މައިކްރޯސޮފްޓުން ކޯޕައިލެޓްގެ ބަދަލުގައި ޑީޕްސީކް ބޭނުންކުރުމަށް ވިސްނަނީ

ޑީޕްސީކް މޮޑެލް ބޭނުންކުރާނީ ކަސްޓަމަރުންގެ އިޚްތިޔާރީ ފީޗާއެއްގެ ގޮތުގައި ---

މައިކްރޯސޮފްޓްގެ ކޯޕައިލެޓް ކޯވޯކް ހިންގުމަށް ހިނގާ ބޮޑެތި ޚަރަދުތައް ކުޑަކުރުމަށްޓަކައި، މިހާރު ބޭނުންކުރާ އަގުބޮޑު އެންތްރޮޕިކް މޮޑެލްގެ ބަދަލުގައި ޗައިނާގެ ޑީޕްސީކް ވީ4 ބޭނުންކުރުމަށް އެ ކުންފުނިން ދަނީ ދިރާސާކުރަމުންނެވެ. އޭޖެންޓިކް އޭއައި ގިނަ މިންވަރަކަށް ބޭނުންކުރަން ޖެހުމާއި، ޓޯކަންތަކަށް އޮންނަ ޑިމާންޑް އިތުރުވުމާއެކު، ފްލެޓް-ރޭޓްކޮށް ޚިދުމަތް ދިނުން ދެމެހެއްޓެނިވި ނޫންކަމަށް އެ ކުންފުންޏަށް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން މުޅި އޭއައި ޕޯޓްފޯލިއޯގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން މައިކްރޯސޮފްޓުން މިހާރު ވަނީ ބޭނުންކުރާ މިންވަރަށް ފައިސާ ނަގާ އުސޫލަކަށް ކޯޕައިލެޓްގެ އަގުތައް ބަދަލުކުރަން ފަށާފައެވެ.

  • އެންތްރޮޕިކް މޮޑެލްއަށްވުރެ ޑީޕްސީކް ބޭނުންކުރުމުން ޚަރަދު 57 ގުނަ ކުޑަވެގެންދާނެއެވެ.
  • ކަސްޓަމަރުންނަށް އިޚްތިޔާރުކުރެވޭ ގޮތަށް އެޒުއާ ކްލައުޑްގައި މި މޮޑެލް ހޯސްޓްކުރާނެއެވެ.
  • ޑީޕްސީކް އަކީ ޗައިނާގެ އުފެއްދުމަކަށްވާތީ، އެމެރިކާގެ ސެކިއުރިޓީ ކަންބޮޑުވުންތަކެއް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ.
  • މެޓާގެ ލާމާ 4 އަދި މިސްޓްރަލް ފަދަ އޯޕަން ސޯސް މޮޑެލްތައްވެސް ތައާރަފުކުރުމަށް ވަނީ ރާވާފައެވެ.
  • ކުރިއަށް އޮތްތަނުގައި އޭއައި މަސައްކަތްތަކަށް ބޭނުންވާ ޓޯކަންގެ ޑިމާންޑް 24 ގުނަ އިތުރުވާނެކަމަށް ލަފާކުރެވެއެވެ.

މައިކްރޯސޮފްޓްގެ ކޯޕައިލެޓް ކޯވޯކް ހިންގުމަށް ހިނގާ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން، އޭގެ ބަދަލުގައި ބޭނުންކުރާނެ އަގުހެޔޮ މޮޑެލްއެއްގެ ގޮތުގައި ޗައިނާގެ ޑީޕްސީކް ވީ4 ބޭނުންކުރުމަށް އެ ކުންފުނިން ދިރާސާކުރަން ފަށައިފިއެވެ.

މިކަން ހާމަވެފައިވަނީ މައިކްރޯސޮފްޓުން ކޯޕައިލެޓް ކޯވޯކް އާންމުކޮށް ބޭނުންކުރެވޭނެހެން ދޫކޮށްލުމާއެކު، އޭގެ އަގު ނަގާ އުސޫލު ޔޫސޭޖް ބޭސްޑް ނުވަތަ ބޭނުންކުރާ މިންވަރަށް ބަދަލުކުރި ދުވަހުއެވެ.

އޭޖެންޓިކް އޭއައި ބޮޑު މިންވަރަކަށް ބޭނުންކުރާއިރު މިހާރު ހުރި އަގުތަކަކީ ދެެހެއްޓެނިވި އަގުތަކެއް ނޫންކަމަށް މައިކްރޯސޮފްޓުން ގަބޫލުކުރެއެވެ.

މި ބަދަލު ގެނައުމަށް ވިސްނާ އެންމެ ބޮޑު ސަބަބަކީ މިހާރު ބޭނުންކުރާ އެންތްރޮޕިކްގެ ފްލެގްޝިޕް މޮޑެލް އާއި ޑީޕްސީކް ވީ4 ޕްރޯގެ އަގުގެ ދެމެދުގައި ހުރި ބޮޑު ތަފާތެވެ.

