ގދ. ފަރެސްމާތޮޑާގައި ވައިރަލް ހުން ފެތުރެމުންދާ މިންވަރު އިތުރުވެ އެ ރަށުގެ އާބާދީގެ ދެބައިކުޅަ އެއްބައެއްހާ މީހުން ޑޮކްޓަރަށް ދައްކާފައިވާކަމަށް އެ ރަށުގެ ހެލްތު ސެންޓަރުން މިއަދު ބުނެފިއެވެ.
ފަރެސްމާތޮޑާގައި މިހާރު ދިރިއުޅޭ މީހުންގެ އާބާދީއަކީ ގާތްގަނޑަކަށް 1،100 އެކެވެ.
'ސަން'އަށް މައުލޫމާތުދެއްވަމުން ފަރެސްމާތޮޑާ ހެލްތު ސެންޓަރުގެ މެނޭޖަރު ޔާސިރު މުޙައްމަދު ވިދާޅުވީ، ގާތްގަނޑަކަށް ރަށުގައި ދިރިއުޅޭ މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބައެއްހާ މީހުން މިހާރު މި ފެތުރޭ ހުމުގެ ސަބަބުން ޑޮކްޓަރަށް ދައްކާފައިވާ ކަަމަށެވެ.
އެގޮތުން އެންމެ ގިނައިން މީހުން ޑޮކްޓަރަށް ދައްކާފައިވަނީ މިދިޔަ ބުރާސްފައްޗާއި، ހުކުރު ދުވަހުކަމަށާއި، ބުރާސްފަތި ދުވަހު ވައިރަލް ހުން ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުން އަދަދު 54އަށް އަރާއިރު، ހުކުރުދުވަހު ޑޮކްޓަށް ދެއްކި މީހުންގެ އަަދަދު 40 އަށްއަރާ ކަމަށް ޔާސިރު ވަނީ ވިދާޅުވެފައެވެ.
އަދި ޔާސިރު ވަނީ މިއަދު ވެސް ޑޮކްޓަރަށް ދައްކަމުންދާ މީހުން މަދު ނޫންކަން ފާހަގަ ކުރައްވައިފައެވެ. އަދި މިހާރު ވެސް ހެލްތު ސެންޓަރުގައި އެޑްމިޓްކޮށްގެން ހަތް މީހަކު ފަރުވާ ހޯދަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ ވައިރަލް ހުން ގިނަވުމުގެ ސަބަބުން، އެރަށުގެ ހެލްތު ސެންޓަރަށް އެހީތެރިވުމުގެ ގޮތުން އެ އަތޮޅުގެ ތިނަދޫއިން ދެ ޑޮކްޓަރުންނާއި ދެ ނަރުހުން ފޮނުވާދީފައިވާ ކަމަށެވެ. އެ ރަށުގައި ގާއިމުވެ ހުންނަނީ އާއްމު ބަލީގެ އެންމެ ޑޮކްޓަރެކެވެ.
ޔާސިރު ވަނީ ބަލިމީހުންނަށް ބޭނުންވާ ބޭސް އެސްޓީއޯއިން ބަރާބަރަށް ފޯރުކޮށްދެމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
އެސްޓިއޯއިން ބަލިމީހުންނަށް ބޭނުންވާ ހުރިހާ ބޭސްތަކެއް ޕްރޮވައިޑްކޮށްދޭ ހަމަ. ހުސްވެގެންދާ ގަޑީގައި ހަމަ އަތޮޅުތެރޭގެ ހުރިހާ ރައްތަކަކުން ގެނެސް ހަމަ ބަލިމީހާއަށް ބޭނުންވާ ބޭސްތައް ލިބޭހަމަ. ފަރެސްމާތޮޑާ ހެލްތް ސެންޓަރުގެ މެނޭޖަރު ޔާސިރު މުޙައްމަދު
ފާހަގަކޮށްލެވޭ ގޮތުގައި އެ ރަށުގެ ހެލްތު ސެންޓަރުން ވަނީ މި މަހުގެ ހަ ވަނަ ދުވަހު، ހުމާއި އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކަންދާ މީހުންގެ އަދަދު އިތުރުވާކަން ފާހަގަކުރެވޭތީ، އެ ކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން ހެލްތު ސެންޓަރުން ވަނީ ހުމާއި އަރިދަފުސް ރޯގާގެ އިތުރުން ގައިންގަޔަށް އަރާ ބަލިތަކާއި މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ކޮންޓްރޯލުކޮށް އެފަދަ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން އަޅަންވީ ފިޔަވަޅުތައް ވެސް އާންމުކޮށްފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވެސް ވަނީ ޑެންގީއާއި އެހެން ބަލިތައް ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފައެވެ.