އަވައްޓެރި އިންޑިއާގައި ބޭއްވި އިންޑިއަން އޯޝަން ޑައިލޮގްގެ ހަވާސާގައި، ބޭރުގެ މީޑިއާތަކަށް ދެއްވި ބަސްދީގަތުންތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ރަސްމީ ބަޔާނެއް ނެރެ، ރައްދު ދިނުމުން، އެ މަނިކުފާނު މިއަދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފިއެވެ.
ނަޝީދު ވަނީ މޮރިޝަސްގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި ސުލްހަވެރި ހައްލެއް ހޯދުމަށް މަޝްވަރާކުރެއްވި ކަމަށް ވިދާޅުވެފައެވެ. އަދި، މޮރިޝަސްއިން ދިން ފުރުސަތުގެ ބޭނުން ހިފުމަށް އެ މަނިކުފާނު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
އެ މަނިކުފާނު ވަނީ އަވައްޓެރި ގައުމުތަކުން ދޭ އެހީގެ ފައިސާ އިސްރާފުކުރާކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ.
އެ ކަމާ ގުޅިގެން ސަރުކާރުން އިނގިރޭސިބަހުން ނެރުނު ބަޔާނެއްގައި ވަނީ ޚާރިޖީ ސިޔާސަތާއި، ސަރަހައްދީ ސަލާމަތާއި، ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭގޮތުން އާންމުކޮށް ދައްކާ ވާހަކަތަކަކީ އޭގެ ސަބަބުން ބޮޑެތި ނަތީޖާތަކެއް ނުކުމެދާނެ ކަންކަން ކަމަށެވެ.
އެ ބަޔާނާ ގުޅިގެން ނުރުހުންވެ، ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"ދިވެހިރާއްޖެއަކީ މުޅި ދިވެހި ރައްޔިތުންގެ ރާއްޖެ. ތިރީސް ޕަސެންޓަށްވުރެ ތާއީދު ދަށްކޮށް އޮތް [ރައީސް ޑރ. މުހައްމަދު] މުއިއްޒުގެ ސަރުކާރުގެ ރާއްޖެއެއް ނޫން،" އެ މަނިކުފާނުގެ ޕޯސްޓުގައިވެއެވެ.
ނަޝީދު ވިދާޅުވީ، ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި އަދި އެހެން ވެސް ހުރިހާ ސިޔާސަތުތައް މުތާލިޔާކޮށް، ދެނެގަނެ، އެ ސިޔާސަތުތަކަށް ފާޑުކިޔުމަކީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށެވެ. އެއަށް ފަހު، އެ މަނިކުފާނު ވަނީ އެކުވެރި ދައުލަތްތަކުން ދޭ މަލީ އެހީއާއި ލޯނުތައް ސަރުކާރުން ބޭނުންކުރަން ޖެހޭނީ ޒިންމާދާރުކަމާ އެކުކަން ހަނދާންކޮށްދީފައެވެ.
ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކީ 'ބަލައިނުލާ' ދެއްކެވި ވާހަކަފުޅުތަކެއްކަމަށް ދޭހަވާ މޭރުމަކުން ރައްދުދެއްވާފައެވެ.

ނަޝީދު ވިލިމާލޭގައި: އެ މަނިކުފާނު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން -- ފޮޓޯ/ އެމްޑީޕީ
"އެފަދަ ވާހަކަތަކަކީ ހަގީގަތުގެ މައްޗަށް ބިނާވެފައިވާ، ގައުމީ އެއްބައިވަންތަކަން އިތުރުކޮށްދޭ އަދި ދިވެހިރާއްޖޭގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ބޮޑުކޮށްދޭ ވާހަކަތަކަށް ވާންޖެހޭނެ،" ފޮރިން މިނިސްޓްރީން އިނގިރޭސިބަހުން ނެރުނު ބަޔާނުގައިވެއެވެ.
ދިވެހި ސަރުކާރުން އަބަދު ވެސް ދެމިއޮންނާނީ ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ދިވެހި ރައްޔިތުންގެ ސިޔާދަތާއި ކަރާމާތް ރަމްޒުކޮށްދޭ ޚާރިޖީ ސިޔާސަތެއް ކުރިއެރުވުމުގައި ކަމަށް ވެސް ސަރުކާރުގެ ބަޔާނުގައިވެއެވެ.
އެނބުރި އެމްޑީޕީއަށް ވަޑައިގެންނެވުމަށް ފަހު، އެ ޕާޓީގެ ޗެއާޕާސަންކަމަށް ކުރިމަތިލައްވައިގެން އުޅުއްވާ ނަޝީދު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.