އެންތްރޮޕިކްގެ މޮޑެލްއިން މިލިއަން ޓޯކަންއަކަށް ގާތްގަނޑަކަށް 50 ޑޮލަރު ހޭދަވާއިރު، ޑީޕްސީކްއިން ހޭދަވަނީ އެންމެ 0.87 ޑޮލަރެވެ. މިއީ ގާތްގަނޑަކަށް 57 ގުނަ ހެޔޮ އަގެއް ކަމުން، އީމެއިލްތައް ތަރުތީބުކުރުމާއި ޓީމްސް އަދި އައުޓްލުކް މެދުވެރިކޮށް މަސައްކަތްތައް ކޯޑިނޭޓްކުރުން ފަދަ ގިނަ މަރުހަލާތަކެއް އެކުލެވޭ އޭއައި މަސައްކަތްތަކަށް ހިނގާ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.

ޑީޕްސީކް މޮޑެލް ބޭނުންކުރަން ފެށި ނަމަވެސް، މައިކްރޯސޮފްޓުން ބުނާ ގޮތުގައި މިއީ ކަސްޓަމަރުން ބޭނުންނަމަ އިޚްތިޔާރު ކުރެވޭނެ ގޮތެކެވެ. އަދި މި މޮޑެލް ހޯސްޓްކުރާނީ އެޒުއާ ކްލައުޑްގައި ކަމަށްވާތީ ކަސްޓަމަރުންގެ ޑޭޓާގެ ރައްކާތެރިކަމާއި ސެކިއުރިޓީ މައިކްރޯސޮފްޓްގެ އުސޫލުތަކާ އެއްގޮތަށް ހިފެހެއްޓޭނެއެވެ. އެހެންނަމަވެސް ޑީޕްސީކްއަކީ ޗައިނާގައި އުފައްދާފައިވާ މޮޑެލްއަކަށް ވާތީ، އެމެރިކާގެ ސަރުކާރާއި ކުންފުނިތަކުގެ ސެކިއުރިޓީ ޓީމުތަކުގެ ކަންބޮޑުވުންތަކެއް މިކަމުގައި ހުރެދާނެއެވެ.

މައިކްރޯސޮފްޓުން ހަމައެކަނި ޑީޕްސީކްގެ އިތުރުން މެޓާގެ ލާމާ 4 އަދި މިސްޓްރަލް ފަދަ އެހެން އޯޕަން ސޯސް މޮޑެލްތައްވެސް ކުރިއަށް އޮތް ތަނުގައި ކޯޕައިލެޓްގެ ތެރެއަށް ތައާރަފްކުރާނެ ކަމަށް ބެލެވެއެވެ. އަދި ޑޭޓާ ރިޓެންޝަން ޕޮލިސީތަކާ ގުޅޭ މައްސަލަތަކެއްގައި އެންތްރޮޕިކްގެ 'ކްލޯޑް ފޭބްލް 5' ބޭނުންކުރުންވެސް މައިކްރޯސޮފްޓުން މިހާރު ވަނީ ލިމިޓްކޮށްފައެވެ.

މި ބަދަލުތައް ގެންނަން މައިކްރޯސޮފްޓުން ނިންމާފައިވަނީ، އޭއައި އެޖެންޓުތައް މެދުވެރިކޮށް ގިނަ މަރުހަލާތަކެއް އެކުލެވޭ ބޮޑެތި މަސައްކަތްތައް ރަނގަޅު ފެންވަރުގައި ކުރުމަށް ހިނގާ ޚަރަދު 2023 ވަނަ އަހަރުން ފެށިގެން ގާތްގަނޑަކަށް 30 ގުނަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ޓޯކަންތަކަށް އޮންނަ ޑިމާންޑް 24 ގުނައަށް އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، ފްލެޓް-ރޭޓް ނުވަތަ ވަކިވަރެއް ކަނޑައެޅިފައިވާ އަގުތަކެއްގައި މި ޚިދުމަތް ދިނުމަކީ ކުންފުންޏަށް މާލީގޮތުން ދެެހެއްޓެނިވި ކަމެއް ނޫނެވެ. އެހެންކަމުން މައިކްރޯސޮފްޓުން ވަނީ އެ ކުންފުނީގެ ގިޓްހަބް ކޯޕައިލެޓް ގައިވެސް ޖޫން 1 އިން ފެށިގެން ބޭނުންކުރާ މިންވަރަށް ފައިސާ ނަގާ އުސޫލަށް ބަދަލުކޮށް، މުޅި އޭއައި ޕޯޓްފޯލިއޯގެ ޚަރަދުތައް ކުޑަކުރުމަށް އުސޫލެއް އެކުލަވާލަން ފަށާފައެވެ.

comment ކޮމެންޓް