4 ފަތުރުވެރިން ގެއްލުނު ހާދިސާއާ ގުޅިގެން އުޅަނދުގެ އޮޕަރޭޓިން ލައިސަންސް ހިފަހައްޓައިފި

ޑައިވިންއަށް ގޮސް އުޅުނު އިޓަލީގެ 5 ފަތުރުވެރިން: އޭގެ ތެރެއިން 4 ފަތުރުވެރިން ގެއްލުނު ހާދިސާއާ ގުޅިގެން އުޅަނދުގެ އޮޕަރޭޓިން ލައިސަންސް ހިފަހައްޓައިފި --

ވ. އަތޮޅު ކައިރިއަށް ޑައިވްކުރަން ދިޔަ އިޓަލީގެ 4 ފަތުރުވެރިޔަކު ގެއްލުމާ ގުޅިގެން، އެ މީހުން ދަތުރުކުރި ސަފާރީގެ އޮޕަރޭޓިން ލައިސަންސް ޓޫރިޒަމް މިނިސްޓްރީން ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފައެވެ. މި ހާދިސާގައި ގެއްލުނު 5 މީހުންގެ ތެރެއިން ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ފެނިފައިވީ ނަމަވެސް، އަނެއް 4 ފަތުރުވެރިން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޓަލީގެ ރައީސަށާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވައި، ފަތުރުވެރިން ހޯދުމުގެ މަސައްކަތަކީ މިވަގުތު އެންމެ އިސްކަންދޭ ކަންތައްކަން ފާހަގަކުރައްވާފައެވެ.

  • ވ. އަތޮޅު ކައިރިއަށް ޑައިވްކުރަން ދިޔަ އިޓަލީގެ 4 ފަތުރުވެރިން ވަނީ ގެއްލިފައި.
  • ފަތުރުވެރިން ދަތުރުކުރި ސަފާރީގެ އޮޕަރޭޓިން ލައިސަންސް ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފި.
  • ގެއްލުނު މީހުންގެ ތެރެއިން ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު 60 މީޓަރު އަޑީގައިވާ ހޮހަޅައަކުން ވަނީ ފެނިފައި.
  • ގެއްލިފައިވާ ފަތުރުވެރިން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން މެދުކެނޑުމެއްނެތި ދަނީ ކުރަމުން.
  • ރައީސުލްޖުމްހޫރިއްޔާ ވަނީ އިޓަލީގެ ރައީސަށާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައި.

ވ. އަތޮޅު ކައިރިއަށް ޑައިވަކުރަން ގޮސް އުޅެނިކޮށް އިޓަލީއަށް ނިސްބަތްވާ ހަތަރު ފަތުރުވެރިން ގެއްލުނު ހާދިސާއާ ގުޅިގެން، އެ ފަތުރުވެރިން ޑައިވިންއަށް ދިޔަ ސަފާރީގެ އޮޕަރޭޓިން ލައިސެންސް ސަސްޕެންޑްކޮށްފިއެވެ.

ޓޫރިޒަމް މިސްޓަރީއިން މިއަދު މީޑިއާތަކަށް ހިއްސާކުރި މެސެޖުގައި ވަނީ ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާއާ ގުޅިގެން "އެމްވީ ޑޫކް އޮފް ޔޯކް" ގެ އޮޕަރޭޓިން ލައިސަންސް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީއިން ބުނީ އެ ސަފާރީގެ ލައިސެންސް ހިފަހައްޓާފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށާއި ސަސްޕެންޑުކުރީ ހާދިސާގެ ސީރިއަސްކަމަށް ބަލައި، ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ކަމަށެވެ. އަދި މި ދަތި ދަނޑިވަޅުގައި އެ ފަތުރުވެރިންގެ އާއިލާތަކަށް މިނިސްޓްރީން ތައުޒިޔާ ފޮނުވާފައިވާއިރު، އެ މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތް މިސްޓްރީން ބަލައިގަންނަ ކަމަށް ވަނީ ބުނެފައެވެ.

އެ ހާދިސާ ދިމާވެފައި ވަނީ އެ ސަފާރީގައި ތިބެ، ޑައިވިންއަށް ދިޔަ އިޓަލީގެ ފަސް ފަތުރުވެރިންނާއި ޑައިވިން އިންސްޓްރަކްޓަރަކަށެވެ.

މިނިސްޓްރީއިން ބުނީ އެމީހުންގެ ތެރެއިން ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ކަނޑުއަޑިން ފެނިފައިވީ ނަމަވެސް، ގެއްލުނު ހަތަރު ފަތުރުވެރިން އަދިވެސް ފެނިފައި ނުވާކަމަށެވެ. އަދި ކަމާބެހޭ އިދާރާތަކުން އެމީހުން ހޯދުމުގެ މަސައްކަތް މެދުކެނޑުމަކާއިނުލައި ކުރަމުންދާކަން މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި ގެއްލުނު ފަސް މީހުންގެ ތެރެއިން އޭނާގެ ހަށިގަނޑު ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ކޭވްއެއް ނުވަތަ ހޮހަޅައެއްގެ ތެރެއިންނެވެ.

ޓުރިޒަމް މިނިސްޓްރީއިން ވަނީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ ޒިންމާއެއްކަން ފާހަގަކޮށް، ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.

އަދި އެފަދަ މިންގަނޑުތައް ދެމެހެއްޓުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓްރީން ވަނީ ދެއްވާފައެވެ.

https://sun.mv/222038

ފަތުރުވެރިން ހޯދުމުގެ މަސައްކަތް ޚާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާއަށާއި އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވަވާފައެވެ.

ރައީސް ވިދާޅުވި ގޮތުގައި ގެއްލިފައިވާ ބާކީ ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތަކީ މިވަގުތު އެންމެ އިސްކަންދޭ އެއް ކަމެވެ. އަދި މިހާރު އެމްއެންޑީއެފުން ކުރިއަށް ގެންދާ ފުޅާ ރެސްކިއު އޮޕަރޭޝަނުގައި އިޓަލީ ސަރުކާރުގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ދިވެހި ސަރުކާރުން ޝުކުރު އަދާކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް