އީރާނުން ބަޙްރައިނަށާއި ކުވައިތަށް ދިން ހަމަލާތައް ރާއްޖޭން ކުށްވެރިކޮށްފި

ކުވައިތު އެއާޕޯޓަށް ދިން ހަމަލާތަށް އޮފިޝަލުން ބަލައިލަނީ: ކުވައިތަށާއި ބަހްރައިނަށް ދިން ހަމަލާ ރާއްޖޭން ވަނީ ކުށްވެރިކޮށްފައި --- ފޮޓޯ: ކުވައިތު ނިއުސް އޭޖެންސީ

އީރާނުން ބަޙްރައިނާއި ކުވައިތުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި މުހިންމު ބިނާރުތަކަށް ދިން ހަމަލާތަކަކީ އެ ގައުމުތަކުގެ ސިޔާދަތަށް އޮތް ނުރައްކާތެރިކަމެއް ކަމަށް ބުނެ، ދިވެހި ސަރުކާރުން ވަނީ އެކަން ކުށްވެރިކޮށްފައެވެ. ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭން އަބަދަވެސް ތިބޭނީ އެ ދެ ގައުމާ އެކުގައި ކަމަށާއި، މެދުއިރުމަތީގެ ސުލްހަޔާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ހަމަލާތައް ވަގުތުން ހުއްޓައިލުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވައިލާ ކަމަށެވެ. މި ހަމަލާތަކުގައި ކުވައިތުގެ އެއާޕޯޓަށް ގެއްލުންވެ އެކަކު މަރުވެފައިވާއިރު، ބަޙްރައިނަށް ފޮނުވި މިސައިލްތައް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ ހުއްޓުވައިފައެވެ.

  • އީރާނުން ބަޙްރައިނާއި ކުވައިތަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރުން.
  • މި ހަމަލާތަކަކީ ސަރަހައްދުގެ ސުލްހަޔާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކާއެއްކަމަށް ސިފަކޮށްފައިވުން.
  • ކުވައިތުގެ އެއާޕޯޓަށް އެރި ހަމަލާގައި އެކަކު މަރުވެ، ބަޙްރައިނަށް ދިން ހަމަލާތައް އެމެރިކާއިން ހުއްޓުވުން.
  • އީރާނުގެ ޤެޝްމް އައިލެންޑަށް ދިން ހަމަލާގެ ޒިންމާ ބަޙްރައިނާއި ކުވައިތުން ނަގަންޖެހޭނެކަމަށް އީރާނުން ބުނުން.

އީރާނުން އިއްޔެ ބަޙްރައިނަށާއި ކުވައިތަށް ދިން މިސައިލާއި ޑްރޯން ހަމަލާތައް ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ، ބަޙްރައިނާއި ކުވައިތުގައި އާންމުން ދިރިއުޅޭ ތަންތަނަށާއި މުހިއްމު ބިނާރުތަކަށް އީރާނުން މިސައިލާއި ޑްރޯން މެދުވެރިކޮށް ދިން ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މި ހަމަލާތަކަކީ ބަޙްރައިނާއި ކުވައިތުގެ ސިޔާދަތަށް ހުރަސް އެޅި، އަދި މެދުއިރުމަތީ ސަރަހައްދުގެ ހަމަޖެހުމަށް އޮތް ނުރައްކާތެރިކަމެއްގެ ގޮތުގައި ދިވެހި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ރާއްޖޭން އަބަދަވެސް އޮތީ ބަޙްރައިނާއި ކުވައިޠާ އެކު ކަމަށް، ދިވެހި ސަރުކާރުން ބުންޏެވެ. އަދި އެ ދެ ގައުމުގެ ސިޔާދަތު ރައްކާތެރިކުރުމަށާއި ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާ ހުރިހާ ފިޔަވަޅުތަކަކަށް ރާއްޖޭން ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

މެދުއިރުމަތީ ސަރަޙައްދުގެ ސުލްހަޔާއި، ހަމަޖެހުމާއި، އަދި ރައްކާތެރިކަން އަލުން ގާއިމްކުރުމަށްޓަކައި ވަގުތުން ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ވަނީ ގޮވައިލައިފައެވެ.

ބޭރުގެ ބައެއް ރިޕޯޓުތަކާ ހަވާލާދީ ބުނެފައިވާ ގޮތުން، އީރާނުގެ ޑްރޯނާއި މިސައިލް ހަމަލާތައް ކުވައިޠުގެ އެއާޕޯޓަށް އިއްޔެ ހެނދުނުގެ ވަގުތެއްގައި އަރައި، އެ ތަނުގައި ތިބި ބައެއް މީހުން ޒަޚަމްވެ، އެއާޕޯޓުގެ ބައެއް ވަސީލަތްތަކަށް ގެއްލުންވެފައިވެއެވެ. އެހެންކަމުން، ބައެއް ދަތުރުތައް މެދުކަނޑާލަން ޖެހިފައިވާ ކަމަށްވެސް، ރިޕޯޓުތަކުގައިވެއެވެ. މި ހާދިސާގައި އެކަކު މަރުވެފައިވާ ކަމަށްވެސް، ބޭރުގެ ނޫސްތަކުގައިވެއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑު (ސެންޓްކޮމް)އިން ބުނެފައިވާ ގޮތުގައި، ބަޙްރައިނަށް އަމާޒުކޮށް އީރާނުން ފޮނުވި މިސައިލް ހަމަލާތައް ހުއްޓުވައިފައިވާ ކަމަށެވެ.

ރައްދުގައި އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ، ހޮރްމުޒް ކަނޑުއޮޅީގައި އޮންނަ އީރާނުގެ ރަށެއް ކަމަށްވާ ޤެޝްމް އައިލެންޑަށް އެމެރިކާއިން ދިން ހަމަލާތައް ކުށްވެރިކޮށް، އެއީ ހަނގުރާމަ ބަދަލުކުރުން މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފުވުން ކަމުގައި ބުނެފައެވެ.

އީރާނުން ބުނީ، ޤެޝްމް އައިލެންޑަށް ދިން ހަމަލާތަކުގެ ސީދާ ޒިންމާ ނަގަން ޖެހޭނީ ބަޙްރައިނުންނާއި ކުވައިޠުން ކަމަށެވެ. އަދި އަމިއްލައަށް ދިފާއުވުމުގެ ހައްގު އެ ގައުމަށް ލިބިދީފައިވާ ކަމަށެވެ

comment ކޮމެންޓް