ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތާރީޚުގައި އާ ރެކޯޑުތަކެއް ގާއިމްކުރި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަކީ ފުޓްބޯޅަ ތާރީޚު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ސްޕެއިންގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ބުނެފިއެވެ.
ޔަމާލް މެސީއަށް މިފަދައިން ތައުރީފުކޮށްފައިވަނީ، މިފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާއިން ތަށި ދިފާއުކުރުމަށް ކުޅުނު ފުރަތަމަ މެޗުގައި އަލްޖީރިއާ އަތުން 3-0 އިން އެޓީމު މޮޅުވި މެޗުގައި މެސީ ހެޓްރިކެއް ހެދުމާ ގުޅިގެންނެވެ.
ކެންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި މެސީ ދެއްކި މޮޅު ކުޅުމާއެކު އޭނާ ވަނީ ވޯލްޑް ކަޕް ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި މިރޮސްލާވް ކްލޯސާގެ 16 ލަނޑުގެ ރެކޯޑާ ހަމަހަމަކޮށްފައެވެ.
މީގެއިތުރުން، އުމުރުން 38 އަހަރާއި 357 ދުވަހުގައި މި ލަނޑުތައް ޖަހައިގެން މެސީ ވަނީ ވޯލްޑް ކަޕް މެޗެއްގައި އެއް ލަނޑަށްވުރެ ގިނަ ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑުވެސް މުގުރާލާފައެވެ.

މެސީއާއި ޔަމާޅް--
އާރްޓީވީއީއަށް ދިން އިންޓަވިއުއެއްގައި ބާސެލޯނާގެ އުންމީދީ ކުޅުންތެރިޔާ ޔަމާލް ބުނީ، ކޮންމެ މެޗަކުންވެސް މެސީއަކީ ތާރީޚުގައިވެސް އެންމެ މޮޅު ކުޅުންތެރިޔާކަން ސާބިތުވަމުންދާ ކަމަށާއި، އެކަމާ މެދު މީހަކު ޝައްކުކުރާނަމަ އެއީ ގަސްތުގައި އުނިކަމެއް ހޯދަން އުޅުން ކަމަށެވެ.
އޭނާގެ އަމިއްލަ އައިޑޮލްއަކީ ނޭމާ ކަމަށްވީ ނަމަވެސް، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ ކަމާމެދު އެއްވެސް ބަހުސެއް ނެތް ކަމަށް 19 އަހަރުގެ ޔަމާލް ފާހަގަކުރިއެވެ. މެސީއަކީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށްފަހު ފަސް ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ދެވަނަ ކުޅުންތެރިޔާއެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުތަކުގައި ކީލިއަން އެމްބާޕޭ، ހެރީ ކޭން އަދި އާލިން ހާލަންޑް ފަދަ ތަރިން ދެ ލަނޑު ޖެހިނަމަވެސް، ޔަމާލް ބުނީ މިކަމާމެދު އޭނާ ނުވިސްނާ ކަމަށެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި ސްޕެއިން ކުޅުނު ފުރަތަމަ މެޗުގައި ޔަމާލް--
އޭނާގެ އަމާޒަކީ ގިނަ ލަނޑުތަކެއް ޖަހާ ސެމީ ފައިނަލުން ކެޓުމުގެ ބަދަލުގައި މެޗުތަކުން ޓީމު މޮޅުކޮށްދިނުން ކަމަށް ޔަމާލް ބުންޏެވެ.
ސްޕެއިން ކުޅުނު ފުރަތަމަ މެޗުގައި ކޭޕް ވާޑްއާ ދެކޮޅަށް 0-0 އިން އެއްވަރުވިއިރު، އަނިޔާއިން ދާދި ފަހުން ސަލާމަތްވި ޔަމާލްއަށް ކުޅެން ލިބުނީ އެންމެ 19 މިނެޓެވެ.
ޔަމާލް ބުނިގޮތުގައި އޭނާ ހުރީ ކުޅެން ތައްޔާރަށް ނަމަވެސް، ފުރިހަމަ 90 މިނެޓު ކުޅެވޭވަރަށް އަދި ފިޓްނަސް އެއްކޮށް ރަނގަޅެއް ނުވެއެވެ. އެހެންނަމަވެސް، ކޯޗު ބޭނުންވި ކޮންމެ ވަގުތެއްގައިވެސް ދަނޑަށް އަރައި ޓީމަށް އެހީތެރިވާން އޭނާ ހުރީ ކެތްމަދުވެފައެވެ.