ޕީއެންއެފް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ސޯފާއެއް ހިފައިގެން މާލޭގައި ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން-- ފޮޓޯ: ޗެނަލް13

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ތަކުރާރުކޮށް ޚިލާފުވަމުންދާތީ، އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. މި ފިޔަވަޅު އަޅާފައިވަނީ ސޯފާއެއް ހިފައިގެން މާލޭގެ އެކި ސަރަހައްދުތަކުގައި، ޚާއްސަކޮށް ސަރުކާރު ހިންގާ ޕީއެންސީގެ ޖަގަހަ ސަރަހައްދުގައި އެއްވުންތައް ބޭއްވުމުގެ ސަބަބުންނެވެ. ކޮމިޝަނުން ބުނާގޮތުގައި މިއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން އެހެން ޕާޓީތަކުގެ ބައްދަލުވުންތަކަށް ހުރަސްއެޅުން މަނާކުރާ މާއްދާތަކާ ޚިލާފުވުމެވެ. ނަމަވެސް ޕީއެންއެފްއިން ވަނީ މި ތުހުމަތުތައް ދޮގުކޮށް، މިއީ ސަރުކާރުގެ ނުފޫޒުން ނިންމާފައިވާ ނިންމުމެއްކަމަށް ބުނެފައެވެ.

  • ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފުވިކަމަށް ބުނެ ޕީއެންއެފް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރުން.
  • ޖޫރިމަނާކުރީ ޕީއެންސީގެ ޖަގަހަ ސަރަހައްދުގައި ސޯފާއެއް ހިފައިގެން މުޒާހަރާކޮށް، ބައްދަލުވުންތަކަށް ހުރަސްއެޅުމުން.
  • އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން އެ ޕާޓީއަށް އިންޒާރުދީ، ބައްދަލުވުމަށް ދައުވަތުދިންކަމަށް ބުނެފައިވުން.
  • ޕީއެންއެފްއިން މި ނިންމުމަކީ ސަރުކާރުގެ ނުފޫޒުން ނިންމި ނިންމުމެއްކަމަށް ތުހުމަތުކުރުން.

ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ތަކުރާރުކޮށް ޚިލާފުވަމުންދާތީ ކަމަށް ބުނެ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އެއް ލައްކަ ރުފިޔާއިން އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކޮށްފިއެވެ.

އެ ކޮމިޝަނުން އިއްޔެ ޕީއެންއެފްގެ ރައީސް ޔާމީނަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައި ބުނެފައިވާ ގޮތުގައި، އެ ޕާޓީން ދަނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ބޭރުން ސިލްސިލާކޮށް އެކިއެކި ހަރަކާތްތައް ހިންގަމުންނެވެ. މިގޮތުން އެހެން ސިޔާސީ ޕާޓީތަކުން ބާއްވާ ބައްދަލުވުންތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުމާއި، އެފަދަ ބައްދަލުވުންތައް ކުރިއަށްދާ ވަގުތުތަކާ ދިމާކޮށް އެ ސަރަހައްދުތަކުގައި ހަރަކާތްތައް ހިންގުން ހިމެނޭ ކަމަށް ކޮމިޝަނުން ބުނެއެވެ.

މި ޖޫރިމަނާކުރުމުގެ ގާނޫނީ އަސާސަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 45 ވަނަ މާއްދާއާއި 49 ވަނަ މާއްދާ ކަމަށް ކޮމިޝަނުން ބުނެއެވެ. އެ ގާނޫނުގެ 45 ވަނަ މާއްދާގެ އ ގައި ބަޔާންކޮށްފައިވާ ގޮތުން، އެއްވެސް ޕާޓީއެއްގެ މެންބަރުން ނުވަތަ ތާއީދުކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގާ ބައްދަލުވުމަކަށް ހުރަސްއެޅޭފަދަ އަމަލެއް ކުރުމަކީ މަނާކަމެކެވެ. ހަމައެހެންމެ، އެ މާއްދާގެ މ ގައި ބަޔާންކޮށްފައިވަނީ އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެ ވަގުތަކާ ދިމާކޮށް އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތްކޮށްގެން ނުވާނެ ކަމަށެވެ.

ނަމަވެސް ޕީއެންއެފްއިން މި އިޖުރާއަތްތަކާ ޚިލާފަށް އަމަލުކުރަމުންދާތީ ކަމަށް ބުނެ، ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން 100,000 ރުފިޔާ އިން އެ ޕާޓީ ޖޫރިމަނާކުރަން ކޮމިޝަނުން ނިންމީ ކަމަށް ސިޓީގައި ބުނެފައިވެއެވެ. މިއީ ގާނޫނާ ޚިލާފުވާ ޕާޓީތަކާމެދު އެޅޭނެ އެންމެ ބޮޑު އެއް މާލީ ފިޔަވަޅެވެ.

ޕީއެންއެފްއާމެދު މިފަދަ ހަރުކަށި ފިޔަވަޅެއް އެޅުމުގެ ކުރިން، މައްސަލަ ހައްލުކުރުމަށް ކޮމިޝަނުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައިކަން ސިޓީގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ޕީއެންއެފްގެ އަމަލުތައް އިސްލާހުކުރުމަށް އެދި މީގެ ކުރިންވެސް އެ ޕާޓީއަށް ރަސްމީކޮށް ސިޓީ ފޮނުވާފައިވާކަމަށް ކޮމިޝަނުން ބުންޏެވެ. އަދި ކޮމިޝަނާއެކު ބައްދަލުވުމެއް ބޭއްވުމަށްވެސް އެ ޕާޓީއަށް ދައުވަތު ދިން ކަމަށާއި ނަމަވެސް، ހާޒިރު ވެފައި ނުވާކަން ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.

މި ޖޫރިމަނާގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުން ވަނީ ޕީއެންއެފްއަށް އިތުރު އިންޒާރެއްވެސް ދީފައެވެ. އެގޮތުން، އެ ޕާޓީން ނުވަތަ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ގާނޫނާ ޚިލާފު އަމަލުތައް ތަކުރާރުކުރާނަމަ، އެ ފަރާތްތަކާމެދު އިތުރު ގާނޫނީ ފިޔަވަޅުތައް އަޅާނެކަން ކޮމިޝަނުން ވަނީ އަންގާފައެވެ.

މިކަމާ ގުޅޭގޮތުން ޕީއެންއެފްއިން ބުނީ ކޮމިޝަނުން އެ ޕާޓީއާ މެދު ފިޔަވަޅު އަޅާފައި މިވަނީ އެ ޕާޓީއާ ގުޅުން ނެތް ކަމެއްގައި ކަމަށެވެ. އަދި މިއީ މިނިވަން މުއައްސަސާތަކުން އަމަލު ކުރަން ޖެހޭ މިންގަނޑުތަކުގެ ބޭރުން ސަރުކާރުގެ ނުފޫޒުގެ މައްޗަށް ބިނާކޮށް އަމަލުކޮށްފައިވާ ގޮތެއް ކަމަށް ވެސް ޕީއެންއެފްއިން ބުންޏެވެ.

ޓައުން ހޯލް ޖަލްސާތައް ފިޔަވާ އެހެން ސިޔާސީ ހަރަކާތެއް ޕީއެންއެފްއިން ކުރިއަށް ނުގެންދާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

comment ކޮމެންޓް