ޓީމޫ އާއި ޝީއިން ފަދަ ބޭރުގެ މަގުބޫލު ރީޓެއިލް ވިޔަފާރި ސައިޓްތަކުން ވިޔަފާރިކުރާއިރު، ޑޮލަރު އެކައުންޓާ ގުޅާފައިވާ ކާޑުތައް ބޭނުންކޮށްގެން ކަސްޓަމަރުން ބޭނުންވާ އަދަދަކަށް މުއާމަލާތް ކުރެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.
ބޭންކުން މިކަން ހާމަކޮށްފައިވަނީ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ބަދަލުތަކެއް ގެންނަން ނިންމުމާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑޮލަރު އެކައުންޓް ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް ބޭންކުން އެއްވެސް ލިމިޓެއް ކަނޑައަޅާފައި ނުވާނެ ކަމަށެވެ.
"ބޭންކުން ޓީމޫ، ޝެއިން ފަދަ ރީޓެއިލް ވިޔަފާރި ސައިޓްތަކުން ޑޮލަރު އެކައުންޓުން ކާޑު ބޭނުންކޮށްގެން ކަސްޓަމަރަކު ބޭނުންވާ އަދަދަކަށް ވިޔަފާރިކުރެވޭނެ. މިކަމަށް ބެންކުން ލިމިޓެއް ކަނޑައަޅާފައިނުވާނެ." ބީއެމްއެލްގެ ސްޕޯކްސް ޕާސަން މުޙައްމަދު ސައީދު ވިދާޅުވިއެވެ.
އެހެންކަމުން، ޑޮލަރު އެކައުންޓް ބޭނުންކުރާ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި ބޭނުންވާ އަދަދަކަށް ތަކެތި ގަނެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބޭންކުން މައުލޫމާތު ދޭ ގޮތުގައި، ރުފިޔާ އެކައުންޓާ ގުޅިފައިވާ ކާޑުތަކުން ބޭރުގެ ސައިޓްތަކުގައި ކުރާ މުއާމަލާތްތަކަށް ވަކި ލިމިޓެއް ކަނޑައަޅަން ޖެހުނީ ބޭންކުން ޑޮލަރު ވިއްކާ އަދަދު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށެވެ.
މި މަހުގެ ދެވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މިހާރު ބޭންކަށް ގަންނަން ލިބޭ ޑޮލަރަށް ވުރެ ވިއްކަން ޖެހޭ ޑޮލަރު އިތުރުވަމުންދާތީ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަމަށެވެ.
އެގޮތުން ޝަރީފު ފާހަގަކުރެއްވި ގޮތުގައި އަލަށް ގެންނަ ބަދަލުތަކުގެ ތެރޭގައި، އީކޮމާސްއަށް ކަނޑައެޅޭ ބަޖެޓް ހަމަހަމަކޮށް ބޭނުންކުރުމަށްޓަކައި، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭނެ ޓްރާންސެކްޝަންގެ އަދަދު 30 އަށް ވަނީ ކަނޑައަޅާފައެވެ.
އަދި މީގެ އިތުރުން، ރާއްޖޭގައި ތިބޭ މީހުންގެ ކާޑު، ކާޑުގެ ވެރިފަރާތާ ނުލައި ރާއްޖެއިން ބޭރަށް ގެންގޮސްގެން އޭޓީއެމް އަދި ޕީއޯއެސް މެޝިންތަކުގައި ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ވެސް ނިންމާފައިވާކަމަށް އެ ބައްދަލުވުމުގައި ޝަރީފު ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައި އަމިއްލަ ކާޑެއް ނެތި ކިޔަވާ ކުދިންނަށް، ބެލެނިވެރިޔާގެ ކާޑުގެ ބަދަލުގައި ސްޓޫޑެންޓް ކާޑު ދޫކުރުމަށް ނިންމާފައިވާ ކަމަށްވެސް ޝަރީފު އެދުވަހު ފާހަގަކުރެއްވިއެވެ.
ބީއެމްއެލްއިން މިހާރު ވެސް ދަނީ ދަރިވަރުންނަށް ޚާއްސަކޮށް މަހަކު 1,200 ޑޮލަރުގެ ލިމިޓެއް ދެމުންނެވެ.
ރާއްޖޭގައި ޑޮލަރަށް އޮންނަ ޑިމާންޑު ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު 18 ރުފިޔާއާއި 20 ރުފިޔާއާ ދެމެދުުގައި ހުންނަތާ މަސްތަކެއް ވަނީ ވެފައެވެ. އެއީ، މުޅިން އިމްޕޯޓަށް ބަރޯސާވެފައިވާ ރާއްޖޭގައި ވިޔަފާރިވެރިންނަށް އެތައް ދަތިތަކެއް ކުރިމަތިވެ، ތަކެތީގެ އަގު އުފުލެން މެދުވެރިވާ ސަބަބެކެވެ.