މިދިޔަ އަހަރުގެ ޖުލައި މަހު އަލަތު ދަރިފުޅު ލިބިފައިވާ ބަތަލާ ކިއާރާ އަދުވާނީ މަންމައަކަށްވުމުން މީގެކުރިން ދިރިއުޅުމާ މެދު ދެކެމުން އައިގޮތް މުޅިން ތަފާތުވެފައިވާ ކަމަށް ބަތަލާ ބުނެފިއެވެ.
މަޝްހޫރު ޔޫޓިއުބަ ރާޖް ޝަމާނީގެ ޝޯއަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ކިއާރާ ބުނީ، މައެއްގެ ޒިންމާއާ ހަވާލުވުމުގެ ކުރިންނާއި ފަހުން އޭނާ އަކީ މުޅިން ތަފާތު ދެ މީހެއް ކަމަށް އިހުސާސް ކުރެވޭ ކަމަށެވެ.
އެކަން ކިއާރާ މިހާރު ގަބޫލުކޮށްފި ކަމަށާއި ދިރިއުޅުމުގައި މިހާރު ކުރާ ކޮންމެ ކަމެއްގެ ފަހަތުގައިވެސް ފޮރުވިފައިވާ ހާއްސަ މަގުސަދެއް އޮންނަ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
މަޔަކަށް ވުމަށްފަހު ކޮންމެ މީހެއްގެ ތަޖުރިބާ ވެސް ތަފާތުވާނެ ކަމަށާއި، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެކި މީހުންނަށް އެކަމުގެ އަސަރު ކުރަނީ އެކި މިންވަރަށް ކަމަށް ކިއާރާ ވަނީ ފާހަގަކޮށްފައެވެ.
މައެއްގެ ޒިންމާއާ ހަވާލުވުމަށްފަހު އަމިއްލަ ނަފްސަށް އޯގާތެރިވާން ދަސްވެފައިވާ ކަމަށާއި އަމިއްލަ ނަފުސަށް އައި ބޮޑު ބަދަލު ގަބޫލުކޮށް، އަމިއްލަ ނަފްސަށް އެ ފުރުސަތު ދިނުމަށް އޭނާއަށް ހަ މަސް ދުވަސް ނެގިކަމަށް ކިއާރާ ވަނީ ބުނެފައެވެ.

ކިއާރާ އާއި ސިދާތު އަދި ދެ މީހުންގެ އަލަތު ދަރިފުޅުގެ ފޮޓޯއެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
މުޅި އުމުރު އެހެން މީހުންގެ ކަންކަން ފުރިހަމަ ކުރުމަށް އިސްކަންދެމުން އައި ނަމަވެސް، މިހާރު އަމިއްލަ ނަފްސަށް ވަގުތުދީ، އަމިއްލަ ނަފްސާ އޮންނަ ގުޅުން ވަރުގަދަ ކުރަން ދަސްވެއްޖެ ކަމަށް ފިލްމު "ކަބީރު ބެދީ"ގެ ބަތަލާ ވަނީ ބުނެފައެވެ.
ކިއާރާ ބުނި ގޮތުގައި އާ މައެއްގެ ގޮތުގައި އުޅޭއިރު، ދަރިފުޅު ބެލުމުގެ އިތުރުން ގޭތެރޭގެ ކަންކަން ބެލެހެއްޓުމަކީ ފިލްމީ މަސައްކަތަށްވުރެ މާ ބުރަ ކަމެކެވެ. މަސައްކަތުން ބްރޭކެއް ނެގީ ހަމައެކަނި ވަގުތު ހޯދުމަކަށް ނޫން ކަމަށާއި، އެއީ ދަރިފުޅުގެ ހަޔާތުގެ އެންމެ މުހިންމު ދުވަސްތަކުގައި ދަރިފުޅާއެކު އަމަލީ ގޮތުން ބައިވެރިވުމަށް ކަމަށް ކިއާރާ ވަނީ ބުނެފައެވެ.
ކިއާރާ އަލުން މަސައްކަތަށް ނުކުތީ ދަރިފުޅު ލިބުނުތާ ފަސް މަސް ފަހުން، މިދިޔަ ޑިސެމްބަރު މަހުގައެވެ. ބަތަލާ ބުނި ގޮތުގައި، ވަޒީފާގެ މާހައުލުގައި މާބޮޑަށް ވަރުބަލިވެ ހާސްވުމަކީ އެއްވެސް މީހަކަށް ފައިދާހުރި ކަމެއް ނޫނެވެ.
އެހެންކަމުން، ދާދިފަހުން މައަކަށްވި ބަތަލާ ދީޕިކާ ދެއްކި ވާހަކައަށް ތާއީދުކުރަމުން، ފިލްމީ ސެޓުތަކުގައި މަސައްކަތްކުރާ ވަގުތު އަށް ގަޑިއިރަށް މަދުކުރުމަކީ، މައިންނަށް މަސައްކަތާއި އާއިލީ ޒިންމާ ހަމަހަމަކުރުމަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ކިއާރާ ވަނީ ބުނެފައެވެ.
ބޮލީވުޑްގެ އެންމެ މަގުބޫލު އެކްޓަރުންގެތެރޭ ހިމެނޭ ސިދާތު މަލްހޯތުރާގެ އަންހެނުން ބެލުންތެރިންނަށް އެންމެ އަވަހަށް ފެންނާނީ ފިލްމު "ޓޮކްސިކް"އިންނެވެ. ކިއާރާ ހާމަކުރި ގޮތުގައި އޭނާ "ޓޮކްސިކް" ފިލްމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ބަނޑަށް ހަތް މަހުގައެވެ. އެ ވަގުތު އޭނާ ބަނޑުބޮޑުކަން އެނގެނީ ހަމައެކަނި ޑައިރެކްޓަރަށާއި ޕްރޮޑިއުސަރަށެވެ.
ފިލްމު "ޓޮކްސިކް" ރިލީޒްކުރާނެ ރަސްމީ ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.