އެމްޑީޕީން އެއްވެސް މެންބަރަކު ވަކިވާން އެދިވަޑައިނުގަންނަވާ ކަަމަށާއި އެ މަނިކުފާނުގެ އަމާޒަކީ އެ ޕާޓީގެ މެންބަރުންގެ އަދަދު 100،000އަށް އެރުވުން ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމަށް މިހާރު ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިނަށް އެ މަނިކުފާނު މިހާރު ގެންދަވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ޒިޔާރަތް ކުރައްވަމުންނެވެ. އެ ދަތުރުފުޅުގެ ތެރެއިން، ރަސްމީ އެކައުންޓުން މިއަދު އެކްސްގައި ހިއްސާކުރެއްވި ވީޑިއޯއެއްގައި ނަޝީދު ވަނީ އަމާޒަކީ އެމްޑީޕީއަށް މެމްބަރުން އިތުރުކުރުން ކަމަށް ވިދާޅުވެފައެވެ.
އެ މަނިކުފާނު ވަނީ އެ ޕާޓީން އެންމެ މެންބަރަކު ވަކިވުމަކީ ވެސް އެ މަނިކުފާނު އެދިވަޑައިގަންނަވާނެ ގޮތެއް ނޫން ކަަމަށާއި، ބޭނުންފުޅުވަނީ ވީހާ ވެސް ގިނަ މީހުން އެ ޕާޓީއާ ގުޅުން ކަމަށް ވިދާޅުވެފައެވެ.
އަޅުގަނޑުގެ އަމާޒަކީ، އުއްމީދަކީ 100،000 އަށްވުރެ ގިނަ މެންބަރުން އެމްޑީޕީގައި ބޭތިއްބުން. މި އިންތިޚާބުގެ ތެރޭގައިއާއި އަދި އޭގެ ފަހުން ވެސް، އަޅުގަނޑުމެންގެ މެެމްބާޝިޕް މާބޮޑަށް އިތުރުވެގެންދާނެ، 100،000 އަށްވުރެ މައްޗަށް އަޅުގަނޑުމެންގެ މެމްބާޝިޕް ދާނެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ނަޝީދު ވަނީ އެއްވެސް މެމްބަރަކު އެއްވެސް ސަބަބަކާ ހުރެ އެ ޕާޓީ ދޫކޮށް ދާން އެ މަނިކުފާނު އެދިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
ފަސް ލައްކަ މީހުންގެ އާބާދީއެއް އޮންނަ ރާއްޖޭގައި ވަރަށް ފަހަކާ ޖެހެންދެން އެންމެ މެންބަރުން ގިނަ ޕާޓީއެއްގެ ގޮތުގައި އޮތީ އެމްޑީޕީއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފުތަރުން ދައްކާ ގޮތުގައި، މި އަހަރު ފެށުނުއިރު ތިބީ 43،784 މެންބަރުންނެވެ.
މި ސަރުކާރު ވެރިކަމަށް އައި ފަހުން، ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ވަރަށް ބޮޑަށް އިތުރުކޮށްފައިވާއިރު އެ ޕާޓީގައި 74،048 މެންބަރުން ތިބި ކަމަށް ދަފުތަރުން ދައްކައެވެ. އެ ޕާޓީން ވެސް ވަނީ އަމާޒަކީ އެއް ލައްކަ މެންބަރުން ހަމަކުރުން ކަމަށް މީގެ ކުރިން ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެމްޑީޕީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ނަޝީދު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އެ ޕާޓީން ވަކިވެވަޑައިގަތެވެ. އެއީ، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް، އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލީޙާ ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ފަހުންނެވެ.
އެ ޕްރައިމަރީއަށް ފަހު އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި، ނަޝީދަށް ތާއިދުކުރައްވާ މެންބަރުން ޕާޓީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދިއެވެ. އަދި ނަޝީދު ވެސް ޖޫން 21، 2023 ގައި އެ ޕާޓީ ދޫކުރެއްވިއެވެ.
އޭގެ ފަހުން ނަޝީދު ވަނީ ޞާލިޙަށް ފާޑުވިދާޅުވެ، ތުހުމަތުތައް ކުރައްވައި، އެމްޑީޕީ ރޫޅާލާނެ ކަމަށް ވެސް ވިދާޅުވެފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހު ނަޝީދު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އެއަށްފަހު ވެސް، ޞާލިޙާ ދެބަސްވުންތައް އުފެދުނު ނަމަވެސް، މައްސަލަތައް ހައްލުކޮށްފައިވާ ކަމަށް ދެ ބޭފުޅުން ވިދާޅުވެފައިވެއެވެ.