އުމްރާނީ ތަރައްގީއާއި އިގްތިސޯދީ މަޝްރޫއުތަކަށް އިންވެސްޓުކުރުމަށް ސަރުކާރުން އުފައްދާފައިވާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)އަށް ފުރަތަމަ އަހަރު 2.3 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ބޭންކުގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ޖުލައި 21، 2024 އިން ޑިސެމްބަރު 31، 2024 ގެ ނިޔަލަށް ބޭންކުގެ މައިގަނޑު ވިޔަފާރީގެ އެއްވެސް ހަރަކާތެއް ފަށާފައެއް ނުވެއެވެ. ބޭންކަށް އެއްވެސް އާމްދަނީއެއް ލިބިފައި ނުވާއިރު، މި ގެއްލުން ކުރިމަތިވެފައި ވަނީ ބޭންކު އުފެއްދުމާއި އިދާރީ ގޮތުން ހިންގުމަށް ކޮށްފައިވާ ޚަރަދުތަކުގެ ސަބަބުންނެވެ. ބޭންކުގެ ހިއްސާގެ ރައުސްމާލުގެ ގޮތުގައި ތިން މިލިއަން ރުފިޔާ ހުރިއިރު، މި ގެއްލުމާއެކު ބޭންކުގެ ޖުމްލަ އިކުއިޓީ ވަނީ 736,196 ރުފިޔާއަށް ދަށްވެފައެވެ.
މާލީ ބަޔާންތަކުން ދައްކާ ގޮތުގައި ޑިސެމްބަރު 31، 2024 ގެ ނިޔަލަށް އެ ބޭންކަށް ޓެކްސް އުނިކުރުމުގެ ކުރިން 3,018,405 ރުފިޔާގެ ގެއްލުމެއް ވެފައިވެއެވެ. ނަމަވެސް 754,601 ރުފިޔާގެ ޓެކްސް ކްރެޑިޓަކަށް ފަހު، މުޅި ޖުމްލަ ގެއްލުމުގެ ގޮތުގައި ރިޕޯޓްކޮށްފައި ވަނީ 2,263,804 ރުފިޔާއެވެ.
ބޭންކުގެ ޚަރަދުތަކަށް ބަލާއިރު، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 909,763 ރުފިޔާ ޚަރަދުވެފައިވާއިރު، އެހެނިހެން އިދާރީ ޚަރަދުތަކުގެ ގޮތުގައި 2,108,642 ރުފިޔާ ހޭދަވެފައިވެއެވެ.
ބޭންކުން ކޮށްފައިވާ މައިގަނޑު ޚަރަދުތަކުގެ ތެރޭގައި އެންމެ ބޮޑު ޚަރަދެއް ހިނގާފައި ވަނީ އޮފީސް ކުއްޔަށެވެ. އެގޮތުން ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ޚަރަދުވެފައި ވާއިރު، ބޯޑު ޑިރެކްޓަރުންގެ އުޖޫރައިގެ ގޮތުގައި 311,300 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ އިތުރުން ކަރަންޓު ބިލަށް 340,261 ރުފިޔާ އަދި ދަތުރުފަތުރުގެ ޚަރަދަށް 214,483 ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.
ޑިސެމްބަރު 31، 2024 ގެ ނިޔަލަށް ބޭންކުގެ ޖުމްލަ މުދަލުގެ (އެސެޓްސް) އަގަކީ 3,074,735 ރުފިޔާއެވެ. މީގެ ތެރޭގައި ނަގުދު ފައިސާގެ ގޮތުގައި ހުރި 2,320,134 ރުފިޔާ ހިމެނެއެވެ. މި މާލީ ބަޔާންތައް ބޯޑުން ފާސްކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ އަށެއްގައެވެ. ބަޔާންތަކުގައި ސޮއިކުރައްވާފައި ވަނީ ބޭންކުގެ ޗެއާޕާސަން އަރުނީ ގޫނެޓިލެކެ އަދި ސީއީއޯ ނިޒާރުދީން ކުމާރުދީނެވެ.
ޑިވެލޮޕްމަންޓް ބޭންކަކީ ރާއްޖޭގެ އިގްތިސޯދީ މަޝްރޫއުތަކަށް ފަންޑު ކުރުމަށާއި ތަރައްގީގެ މަސައްކަތްތަކަށް އެހީތެރިވުމަށް ސަރުކާރުން އުފައްދާފައިވާ މުހިންމު މާލީ އިދާރާއެކެވެ. ބޭންކު އަދި އޮތީ އުފެދުމުގެ މަރުހަލާގައި ކަމަށްވާތީ، މި މުއްދަތުގައި އާމްދަނީގެ ގޮތުގައި އެއްވެސް އަދަދެއް ލިބިފައެއް ނުވެއެވެ.
ޑިވެލޮޕްމަންޓު ބޭންކު އިފުތިތާހުކުރީ ނޮވެންބަރު 16، 2024 ގައެވެ.
ޑީބީއެމް އުފެއްދިތާ އަހަރެއްހާ ދުވަސްފަހުން އެ ބޭންކަށް ވިޔަފާރި ފެށުމުގެ ހުއްދަ ދިނީ މިއަހަރުގެ ޖެނުއަރީ މަސް ތެރޭގައެވެ. ނަމަވެސް އެ ފަހުން ވެސް އެ ބޭންކުގެ ޚިދުމަތްތައް އަދިވެސް ފެށިފައެއް ނުވެއެވެ.
މީގެ ކުރިން ރައީސް ވަނީ އެ ބެންކުގެ ސީއީއޯކަމާއި ޗެއާޕާސަން ކަމަށް ރާއްޖެއިން ބޭރުގެ ދެ ތަޖުރިބާކާރުން އައްޔަންކުރައްވާފައެވެ. އެގޮތުން، ޗެއާޕާސަނަކަށް އައްޔަންކުރެއްވީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކައެވެ. އެއީ، 25 އަހަރުގެ ތަޖުރިބާ ހުންނެވި މާލީ ދާއިރާގެ މާހިރެކެވެ. އެ ބޭންކްގެ ސީއީއޯކަމަށް އައްޔަންކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސްއެވެ. އޭނާއަކީ ތިމާވެއްޓާ ރައްޓެހި އިންވެސްޓްމަންޓުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.
އެކަމަކު، މާ ގިނަ ދުވަހެއް ނުވެ ސީއީއޯ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އޭނާ ވަނީ އިސްތިއުފާ ދެއްވި ނޯޓިސް މުއްދަތުގެ މުސާރައާއި އިނާޔަތްތައް ނުލިބިގެން އޭޕްރީލް ހަތް ވަނަ ދުވަހު އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައެވެ.
ސީއީއޯ އިސްތިއުފާ ދެއްވިތާ މާ ގިނަ ދުވަސްތަކެއް ނުވެ އޭޕްރީލް 23 ވަނަ ދުވަހު ވަނީ, އެ ބޭންކުގެ ބޯޑު މެންބަރު ކަމުގެ މަގާމުގައި ހުންނެވި މއ. ވޭސައިޑް, 805 ފްލެޓް، އަޙްމަދު ޢަލީ، ވެސް އިސްތިއުފާ ދެއްވައިފައެވެ.