ރިޟްވާން ގެއްލުވާލުން: ހައްޔަރުކުރި މީހުންގެ މައްސަލައިގައި ޞާލިޙް ހެއްދެވީ އިތުރުފުޅެއް: އުޝާމް

ބަންޑާރަނައިބު އަޙްމަދު އުޝާމް: ވިދާޅުވީ ރިޟްވާން ގެއްލުވާލި މައްސަލައިގައި ހައްޔަރުކުރި އެންމެން ދޫކޮށްލީ ޞާލިޙްގެ ސަރުކާރުގައި ކަމަށް --- ފޮޓޯ: މަޖިލިސް

ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުވާލި މައްސަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލީ މިހާރުގެ ސަރުކާރުން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވި ވާހަކަފުޅު ބަންޑާރަނައިބު އަޙްމަދު އުޝާމް ދޮގުކުރައްވައިފިއެވެ. އުޝާމް ވިދާޅުވީ އެ އެންމެންވެސް ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރު ޞާލިޙްގެ ވެރިކަމުގައި ކަމަށެވެ. ކޯޓުން ކުށް ސާބިތުނުވާކަމަށް ކަނޑައަޅައި، އެ މީހުން ދޫކޮށްލާފައިވަނީ ޖޫން މަހާއި ސެޕްޓެންބަރު މަހާ ދެމެދުގައެވެ.

  • ރިޟްވާންގެ މައްސަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލީ މި ސަރުކާރުން ކަމަށް ޞާލިޙް ވިދާޅުވި ވިދާޅުވުން އުޝާމް ދޮގުކުރެއްވުން.
  • ތުހުމަތުކުރެވޭ ތިން މީހުން ދޫކޮށްލީ 2023 ވަނަ އަހަރުގެ އެކި ދުވަސްވަރު ކަމަށް އުޝާމް ހާމަކުރެއްވުން.
  • އެ މީހުން ދޫކޮށްލީ ކޯޓުން ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅުމުން.
  • ރިޟްވާން ގެއްލުވާލާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 8 ވަނަ ދުވަހުގެ ރޭ.

ކުރީގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުالله ގެއްލުވާލި މައްސަލައިގައި ހައްޔަރުކުރި އެންމެން ވެސް ދޫކޮށްލީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ކަމަށާއި، ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޞާލިޙް ހެއްދެވީ އިތުރުފުޅެއް ކަމަށް، ބަންޑާރަނައިބު އަޙްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ތިން ރައީސުން ކަމަށްވާ ޞާލިޙާއި، މުޙައްމަދު ނަޝީދާއި، ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ ތެރެއިން ޞާލިޙް ރޭ ވިދާޅުވީ، ރިޟްވާން ގެއްލުވާލި މައްސަލަ ފުންކޮށް ތަހުގީގުކުރުމަށްފަހު، އެ މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރި ކަމަށެވެ.

"އެހެން އޮއްވައި މި ސަރުކާރު ވެރިކަމަށް އައިއްސަ އެ މީހުން ދޫކޮށްލީ، ދޫކޮށްލައިފައި ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި އެ ތިބީ،" ޞާލިޙް ވިދާޅުވިއެވެ.

ޞާލިޙް ވިދާޅުވީ، ރިޟްވާންގެ މައްސަލައިގައި އަދި އިންސާފު ނުލިބޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ރިޟްވާނަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް މި ސަރުކާރުން ކުރިއަށް ގެންދަންޖެހޭނެއެވެ.

އެ ވާހަކަފުޅުތަކާ ގުޅުވައި، އުޝާމް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ރިޟްވާންގެ މައްސަލައިގައި ތުހުމަތުވާ ފަރާތްތައް ދޫކޮށްލީ މި ސަރުކާރުން ކަމަށް ޞާލިޙް ވިދާޅުވި ވާހަކަފުޅަކީ އިތުރުފުޅެއް ކަމަށެވެ.

"އެ ފަރާތްތައް ބަންދުން ދޫކޮށްލައިފައިވަނީ 2023 ވަނަ އަހަރު އިންތިޚާބުގެ ދުވަސްވަރު، އެންމެ ފަހުން ބަންދުގަ ހުރި ފަރާތް ދޫކޮށްލައިފައިވަނީ 2023 ގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު. މިކަހަލަ ސާފުކޮށް ފެންނަން ހުންނަ ކަންކަމުގައިވެސް ރައްޔިތުންނަށް އޮޅުވައިލުމަށް ހަގީގަތާ ޚިލާފު ވާހަކަތައް ދެއްކެވުމަކީ ދެރަ ކަމެއް،" އުޝާމް ލިޔުއްވައިފައިވެއެވެ.

ރިޟްވާން ގެއްލުވައިލި މައްސަލައިގެ ތުހުމަތުގައި ބެލުމުގެ ދަށަށް ޖޫން 26، 2022ގައި ގެންދިޔައީ އިސްމާޢީލް ޢަބްދުއްރަޙީމް (އިސޫ)އާއި، އަޙްމަދު އިސްމާޢީލް (އަހަނދު)ގެ އިތުރުން، އަޙްމަދު މުޢާޒް (ގަޓު މުއާ)އެވެ.

https://sun.mv/166127

އެ ތިން މީހުން ހައްޔަރުކުރީ ރިޟްވާން ވަގަށް ނަގައި މަރާލައިފައިވާ މައްސަލައިގެ އިތުރުން، ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައާ ގުޅޭ ޖިނާއީ ކުށްތައް ރާވައި ހިންގުމުގައާއި އެ ކުށް ހިންގުމަށް މަގުފަހިކުރުވައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ.

ނަމަވެސް ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، ކޯޓުން ވަނީ ތިން މީހުންވެސް ދޫކޮށްލައިފައެވެ. އޭގެ ތެރެއިން ޖޫން 22، 2023ގައި އަހަނދު ދޫކޮށްލިއިރު، އިސޫ ދޫކޮށްލީ ޖެހިގެން އައި ޖުލައި މަހުގެ 12ވަނަ ދުވަހެވެ. އަދި ގަޓު މުއާ ދޫކޮށްލީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ސެޕްޓެންބަރު މަހުގެ 19ވަނަ ދުވަހެވެ.

https://sun.mv/171727

ރިޔާސީ ކޮމިޝަނުން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، ރިޟްވާން ދިރިއުޅެމުން އައި އެޕާޓްމަންޓް ކައިރިން އޭނާ ރަހީނުކޮށް ކާރަކަށް އަރުވައި ޑިންގީއަކަށް އަރުވައިގެން ގެންގޮސް އޭނާ އެރުވީ ކަނޑު އުޅަނދަކަށެވެ. އަދި އެ އުޅަނދުގައި އޭނާގެ ކަރު ބުރިކޮށް ހަށިގަނޑު ކަނޑުފެއްތީއެވެ. އެއީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ އަށްވަނަ ދުވަހުގެ ރެއެވެ.

comment ކޮމެންޓް