ނާޒިމް ވަކިކުރަނީ 23 މެންބަރަކާއެކު ޕާޓީ ބަދަލުކޮށް، ރައީސް ވަކިކުރަން އުޅޭތީ: ނަޝީދު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު: އެމަނިކުފާނު ވިދާޅުވީ ނާޒިމްގެ މައްޗަށް އިތުބާރު ނެތް ކަމަށް ޕީއެންސީން ހުށަހެޅީ ނާޒިމާއެކު ޕީއެންސީގެ 23 މެންބަރަކު ޕާޓީ ބަދަލުކޮށް، ރައީސްގެ މައްޗަށް އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހަޅަން އުޅުއްވާތީ ކަމަށް --- ސަން ފޮޓޯ: މުޙައްމަދު ޝާޠިޢު ޢަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވެރިކަންކުރާ ޕީއެންސީން ހުށަހެޅުމުގެ އަޑީގައިވަނީ ސިޔާސީ ބޮޑު ބަދަލެއްގެ ރޭވުންތަކެއްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ހާމަކުރައްވައިފައެވެ. ނަޝީދު ތުހުމަތުކުރައްވާ ގޮތުގައި، ޕީއެންސީން މި ފިޔަވަޅު އަޅާފައިވަނީ ނާޒިމާއެކު އިތުރު 23 މެންބަރަކު އެ ޕާޓީން ވަކިވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ތައްޔާރުވަމުންދާތީއެވެ. މިކަން ހާމަކުރައްވައި ނަޝީދު ވަނީ ރައީސް މުޢިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނާޒިމް މަޤާމުން ވަކިކުރުމަށް 73 މެންބަރުންގެ ސޮޔާއެކު ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ހުށަހެޅި ޤަރާރުގައި، އޭނާގެ މައްޗަށް މަޤާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރުމާއި، ފިތުނަ އުފެއްދުމާއި، ވަކި ސިޔާސީ ފިކުރަކަށް ބުރަވެ މަޖިލީހުގެ މަސްލަހަތު ނަގައިލުމުގެ ތުހުމަތުކޮށްފައިވެއެވެ. އެހެންނަމަވެސް، މި ބޮޑެތި ތުހުމަތުތަކުގެ އެއްވެސް ތަފުސީލެއް ނުވަތަ ހެކިތަކެއް ޤަރާރުގައި ބަޔާންކޮށްފައެއް ނުވެއެވެ. މީގެ ކުރިން ނާޒިމަށް އަމިއްލަފުޅަށް އިސްތިއުފާދެއްވުމަށް އެންގުމުން އެކަމަށް އިންކާރުކުރެއްވުމުގެ ސަބަބުން، އޭނާ ވަކިކުރުމުގެ ރަސްމީ މަރުޙަލާ ފަށާފައިވާކަން ޕާޓީގެ އިސް ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

  • މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް މަޤާމުން ވަކިކުރުމަށް ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކު ވަނީ ޤަރާރެއް ހުށަހަޅައިފައެވެ.
  • މި މައްސަލައިގެ އަސްލަކީ، ނާޒިމާއެކު 23 މެންބަރަކު ޕާޓީ ބަދަލުކޮށް ރައީސް މުޢިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމަށް މަސައްކަތްކުރުންކަމަށް ނަޝީދު ތުހުމަތުކުރައްވައެވެ.
  • ޕީއެންސީގެ ޤަރާރުގައި ނާޒިމްގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކުރުމާއި ފިތުނަ އުފެއްދުމުގެ ތުހުމަތުކޮށްފައިވީ ނަމަވެސް، އޭގެ ސީދާ ސަބަބުތައް ލިޔުމުން ސާފުކޮށްދީފައެއް ނުވެއެވެ.
  • އިސްތިއުފާ ދެއްވުމަށް ޕީއެންސީން އެންގުމުން ނާޒިމް އެކަމަށް ދެކޮޅު ހެއްދެވުމަކީ، އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ފެށުމުގެ އެއް ސަބަބެވެ.
  • ރައީސް މުޢިއްޒަކީ ސިޔާސީ އެކުވެރިންނަށް ބޭވަފާތެރިވާ ބޭފުޅެއްކަމަށް ސިފަކުރައްވައި، މިހާރުގެ ވެރިކަން ބަދަލުކުރައްވާނެކަމުގެ އިންޒާރު ނަޝީދު ވަނީ ދެއްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ މައްޗަށް އިތުބާރު ނެތް ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ހުށަހަޅައިފައިވަނީ ނާޒިމާއެކު ޕީއެންސީގެ 23 މެންބަރަކު ޕާޓީ ބަދަލުކުރައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހަޅަން އުޅުއްވާތީ ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗުގައި އޮތް 'ބޮޑު ބަދަލު' ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ނާޒިމްގެ މައްޗަށް ވެރިކަންކުރާ ޕީއެންސީގެ އިތުބާރު ގެއްލިގެން އުޅޭ ސަބަބެއް އަދިވެސް ހާމަނުކުރާ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ އެއީ 23 މަޖިލީހުގެ މެންބަރުން ރޮނގު ހުރަސްކުރާތީވެއޭ، އާދެ، ނާޒިމާ އެކުގައި ރޮނގު ހުރަސްކުރާތީވެ، ޕާޓީ ބަދަލުކުރަން އުޅޭތީވެ، ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ނެތް ކަމަށް ވޯޓު ނަންގަވަން އުޅުއްވާތީވެ،" ނަޝީދު ވިދާޅުވިއެވެ.

