މި އަހަރު މިހާތަނަށް ސަބްސިޑީއަށް ކުރި ހޭދައިން 993 މިލިއަން ރުފިޔާ އިތުރުވެ، ސަބްސިޑީއަށް ސަރުކާރުން ހެދި ބަޖެޓުގެ 78 ޕަސެންޓް އަހަރު ދެބައި ނުވަނީސް ހުސްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.
މި އަހަރު ސަބްސިޑީއަށް 2.9 ބިލިއަން ރުފިޔާ ބަޖެޓުކުރިއެވެ.
އެކަމަކު، ފިނޭންސް މިނިސްޓްރީން ބުދަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ފަސް މަސް ވެސް ނުނިމެނީސް ސަބްސިޑީއަށް 2.3 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ، މި މަހު 14 ވަނަ ދުވަހާ ހަމައަށް ކުރި ޚަރަދެވެ.
އެހެންވެ، މި އަހަރުގެ ފަސްވަނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ސަބްސިޑީ ބަޖެޓުގެ 78 ޕަސެންޓު ހުސްވީއެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ޚަރަދުކުރީ 1.3 ބިލިއަން ރުފިޔާއެވެ. އެހެންވެ، ސަބްސިޑީއަށް ކުރި ޚަރަދުން 993 މިލިއަން ރުފިޔާ ވަނީ އިތުރުވެފައެވެ. މިއީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ ބޮޑު އިތުރުވުމެކެވެ. އެކަމަކު، އެއީ ސީދާ ކޮން ސަބަބަކާ ހުރެ އިތުރުވި އަދަދެއް ކަމެއް ސާފެއް ނޫނެވެ.

ފިނޭންސް މިނިސްޓަރު ޒަމީރާއި ރައީސް ޑރ. މުހައްމަދު މުއިއްޒު: ސަބްސިޑީއަށް ކުރި ޚަރަދުން ބިލިއަނެއް ވަނީ އިތުރުވެފައި -- ފޮޓޯ/ ޕީއެސްއެމް
ބެލެވޭ ގޮތުގައި އެހާ ބޮޑު އިތުރުވުމެއް އައީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ހެދި ތެލާއި އެ ނޫން ވެސް ތަކެތީގެ އަގު މާ ބޮޑަށް އުފުލުމުންނެވެ.
ކޮންމެ އަހަރަކު ވެސް ހެޔޮ އަގުގައި ކަރަންޓު ފޯރުކޮށްދޭން ސަރުކާރުން ބޮޑު ހޭދައެއް ކުރެއެވެ. އެ ގޮތުން، ސްޓެލްކޯއާއި ފެނަކައަށް ކަރަންޓު އުފައްދަން ބޭނުންވާ ތެޔޮ ފޯރުކޮށްދެނީ ސަބްސިޑީ ދީގެންނެވެ. މި އަހަރުގެ ރޯދަމަހު ވެސް ގޭގޭގެ ކަރަންޓު ބިލުތައް 400 ރުފިޔާއަށް ވުރެ ބޮޑު ނުވާ ގޮތަށް ކެޕް ކުރިއެވެ. އަދި، ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ވަނީ ރިކޯޑު މިންވަރަކަށް އުފުލިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރުގެ ބަޖެޓުގައި ސަބްސިޑީ އިސްލާހުކުރަން ސަރުކާރުން ހިމެނިއެވެ.
އެކަމަކު، ރައްޔިތުންނަށް ލިބެމުންދިޔަ އެއްޗެއް ކަނޑާލަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ނިންމުން ބަދަލުކުރައްވާފައެވެ. އޭގެ ފަހުން ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރުމުގެ މަސައްކަތެއް ސަރުކާރުން ނުކުރެއެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ސަބްސިޑީއަކީ ހަމައެކަނި އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ދޭ އެއްޗަކަށް ހަދަން ބޭރުގެ ފަރާތްތަކުން ގޮވާލާތާ އަހަރުތަކެއް ވެއްޖެއެވެ. އެކަމަކު، އެ ބަދަލެއް ނުގެނެއެވެ.
ވަރަށް ބޮޑަށް ދަރަނީގެ ކަންބޮޑުވުން އޮތުމުން ބޭރުގެ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖެއަށް ދީފައި އޮތީ ވެސް 'ޖަންކް' ރޭޓިންއެކެވެ. އެއީ، ދަރަނި ބޮޑުވެ ނުދެއްކިދާނެކަމުގެ ކަންބޮޑުވުން ބޮޑުވުމުންނެވެ.
ސަރުކާރުން މި އަހަރު ވަނީ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފައެވެ. އެ ގޮތުން، މި އަހަރުގެ ބަޖެޓުން އެކަނި ވެސް ދަރަނި އަނބުރާ ދެއްކުމާއި، ލޯންތަކުގެ އިންޓްރެސްޓަށް 10 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ވަނީ ހޭދަކޮށްފައެވެ. އެހެންވެ، މަޝްރޫއުތައް އެންމެ އެކަށީގެންވާ ދުވެލީގައި ކުރިއަށް ނުގެންދެވޭކަމުގެ ކަންބޮޑުވުން ބޮޑެވެ.