިބޭ ޑޮލަރަށް ވުރެ، ވިއްކަން ޖެހޭ ޑޮލަރު އިތުރުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެހެންވެ، ބެންކުން ފިޔަވަޅުތަކެއް އަޅަން ނިންމައިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖޭގައި ތިބޭ މީހުންގެ ކާޑު، ކާޑުގެ ވެރިފަރާތާއި ނުލައި ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭ ގޮތް ހަމަޖެއްސުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ބީއެމްއެލް

މީގެ އިތުރުން، އީކޮމާސްއަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ ޢަދަދު 30 އަށް ކަނޑައެޅުން ވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

ބީއެމްއެލްއިން އަޅަން ނިންމައިފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖެއިން ބޭރުގައި އަމިއްލަ ކާޑެއް ނެތި ކިޔަވާ ކުދިންނަށް، ބެލެނިވެރިޔާގެ ކާޑުގެ ބަދަލުގައި ސްޓޫޑެންޓް ކާޑު ދިނުން ހިމެނެއެވެ. އެ ބެންކުން މިހާރު ވެސް ދަރިވަރުންނަށް ޚާއްސަ, މަހަކަށް 1,200 ޑޮލަރު ލިމިޓެއް ކަނޑައަޅައިފައިވާއިރު، ސްޓޫޑެންޓް ކާޑުގައި ހުންނާނީ އެ ލިމިޓެވެ.

ބީއެމްއެލްއިން ވަނީ އެ ކާޑު ދޫކުރެވެންދެން ބެލެނިވެރިޔާގެ ކާޑު ކުއްޖާއަށް ބޭނުން ކުރެވޭނެ ކަމަށާއި ސްޓޭޑެންޓް ކާޑު ދޫކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށް ބުނެފައެވެ.

އެ ބެންކުން އިތުރަށް ބުނި ގޮތުގައި، އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ބައެއް މީހުން، އޮންލައިން ވިޔަފާރި ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް ވަރަށް ގިނަ އަދަދަކަށް މުދާ ގަންނަކަން ވަނީ ފާހަގަކުރެވިފައެވެ.

އޭގެ ސަބަބުން، ބޭންކުން ވަރަށް ގިނަ ޢަދަދަކަށް ބޭރު ފައިސާ އެކަމަށް ވިއްކެނީ ނިސްބަތުން މަދު ބަޔަކަށްކަން ފާހަގަކޮށްފައިވެއެވެ.

އެހެންވެ ބީއެމްއެލްއިން ވަނީ، ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ ގިނަ ރައްޔިތުންގެ ބޭނުންތަކަށް ވިއްކުމުގެ ބޭނުމުގައި، އެ މަދު ސައިޓްތަކުން ވިޔަފާރި ކުރުމަށް ޖުމްލަ ބޭންކުން ވިއްކޭ ޢަދަދު ކޮންމެ ދުވަހަކަށް ކަނޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކުމަށް ނިންމައިފައެވެ. އެހެނިހެން ބޭނުންތަކަށް ބޭނުންކުރާ ސައިޓްތަކަށް މިވަގުތު ބަދަލެއް ނުގެންނާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

އެ ބެންކުން އިއުލާންކުރި އިތުރު ކަންތައްތަކުގެ ތެރޭގައި:

  • ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ކާޑުތަކުން ވަކިން ކަނޑައެޅޭ ފޮރިން ސްޕެންޑް ލިމިޓަކާއި ނުލައި ބޭނުންކުރެވޭނެ.
  • ގިނަ ކްރެޑިޓް ކާޑުތައް ގެންގުޅުއްވާ ފަރާތްތަކަށް ހުރިހާ ކާޑުތަކުން ވެސް ބޭނުން ކުރެވެނީ އެ ކަސްޓަމަރަށް މަހަކަށް ކަނޑައެޅިފައިވާ ޖުމްލަ ލިމިޓެއް ކަމަށްވާތީވެ، އެއް ކްރެޑިޓް ކާޑަށްވުރެ ގިނަކާޑު ގެންގުޅުއްވާ ފަރާތްތަކަށް ހަމަ އެކަނި އެއްކާޑަށް އަހަރީ ފީނެގުން. އިތުރުކާޑުތަކަށް އަހަރީފީ ނުނަގާގޮތަށް ހަމަޖެއްސުން.
  • ޓީޓީތަކަށް ބޭރު ފައިސާ ވިއްކުން ބޭންކް ހުޅުވިފައި ހުންނަ ގަޑިއަށް ހަމަޖެއްސުން. ބޭރު ފައިސާ އެ ޓީޓއަކަށް ހަމަޔަށް ހުރެގެން ފޮނުވާ ޓީޓީތައް ބަންދު ދުވަސްތައް ވެސް ހިމަނައިގެން ހުރިހާގަޑިއެއްގައި ފޮނުވޭނެ.
  • ޓީޓީތައް ސްޕްލިޓްކޮއްގެން ފޮނުވާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކަށް ކަޑައެޅިފައިވާ ލިމިޓްގެ ތެރެއިން ބޭރު ފައިސާ ވިއްކުން.

