ޔޫރަޕިއަން ޔުނިއަން (އީޔޫ)ގެ ސަލާމަތީ މިންގަނޑުތަކަށް ނުފެތޭ އަދި ކަސްޓަމަރުންނަށް ނުރައްކާވެދާނެ ފަދަ ކުޅޭ އެއްޗިއްސާއި އިލެކްޓްރޯނިކްސް ސާމާނު ވިއްކުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާތީ، މަޝްހޫރު އޮންލައިން މާކެޓްޕްލޭސް "ޓޭމޫ" 200 މިލިއަން ޔޫރޯ (232 މިލިއަން ޑޮލަރު)އިން މިއަދު ޖޫރިމަނާކޮށްފިއެވެ.
އީޔޫގެ އެގްޒެކެޓިވް ބޮޑީން މި ބޮޑު ޖޫރިމަނާ ކަނޑައަޅާފައިވަނީ ޑިޖިޓަލް ސާވިސަސް އެކްޓް (ޑީއެސްއޭ)ގެ ދަށުންނެވެ.
މިއީ އިންޓަނެޓް ބޭނުންކުރާ ފަރާތްތައް ނުރައްކާތެރި މައުލޫމާތާއި، ސައްހަ ނޫން ނުވަތަ މިންގަނޑަށް ނުފެތޭ މުދަލުން ރައްކާތެރިކުރުމަށްޓަކައި އޮންލައިން ޕްލެޓްފޯމްތަކުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުން މަޖުބޫރުކުރާ ގަވާއިދެކެވެ.
ޑީއެސްއޭގެ ދަށުން ބްރަސަލްސްއިން މިފަދަ ބޮޑު ޖޫރިމަނާއެއް ކަނޑައެޅި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން މިދިޔަ އަހަރު ވަނީ އީލޮން މަސްކްގެ "އެކްސް" ޕްލެޓްފޯމް ވެސް 120 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ.
މި ތަހުގީގު ކުރިއަށް ގެންދިޔަ ފަރާތްތަކުން ވަނީ އާންމު ކަސްޓަމަރުންގެ ގޮތުގައި ޓެމޫ އިން މުދާ ގަނެ، ރައްކާތެރިކަމުގެ ޓެސްޓުތައް ހަދާފައެވެ. މިގޮތުން ހެދި ޓެސްޓުތަކުން އެނގުނު ގޮތުގައި، ޕްލެޓްފޯމުން ވިއްކި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ޗާޖަރުތަކަކީ އަސާސީ ސަލާމަތީ މިންގަނޑުތަކުން ފެއިލްވެފައިވާ ތަކެތި ކަމަށް ޔޫރަޕިއަން ކޮމިޝަނުން ބުނެއެވެ.

ޓެމޫ އަކީ ހެޔޮ އީޔޫ ސަރަހައްދުގައި އެކަނިވެސް 92 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ މަގުބޫލު އެޕެއް ---
މީގެ އިތުރުން ކުޑަކުދިންގެ ކުޅޭ އެއްޗެހީގެ ގިނަ އެއްޗެހިތަކަކުން ވެސް ނުރައްކާތެރި ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައެވެ. އެއީ އެ ތަކެތީގައި ކެމިކަލް އެކުލެވޭ މިންވަރު މަތިވުމާއި، ކުދި ބައިތައް ފަސޭހައިން ނެއްޓި، ކުދިންގެ އަރުތެރޭގައި ތާށިވެ ނޭވާ ހާސްވުމުގެ ފުރުސަތު އޮތުމުންނެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި ހަރުދަނާ "އެކްޝަން ޕްލޭން" އެއް ހުށަހެޅުމަށް އަންނަ އޯގަސްޓް މަހުގެ ނިޔަލަށް ޓެމޫ އަށް މިހާރު ވަނީ މުހުލަތެއް ދީފައެވެ. އަދި މި މުހުލަތުގެ ތެރޭގައި ގަވާއިދުތަކަށް އަމަލުކުރަން ފެށުމަށް ނުކުޅެދިއްޖެ ނަމަ، ކޮންމެ ދުވަހަކު ނުވަތަ މަހަކު އިތުރު ޖޫރިމަނާތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ވެސް އީޔޫ އިން ވަނީ ދީފައެވެ.
މި ނިންމުމާ ގުޅިގެން ޓެމޫ އިން ބުނީ އީޔޫގެ މި ނިންމުން ބަލައިނުގަންނަ ކަމަށާއި، މިއީ އެކަށީގެންވާ ވަރަށް ވުރެ މާ ބޮޑު އަދަބެއް ކަމަށް ދެކޭ ކަމަށެވެ. އަދި މި ޖޫރިމަނާއަކީ 2024 ވަނަ އަހަރު ހިންގި އެންމެ ފުރަތަމަ އިވެލުއޭޝަނަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، މިއީ މިހާރު އެ ކުންފުނީގެ ސިސްޓަމްތައް ހުރި ހާލަތު ރަމްޒުކޮށްދޭ ކަމެއް ނޫން ކަމަށް ވެސް ޓެމޫ އިން ބުންޏެވެ.
އެ ކުންފުނިން އިތުރަށް ހާމަކުރި ގޮތުގައި، މި މަރުހަލާގެ ތެރޭގައި ކޮމިޝަނަށް އެއްބާރުލުން ދީފައިވާނެއެވެ. އަދި، ޕްލެޓްފޯމުގެ ބެލެހެއްޓުމާއި ކަސްޓަމަރުންގެ ރައްކާތެރިކަން ވަރުގަދަކުރުމަށް ގިނަ ފިޔަވަޅުތަކެއް މިހާރު ވާނީ އަޅާފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
ޗައިނާގެ ޕީޑީޑީ ހޯލްޑިންގްސްގެ ސަބްސިޑިއަރީއެއް ކަމަށްވާ ޓެމޫ އަކީ ހެޔޮ އަގުގައި މުދާ ލިބޭތީ އީޔޫ ސަރަހައްދުގައި އެކަނިވެސް 92 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ މަގުބޫލު އެޕެކެވެ.