ރައީސަކީ ގޮތެއް ނެތް ބޭފުޅެއް ކަމަށް ވިދާޅުވެ، ނަޝީދު ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

އޭރު ދެވަނައަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ ޕީޕީއެމް އުވައިލީ ރައީސް އަންގަވައިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ. ރައީސް ވަނީ ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ބާކީކުރައްވައި، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މުޙައްމަދު ޣައްސާން މައުމޫން ވަކިކުރައްވައިފައިވާ ކަމަށާއި، ދިވެހީން މީގެ ކުރިންވެސް އެފަދަ މަންޒަރެއް ދެކެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ދިވެހީންނަކީ ބޭވަފާތެރިން ބަލައިގަންނާނެ ބައެއް ނޫން ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

"ރައީސް މުޢިއްޒަކީ ބޭވަފާތެރި ބޭފުޅެއް، ހަމައެކަނި އަނބިކަނބަލުންނަކަށްނެއް ނޫން، އެކުވެރި ސިޔާސީ ލީޑަރުންނަށް ބޭވަފާތެރި ބޭފުޅެއް، ރާއްޖޭގެ ރައްޔިތުން އެ ބޭފުޅާ ބަލައެއް ނުގަންނާނެ،" ނަޝީދު ވިދާޅުވިއެވެ.

މި ވެރިކަން ބަދަލުކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިރޭވެސް ނަޝީދު ތަކުރާރުކުރެއްވިއެވެ.

ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. އެކަމަކު، ކުއްލި ގޮތަކަށް ނާޒިމަށް އޮތް އިތުބާރު ގެއްލުނު ސަބަބު އަދިވެސް ހާމަ ނުކުރެއެވެ.

https://sun.mv/221984

ޕީއެންސީގެ އިސް މެންބަރަކު މީގެ ކުރިން ވިދާޅުވި ގޮތުގައި ނާޒިމަށް ވަނީ އިސްތިއުފާދޭން އަންގާފައެވެ. އެކަމަކު، އޭނާ އެ ކަމަށް ދެކޮޅު ހެއްދެވީއެވެ. ނާޒިމް ވަކިކުރަން ނިންމީ އެހެންވެއެވެ.

ހަތްދިހަ ތިން މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ޕީއެންސީން ހުށަހެޅި ގަރާރުގައިވަނީ ނާޒިމް މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަތު ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެކަމަކު، ބޮޑު ތިން ތުހުމަތުކުރީ ކީއްވެ ކަމެއް އެ ގަރާރުގައި ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން، މަޖިލީހުގެ މެންބަރުންނަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކުރަން ނާޒިމަކީ ހުރަހަކަށް ވެފައިވާ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.

"މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކުރަމުން ދާތީއާއި، ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، ތައައްސުބުވެފައިވުމުގެ އިތުރުން މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން މަޖިލީހުގެ ނައިބު ރައީސް ހިތްވަރު ދީ، ޒިންމާއިން ބަރީއަވެފައިވާތީ،" މައްސަލަ ހުށަހެޅި ސަބަބުގެ ގޮތުގައި ގަރާރުގައިވެއެވެ.

comment ކޮމެންޓް