ކޯޓުގެ އަމުރާ ޚިލާފަށް ސުވާލުކުރިކަމަށް ވިދާޅުވެ، ނޫސްވެރިއަކު ރައީސްގެ ބައްދަލުވުމުން ނެރެފި

ކޯޓުގެ އަމުރާ ޚިލާފަށް ސުވާލުކުރިކަމަށް ވިދާޅުވެ، ނޫސްވެރިއަކު ރައީސްގެ ބައްދަލުވުމުން ނެރުން -- ސަން ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އަދަދު ނޫހުގެ ނޫސްވެރިއަކު ކޯޓު އަމުރަކާ ޚިލާފަށް ސުވާލުކުރިކަމަށް ވިދާޅުވެ އެ ބައްދަލުވުމުން ވަނީ ނެރެފައެވެ. މި އަމުރަކީ އަދަދު ނޫހުން ގެނެސްދިން އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެކެވެ. ރައީސް ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަންވާނީ އިސްލާމްދީނާއި ޤާނޫނުއަސާސީގެ އިމުގެ ތެރޭގައި ކަމަށާއި، ރައީސް އޮފީހުގައި ޤާނޫނީ ސިޔާދަތު ނަގަހައްޓަވާނެ ކަމަށެވެ.

  • ރައީސްގެ ބައްދަލުވުމުން ނޫސްވެރިއަކު ބޭރުކޮށްފި
  • ސަބަބަކީ ކްރިމިނަލް ކޯޓުގެ އަމުރާ ޚިލާފަށް ސުވާލުކުރުން
  • މައްސަލަ ގުޅެނީ އަދަދު ނޫހުގެ އައިޝާ ޑޮކިއުމެންޓްރީއާ
  • ރައީސް ވިދާޅުވީ ޤާނޫނީ ސިޔާދަތު ނަގަހައްޓަވާނެކަމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޯޓު އަމުރަކާ ޚިލާފަށް ސުވާލުކުރި ކަމަށް ބުނެ ނޫސްވެރިއަކު ބައްދަލުވުމުން ނެރެފިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކްރިމިނަލް ކޯޓުން ނެރެފައިވާ "ގެގް" އޯޑަރަށް ނުވަތަ މައުލޫމާތު ހާމަކުރުން މަނާކޮށް ނެރެފައިވާ އަމުރަށް ތަބާވުމަކީ ހުރިހާ ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.

"ސަރުކާރުން ކުރާ ކަމެއް ނޫން. ޝަރުއީ ދާއިރާއިން ކުރާ މަސައްކަތް ޝަރުއީ ދާއިރާއިން ކުރާނެ،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި އޮތް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއަކީ މިނިވަންކަމާއެކު ހިޔާލުފާޅުކުރުމުގެ ފުރުސަތު ތަންމިންނަށް އޮތް ގައުމެއް ނަމަވެސް، އެކަން ކުރަންޖެހޭނީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިންތަކުގެ ތެރެއިން ކަމަށެވެ.

އަދި މިއީ އިސްލާމީ ގައުމެއްކަމުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އިސްލާމްދީނާ ހިލާފު ނުވަތަ ގާނޫނުއަސާސީއާ ތައާރުޒުވާ އެއްވެސް ކަމެއް ނުކުރެވޭނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ ފަހުން މި ބައްދަލުވުމުގެ ތެރެއިން "އަދަދު" ނޫހުގެ ނޫސްވެރިއަކު އެ މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމުން، ރައީސް ވިދާޅުވީ އެ ނޫސްވެރިޔާ އެ ސުވާލު ކުރީ ކޯޓު އަމުރާ ޚިލާފަށް ކަމަށެވެ.

އަދި ރައީސް އޮފީހުގެ ތެރޭގައި "ރޫލް އޮފް ލޯ" ނުވަތަ ގާނޫނީ ސިޔާދަތު ނަގަހައްޓަވާނެ ކަމަށް ވިދާޅުވެ، އެ ނޫސްވެރިޔާ ބައްދަލުވުމުން ނިކުތުމަށް ރައީސް އަމުރުކުރެއްވިއެވެ.

މިއީ ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން، ކުރި ސުވާލަކާ ގުޅިގެން ނޫސްވެރިއަކު ބައްދަލުވުމުން ބޭރުކުރި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް