ވޮޝިންޓަން (21 މެއި 2026): އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ފެށި ޣައިރު ގާނޫނީ ހަނގުރާމައިގައި އީރާނުން އެމެރިކާގެ އަސްކަރީ 42 އުޅަނދެއް ހަލާކުކޮށްލާފައިވާކަން ހާމަވެއްޖެއެވެ.
މި ހަނގުރާމައިގައި އެމެރިކާއަށް ލިބުނު ގެއްލުންތައް ބަލައި ޗެކްކުރުމަށް ފަހު، ކޮންގްރެސްގެ ރީސާޗް ސާވިސް ޑިޕާޓްމަންޓުން ނެރުނު ރިޕޯޓެއްގައިވާގޮތުން ފައިޓާޖެޓާއި ހެލިކޮޕްޓަރާއި ޖާސޫސީ މަތިންދާބޯޓާއި އަސްކަރީ ޑްރޯން ހިމެނޭގޮތަށް، އީރާނުން ވަނީ އެމެރިކާގެ ވައިގެ 42 އުޅަނދު 39 ދުވަހުގެ ތެރޭގައި ހަލާކުކޮށްލާފައެވެ.
މީގެ ތެރޭގައި އީރާނުން ވައްޓާލި ފައިޓާޖެޓާއި ޑްރޯނާއި އަދި ގްރައުންޑް ކޮށްފައިވަނިކޮށް ކުއްލިގޮތަކަށް ހަމަލާދީ ހަލާކުކޮށްލި އެމެރިކާގެ ފައިޓާޖެޓްތަކާއި އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓުތަކާއި އަދި ޖާސޫސުކުރާ އެވާކްސް މަތިންދާ ބޯޓުފަދަ އުޅަނދުތައް ހިމެނެއެވެ. މި ބޯޓުތަކުގެ އަގު އަށް ބިލިއަން ޑޮލަރަށް އަރާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.
އީރާނުން އެމެރިކާއަށާއި ޔަހޫދީ އިސްރާއީލަށް ރައްދު ހަމަލާތައް ދިނީ ބަލިސްޓިކް މިސައިލް، ކްރޫޒް މިސައިލް، ހައިޕާސޮނިކް މިސައިލް ކްލަސްޓާ މިސައިލް އަދި ޑްރޯނާއި ފައިޓާޖެޓް ފަދަ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެންނެވެ. އީރާނުގެ ރައްދު ހަމަލާތައް އަމާޒުކުރި ތަންތަނުގެ ތެރޭގައި އިސްރާއީލުގެ އިތުރުން ގަލްފުގެ އަރަބި ގައުމުތަކާއި އިރާގު އަދި އުރުދުންގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކާއި ވިޔަފާރީގެ މަރުކަޒުތަކާއި އިގުތިސާދީ މަސްލަހަތުތައް ހިމެނެއެވެ.
ރިޕޯޓްތައް ބުނާގޮތުން ގަލްފާއި މެދުއިރުމަތީގައިވާ އެމެރިކާގެ 27 ބޭސްއަކަށް އީރާނުގެ ހަމަލާތައް އަމާޒުވިއެވެ. މީގެ ތެރެއިން 16 ބޭހެއް ބޮޑު މަރާމާތަކާ އެކު ނޫނީ އަލުން ބޭނުން ނުކުރެވޭވަރަށް ވަނީ ހަލާކުކޮށްލާފައެވެ. އުރުދުން، ކުވައިތު ގަތަރު އަދި އިރާގުގައި އެމެރިކާ ރުކުރުވާލާފައިވާ ރާޑަރުތައް ވެސް އީރާންގެ ހަމަލާތަކުގައިވަނީ ހަލާކުކޮށްލާފައެވެ.
ކޮންގްރެސްގެ ރީސާޗް ސާވިސް ޑިޕާޓްމަންޓުން ނެރުނު ރިޕޯޓެއްގައި ވާގޮތުން އީރާންގެ ރައްދު ހަމަލާތަކުގައި އެމެރިކާގެ ބައެއް އުޅަނދުތައް ވައިގެ ތެރޭގައި ދަތުރުކުރަނިކޮށް ވައްޓާލާފައިވާއިރު، އަނެއްބައި އުޅަނދުތައް ހަލާކުކޮށްލާފައިވަނީ ގްރައުންޑްކޮށްފައި ވަނިކޮށެވެ.
އެމެރިކާގެ ހަނގުރާމައާ ބެހޭ ވުޒާރާ ބުނާގޮތުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައަށް ސީދާ ގޮތެއްގައި އެމެރިކާއިން 29 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. އަދި، ނުސީދާ ޚަރަދުތަކާ އެކު ހަނގުރާމައަށް ޚަރަދު ކުރިވަރު 55 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭކަމުގައިވެއެވެ. ޕެންޓަގަންއިން ވަނީ މި މައުލޫމާތު މި މަހުގެ 12 ވަނަ ދުވަހު ކޮންގްރެސްއާ ހިއްސާކޮށްފައެވެ.
އެމެރިކާއާއި އިސްރާއީލުން އިސްވެ އީރާނާ ދެކޮޅަށް ދިން ޣައިރު ގާނޫނީ ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ އިސްވެރިން ޝަހީދުކޮށްލުމަށާއި އީރާުނުގެ ހަތިޔާރުގެ ކާރުޚާނާތަކާއި އިގުތިސާދީ އަދި ތެލުގެ މަރުކަޒުތަކާއި މަދަނީ އިންފްރާސްޓްރަކްޗަރު ހަލާކުކޮށްލުމަށެވެ.
އެެމެރިކާއާއި އިސްރާއީލުގެ ޣަރު ގާނޫނީ އަދި އުދުވާނީ ހަމަލާތަކުގައި އީރާނުގެ 2،000 އަށްވުރެގިނަ އިމާރާތް ހަލާކުވެ 12،000 އަށްވުރެ ގިނަ އިމާރާތަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ވެއެވެ. މީގެ ތެރޭގައި އަސްކަރީ މަރުކަޒުތަކުގެ އިތުރުން ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ކާރުޚާނާތަކާއި ސަރުކާރުގެ އިމާރާތްތަކާއި އާންމުންގެ ގެދޮރު ހިމެނެއެވެ. އީރާނުގެ ރައްދު ހަމަލާތަކުގައި އިސްރާއީލުގެ 500 އަށް ވުރެގިނަ އިމާރާތް ހަލާކުވެ 3،000 އަށްވުރެ ގިނަ އިމާރާތާއި މަރުކަޒުތަކަށް ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.