ބީއެމްއެލްއިން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން، މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ރާއްޖޭން ބޭރުން ލިބުނު ފައިސާގެ އަދަދަކީ 1.58 ބިލިއަން ޑޮލަރު ކަމަށްވާއިރު، އެ މުއްދަތުގައި ރާއްޖޭން ބޭރަށް ފޮނުވި ފައިސާގެ އަަދަދު 1.45 ބިލިއަން ޑޮލަރަށް އަރައެވެ.

އެ ދެ އަދަދަކީ ވެސް މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅައިބަލާއިރު އިތުރު އަދަދުތަކެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ލިބުނީ 1.26 ބިލިއަން ޑޮލަރު ކަމަށްވާއިރު، ބޭރަށް ފޮނުވައިފައިވަނީ 1.03 ބިލިއަން ޑޮލަރެވެ.

https://sun.mv/214965

މީގެ ކުރިން ވެސް ބީއެމްއެލްއިން ވަނީ، ރާއްޖޭގައި ތިބޭ މީހުން ފުރާ މީހުންގެ އަތަށް ކާޑު ދީގެން ވިޔަފާރީގެ މުއާމަލާތްތައް ގިނަ އަދަދަކަށް ކުރުވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުން މިދިޔަ މަހުގެ 20ގައި ވެސް އެ ބެންކުން ވަނީ ކްރެޑިޓްކާޑާއި ޑެބިޓްކާޑުގެ މުޢާމަލާތްތަކަށް ބޭރުން ލިބޭ ފައިސާ ދަށްވެފައިވާކަން ފާހަގަކޮށް، އެގޮތަށް ދަށްވަމުންދާނަމަ ބޭރު ފައިސާ ވިއްކުމުގައި ވަގުތީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ބުނެފައެވެ.

https://sun.mv/220889

އެގޮތުން ބީއެމްއެލްއިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ނަތީޖާއާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ، ހަނގުރާމައާ ގުޅިގެން ފެބްރުއަރީ 28އިން ފެށިގެން ފަތުރުވެރިންގެ ބުކިންތައް ކެންސަލްވެ، ރާއްޖެ އަންނަ ފަތުރުވެރިން ހޭދަކުރާ މިންވަރު ދަށްވެފައިވާ ކަމަށެވެ. އޭގެ ސަބަބުން ކްރެޑިޓް ކާޑާއި ޑެބިޓްކާޑުގެ މުޢާމަލާތްތަކަށް ބޭރުން އަންނަ ފައިސާ މިދިޔަ މަހުގެ އެހާތަނަށް ގާތްގަނޑަކަށް ތިންބައިކުޅައެއްބައި ދަށްވެފައިވާ ކަމަށް ބެންކުން ބުނެފައިވެއެވެ.

ހަމައެއާއެކު، އެ މުއްދަތުގައި މުދާ އެތެރެކުރުމަށާއި ބޭރުގެ ޚިދުމަތްތަކަށް ރާއްޖޭން ބޭރަށް ފޮނުވާ ފައިސާގެ މިންވަރު ދެގުނަ އިތުރުވެފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެ ބަދަލުތަކަށް ބަލާއިރު، ރާއްޖެއިން ބޭރުން އެ ބޭންކު މެދުވެރިކޮށް އަންނަ ފައިސާއަށްވުރެ، ބެންކް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާ ވަރަށް ބޮޑަށް އިތުރު ވާނެ ކަމަށް ބީއެމްއެލްއިން އޭރު ވެސް ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގައި ޑޮލަރަށް އޮންނަ ޑިމާންޑު ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު 18 ރުފިޔާއާއި 20 ރުފިޔާއާ ދެމެދުުގައި ހުންނަތާ މަސްތަކެއް ވަނީ ވެފައެވެ. އެއީ، މުޅިން އިމްޕޯޓަށް ބަރޯސާވެފައިވާ ރާއްޖޭގައި ވިޔަފާރިވެރިންނަށް އެތައް ދަތިތަކެއް ކުރިމަތިވެ، ތަކެތީގެ އަގު އުފުލެން މެދުވެރިވާ ސަބަބެކެވެ.

comment ކޮމެންޓް