ޓޫރިޒަމް ވިޔަފާރިތަކަށް އެހީވެވޭނެ ގޮތްތައް އެބަ ބަލާ: ރައީސް

11 މެއި 2026: ނޫސްވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ދެނެގަނެ، އެ ދާއިރާގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މިކަމަށްޓަކައި އެކުލަވާލާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީއަކުން ދަނީ މި ހާލަތު ވަރަށް ގާތުން ބަލައި ދިރާސާކުރަމުން ކަމަށެވެ. އަދި ދާއިރާގެ އެކި ފަރާތްތަކާއެކު ކުރެވޭ މަޝްވަރާތަކަށްފަހު، އެހީތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ތަންފީޒުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތް ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 27 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި މުޅި އަހަރަށް ބަލާއިރުވެސް 4 އިންސައްތައިގެ ދަށްވުމެއް އުޅެއެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.

  • މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް ކުރާ އަސަރު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްކުރުން
  • ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަރާތްތަކާއެކު ސަރުކާރުން މަޝްވަރާކުރުން
  • މިދިޔަ އަހަރާ އަޅާބަލާއިރު ފަތުރުވެރިން ޒިޔާރަތްކުރި އަދަދު 27 އިންސައްތަ ދަށްވުން
  • މި މައްސަލައާ ގުޅިގެން މަޖިލީހަށް ހުށަހެޅުނު މައްސަލަ ބޭރުކޮށްލުން

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ދެނެގަނެ، އެ ދާއިރާގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ސަރުކާރުން ބަލަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަރުކާރުން އެކުލަވައިލައިފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ދަނީ ފަތުރުވެރިކަމަށް ކުރަމުންދާ އަސަރުތައް ވަރަށް ގާތުން ބަލައި ދިރާސާކުރަމުން ކަމަށެވެ.

އަދި މި މަސައްކަތުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގެ އެކި ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މި ދިރާސާތަކުން ހާމަވާ ކަންކަމަށް ބިނާކޮށް، ދާއިރާގެ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމަށް ސަރުކާރަށް ކުރެވެން ހުރީ ކޮން ކަންތައްތަކެއްތޯ ބަލައި އެކަންކަން ތަންފީޒު ކުރައްވާނެ ކަމަށެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 22 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 110,178 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 150,808 ފަތުރުވެރިންނާ އަޅާބަލާއިރު 27 އިންސައްތައިގެ ދަށްވުމެކެވެ.

މީގެ އިތުރުން، މި އަހަރުގެ މިހާތަނަށް ޖުމުލަ 758,753 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ހަތަރު އިންސައްތައިގެ ދަށްވުމެކެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ މި ހާލަތުން އަރައިގަނެ، ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށެވެ.

ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ޓަކައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޖިލީހުގައި ބަހުސްކުރުމަށް އިދިކޮޅު އެމްޑީޕީން މި މަހުގެ ފަސްވަނަ ދުވަހު ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.

comment ކޮމެންޓް