މެންބަރުން ޕާޓީން ވަކިކުރާ އިޖުރާއަތްތައް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަނީ

ބަންޑާރަނައިބު އުޝާމް: އެންޓި-ޑިފެކްޝަން ޤާނޫނަށް އިސްލާހު ހުށަހަޅަން ނިންމާފައިވާކަމަށް ވިދާޅުވުވި -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކާ ގުޅޭގޮތުން ގާނޫނުއަސާސީއަށް ކުއްލި ގޮތަކަށް ގެނައި އިސްލާހުތައް ތަންފީޒުކުރުމަށްޓަކައި، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ، މެންބަރުން ޕާޓީން ވަކިކުރާނެ އިޖުރާއަތްތައް ބަޔާންކުރާ ބިލު އަންނަ ހަފުތާގައި މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

https://sun.mv/221285

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކާގުޅޭގޮތުން ޤާނޫނުއަސާސީއަށް ގެނައި އިސްލާހާއެކު ސިޔާސީ ޕާޓީތަކުގެ ޤާނޫނު އިސްލާހު ކުރުމަށް ބިލެއް ހުށަހަޅުއްވަން ވަނީ ނިންމަވާފަ. މި އިސްލާހަކީ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީން ވަކިކުރާ އިޖުރާއަތް ކަނޑައެޅުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތަކެއް." ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ.

ސަރުކާރުން ބޭނުން ވެގެން ގާނޫނުއަސާސީއަށް ހައެއްކަ ގަޑިއިރު ތެރޭގައި ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން، މެންބަރަކު އިންތިހާބުވި ޕާޓީން ވަކިވުން، ވަކިކުރުން ނުވަތަ އެހެން ޕާޓީއަކަށް ސޮއިކުރުމަކީ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ހާލަތްތަކެވެ. ނަމަވެސް، ޕާޓީން ވަކިކުރާ ހާލަތުގައި އެކަން ކުރަންވާނީ "ގާނޫނުގައި" ބަޔާންކުރާ ގޮތުގެ މަތިން ކަމަށް އޮތް ނަމަވެސް، އެ އިޖުރާއަތްތައް ބަޔާންކުރާ ގާނޫނެއް މިހާތަނަށް ވުޖޫދުގައި ނެތެވެ.

https://sun.mv/214349

ބަންޑާރަނައިބު އުޝާމް ފާހަގަކުރެއްވި ގޮތުގައި، މި އިސްލާހު މަޖިލީހަށް ހުށަނާޅާ މަޑުޖައްސާލީ ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުގައި ހިނގަމުންދާތީއެވެ.

އެ އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން މި ފަހުން ނިންމާފައިވަނީ އެކަން ކުރެވެން ނެތް ކަމަށެވެ.

މި ބަދަލުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބަންޑާރަނައިބު ވިދާޅުވީ، މީގެ ބޭނުމަކީ ޕާޓީން ވަކިކުރާ ހާލަތްތަކުގައި މެންބަރުންގެ ހައްގުތައް ކަށަވަރުކުރުމާއި، އެކަން ހިނގާނެ ގޮތުގެ ސާފު އަދި ހަރުދަނާ އުސޫލުތަކެއް ގާނޫނީ އޮނިގަނޑުގެ ތެރޭގައި ކަނޑައެޅުމެވެ.

މިއީ ރާއްޖޭގެ ސިޔާސީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އަންނަ ހަފުތާގައި މި ބިލު މަޖިލީހަށް ހުށަހެޅުމުން، މެންބަރުން ޕާޓީން ވަކިކުރުމުގެ ކަންކަން ކުރިއަށްދާނީ ގާނޫނުން ކަނޑައެޅިފައިވާ ހަމަތަކުގެ މަތިންކަން ކަށަވަރުވެ، ގާނޫނުއަސާސީގެ އިސްލާހު ފުރިހަމައަށް ތަންފީޒުކުރުމުގެ މަގު ފަހިވެގެންދާނެކަމަށް އުޝާމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހި، ވަގުތުން ގޮނޑި ގެއްލޭ ގޮތަށް ބާއްވަން މުޅި މަޖިލީހުގެ ކޮމިޓީން ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަގައެވެ.

comment ކޮމެންޓް