އޭނާއަކީ ކަނޑުތަކުގެ ފުންމިނާއި، އޮއިވަރާއި، ނުރައްކާތަކާ ކުރިމަތިލުމުގައި އަބަދުވެސް ކުރީ ސަފުގައި ހަރަކާތްތެރިވި މީހެކެވެ. އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށާއި، ގެއްލޭ މީހުން ހޯދުމަށް ކަނޑުގެ އަޑީގައި އޭނާ ހޭދަކުރި އެތައް ހާހުން ގުނޭ ގަޑިއިރުތަކަކީ ގައުމީ ޚިދުމަތުގެ މަތިވެރި މިސާލެކެވެ. މިއީ ޑައިވްކުރަން ކަނޑަށް ފައިބައި، ގެއްލުނު އިޓަލީވިލާތުގެ ފަސް ފަތުރުވެރިންގެ ތެރެއިން ނުފެނި އޮތް ހަތަރު މީހުން ހޯދަން ޑައިވްކުރަނިކޮށް، ހާލު ދެރަވެގެން މަރުވި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީއަށް ޓަކައި އެތައް ބަޔަކު ލިޔަމުން އަންނަ ވާހަކަތަކެވެ.
މަހުދީގެ ވަކިވުމާ އެކު މުޅި ގައުމަށް ވެރިވެފައިވަނީ ހިމޭންކަމާއި މޮޅިވެރިކަމެވެ.
މަހުދީއަކީ ހަމައެކަނި ޑައިވަރެއް ނޫނެވެ. އޭނާއަކީ ކަނޑުގެ އެންމެ ފުނަށް ފީނުމުގެ ގާބިލުކަން ލިބިފައިވާ، ރާއްޖޭގައި ހުރި އެންމެ ފުންނާބު އުސް އެއް ޑައިވަރެވެ.
އޭނާގެ ވަކިވުމާ ގުޅިގެން، 2005 ވަނަ އަހަރު މަހުދީއާއެކު ސިފައިންގެ ތަމްރީނު ފެއްޓެވި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި، މަހުދީއަކީ އޭރު ވެސް ހިތްވަރާއި އަދަބުވެރިކަމުގައި އަރާ ހުރި ސިފަވެރިއެކެވެ. އޭނާއަކީ ރާއްޖޭގައި ހުރި އެންމެ ގާބިލު އެއް ޑައިވަރެވެ.
"މަހުދީއަކީ ރާއްޖޭގައި ހުރި އެންމެ ގާބިލު އެއް ޑައިވަރު. ކަނޑުގެ 70 މީޓަރު އަޑީގައި ހިންގާ ނުރައްކާތެރި އޮޕަރޭޝަންތަކުގައި އޭނާ ވަނީ އެތައް ހާސް ޑައިވްތަކެއް ކޮށްފައި،" ފޭސްބުކްގައި އިހުސާން ލިޔުއްވާފައިވެއެވެ.
"މިއަދު ގައުމީ ޚިދުމަތުގައި ހުއްޓާ އޭނާ އެވީ އެންމެ މަތިވެރި ގުރުބާނީ. އޭނާއަކީ އަޅުގަނޑަށް އެނގުނު އެންމެ ހިތްވަރުގަދަ އެއް ސިފައިންގެ މީހާ، ގައުމީ ބަތަލެއް،" އިހުސާން އިތުރަށް ލިޔުއްވިއެވެ.
މަހުދީގެ ކެރުމާއި ހުނަރަށް ހެކިދެނީ ހަމައެކަނި ސިފައިންނެއް ނޫނެވެ. ރާއްޖޭގެ ފުންނާބު އުސް ޑައިވަރު ޝަފްރާޒް ނައީމް، މަހުދީއަށް ތަމްރީނު ދިން މީހެއްގެ ހައިސިއްޔަތުން ބުނީ މަހުދީއަކީ އޭނާ މަސައްކަތްކުރި އެންމެ ހިތްވަރުގަދަ "ޓީމް މޭޓު" ކަމަށެވެ.
މިއަދު، މުޅި ސޯޝަލް މީޑިއާ ވެސް ފުރިފައިވަނީ މަހުދީއަށް ކުރާ ތައުރީފުންނެވެ. އޭނާ ދަންނަ މީހުންނާއި ނުދަންނަ މީހުން ވެސް އެއްބަސްވަނީ އެއްކަމަކަށެވެ. އެއީ ގައުމަށް ގެއްލިގެން އެ ދިޔައީ އަގުނުކުރެވޭ ފަދަ ޚިދުމަތްތެރިއެއް ކަމެވެ. ކަނޑުމަތީގެ ހާދިސާއެއް ހިނގާ ނުރައްކާތެރި ކޮންމެ ހާލަތެއްގައި، ކަނޑުގެ ފުންމިނަށް އަތްފުނާ އަޅަން ފުންމާލި ހިތްވަރުގަދަ ފަހުލަވާނެއް ކަމެވެ.