އިންޑިއާގައި ހެދި އިމްތިހާނަކުން 500 އިން އެއް މާކްސް މަދުވުމުން މަންމަ ނުރުހިއްޖެ

ދިބްޔެންދޫ ޕްރަމާނިކްގެ މަންމަ ނޫސްވެރިންނާ ވާހަކަ ދައްކަނީ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އިންޑިއާގެ ވެސްޓް ބެންގޯލްގައި އައިސީއެސްއީ އިމްތިހާނުން މުޅި ގައުމުން ދެވަނަ ހޯދި ދިބްޔެންދޫ ޕްރަމާނިކް 500 އަކުން 499 މާކްސް ހޯދުމުން، އެންމެ މާކްހެއް މަދުވުމުން އޭނާގެ މަންމަ ވަނީ ހިތާމަފާޅުކޮށްފައެވެ. ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާ މަންމަ ބުނީ ދަރިފުޅު އިތުރަށް މަސައްކަތްކުރިނަމަ އެ މާކްސް ނުގެއްލުނީސްކަމަށެވެ. ނަމަވެސް މި ވީޑިއޯ އާންމުވުމާއެކު، ކުދިންގެ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ބަދަލުގައި މަދުވި ކުޑަ މިންވަރަށް ސަމާލުކަން ދިނުމަކީ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހުރަސްއަޅާ ކަމެއްކަމަށް ބުނެ ގިނަ ބަޔަކު ވަނީ އެ މަންމައަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

  • އައިސީއެސްއީ އިމްތިހާނުން ދަރިވަރު 500 އަކުން 499 މާކްސް ހޯދުން.
  • އެންމެ މާކްހެއް މަދުވުމުން މަންމަ ހިތާމަފާޅުކޮށް ވާހަކަދެއްކުން.
  • މީސްމީޑިއާގައި ގިނަ ބަޔަކު މަންމަގެ ވިސްނުމަށް ފާޑުކިޔައި ނުރުހުން ފާޅުކުރުން.
  • މިއީ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހުރަސްއަޅާ ކަމެއްކަމަށް އާންމުން ބުނުން.

އިންޑިއާގައި ހެދި އައިސީއެސްއީ އިމްތިޙާނުން 500 އަކުން 499 މާކްސް ހޯދި ދަރިވަރުގެ މަންމަ، އެންމެ މާކްހެއް މަދުވުމުން ހިތާމަފާޅުކޮށް އެ ވާހަކަ ދެއްކުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްްޖެއެވެ.

އިންޑިއާގެ ވެސްޓް ބެންގޯލަށް ނިސްބަތްވާ މި ދަރިވަރު، އައިސީއެސްއީ އިމްތިޙާނުން މުޅި އިންޑިއާއިން ދެވަނަ ހޯދި ނަމަވެސް، އެންމެ މާކްހެއް މަދުވުމަކީ އޭނާގެ މަންމަ ނުހަނު ހިތާމަކުރާ ކަމެކެވެ.

ސިލިގުރީގެ އޮކްސިލިއަމް ކޮންވެންޓް ސްކޫލްގެ ދަރިވަރު، ދިބްޔެންދޫ ޕްރަމާނިކް، ގްރޭޑް 10ގެ ބޯޑު އިމްތިޙާނުން %99.80 މާކްސް ހޯދިއެވެ. ނަމަވެސް، ސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާ އޭނާގެ މަންމަ، ބާނީ ޕްރަމާނިކް ޝަރުމާގެ އިޙްސާސްތައް ހުރީ ތަފާތުކޮށެވެ. އޭނާ ބުނި ގޮތުގައި ދަރިފުޅުގެ ކާމިޔާބީއަށްޓަކައި ފަޚުރުވެރިވާ މިންވަރަށް، އެންމެ މާކްހެއް މަދުވުމުން ހިތާމަވެސް ކުރެއެވެ.

"އަހަންނަށް ވަރަށް ދެރަގޮތެއް މިވީ. އެންމެ މާކްހެއް އިތުރަށް ލިބުނުނަމަ މާ ބޮޑަށްވެސް ރަނގަޅުވީސް. އޭނާ ކުޑަކޮށްވެސް ބުރަކޮށް މަސައްކަތް ކުރިނަމަ، އެ މާކްސް ގެއްލުމުގެ ހިތާމައެއް އަހަރެމެންނަކަށް ނޯންނާނެ،" މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި އެ މަންމަ ބުނެފައިވެއެވެ.

ދިބްޔެންދޫ ޕްރަމާނިކް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ނޫސްވެރިންނާ ވާހަކަދައްކަމުން ދިބްޔެންދޫ ވެސް ވަނީ އޭނާގެ މަންމަގެ ވިސްނުމާ އެއްބަސްވެފައެވެ. އޭނާ ބުނި ގޮތުގައި އެންމެ މާކްހެއް ގެއްލުމުން ދެރަވި ނަމަވެސް، ލިބުނު ނަތީޖާއާ މެދު މައްސަލައެއް ނެތެވެ. އިންޖިނިއަރަކަށް ވުމުގެ ހުވަފެން ދެކޭ މި ދަރިވަރު މިހާރު ތައްޔާރުވަމުންދަނީ އައިއައިޓީ ފަދަ މަތީ ފަންތީގެ އިމްތިޙާނުތަކުން ފާސްވުމަށެވެ.

މި ވީޑިއޯ އާންމުވުމާއެކު، މީސްމީޑިއާ ބޭނުންކުރާ ގިނަ ބައެއްގެ ފާޑުކިޔުން އެ މަންމައަށް ވަނީ އަމާޒުވެފައެވެ. ބައެއް މީހުން ބުނެފައިވަނީ މިއީ ކުދިންނަށް ނުބައި ނުފޫޒެއް ފޯރުވުމެއް ކަމަށާއި، މިފަދަ ބެލެނިވެރިންނަކީ ދަރިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހުރަސްއަޅާ ބައެއް ކަމަށެވެ.

އަދި ދަރިންގެ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ބަދަލުގައި، މަދުވި ކުޑަ މިންވަރަކަށް ސަމާލުކަން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ގިނަ ބަޔަކު ބުނެފައިވެއެވެ.

މި އަހަރު ވެސްޓް ބެންގޯލުން 499 މާކްސް ހޯދި 12 ދަރިވަރުންގެ ތެރޭގައި ދިބްޔެންދޫ ހިމެނެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، އެ ސްޓޭޓުން މި އަހަރު އިމްތިޙާނުގައި ބައިވެރިވި 44،410 ކުދިންގެ ތެރެއިން %99.18 ކުދިން ވަނީ ފާސްވެފައެވެ.

އިންޑިއާގައި ދަރިވަރުންނަށް އިމްތިހާނުތަކުން ލިބޭ މާކްސް މަދުވުމަކީ ބައެއް ދަރިވަރުންގެ އާއިލާތަކުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރާ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

comment ކޮމެންޓް