ވޮޝިންޓަން (21 ޖޫން 2026): ޗައިނާގައި ފައިސާ ނުވަތަ ކެޕިޓަލް އާއި ޓެކްނޮލޮޖީ އަދި އިންސާނީ ޓެލެންޓާއި އައު އީޖާދުތައް ހިފެހެއްޓުމަށް ޗައިނާ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކަކީ ވިޔަފާރީގެ މިނިވަންކަމަށް ހުރަސްއަޅަން ޗައިނާ ބިނާކުރާ އައު ބޮޑުފާރެއްކަމަށް އެމެރިކާ ސިފަކޮށްފިއެވެ.
އެމެރިކާގެ ބައެއް މަސްއޫލުވެރިންގެ ވިސްނުމަށް ހަވާލާދީ ވޮޝިންޓަން ޕޯސްޓް ބުނާގޮތުން މިއީ އެމެރިކާގެ ފަރާތުން ޗައިނާއަށް ކުރިމަތިވާ އިގްތިސާދީ ގޮންޖެހުންތަކުން ސަލާމަތްވުމަށް ޗައިނާ އަޅާ ދަށު ދަރަޖައިގެ ފިޔަވަޅެކެވެ. މިއިން އެނގެނީ އެމެރިކާގެ އިގްތިސާދީ ބާރާމެދު އަދިވެސް ޗައިނާ ޖެހިލުންވާ މިންވަރެވެ.
ވޮޝިންޓަން ޕޯސްޓް ބުނާ ގޮތުން ޗައިނާ މި ފިޔަވަޅު އަޅަނީ އެ ގައުމުގެ ހައިޓެކް ދާއިރާގެ ބޮޑެތި ކުންފުނިތައް އެމެރިކާގައި މާ ބޮޑަށް އިންވެސްޓްކުރާތީ އެކަން ހުއްޓުވުމަށެވެ. އޭގެ ބަދަލުގައި ޗައިނާގައި އިންވެސްޓްކުރުމަށް ބާރުއެޅުމަށެވެ.
މިއީ މިނިވަން ވިޔަފާރިއަށް ހުރަސްއެޅުންކަމުގައި ވޮޝިންޓަން ޕޯސްޓް ސިފަކުރާއިރު އެމެރިކާ ޓެރިފް ކަނޑައަޅައިގެން މިނިވަން ވިޔަފާރީގެ މުއާމަލާތްތަކުގެ ތެރެއަށް ވަނުމަށް އެމެރިކާ ކުރާ މަސައްކަތްތަކަކީ މިނިވަން ވިޔަފާރިއަށް ހުރަސްއެޅުންކަމަށް އެ ނޫހުން ސިފަކޮށްފައެއް ނުވެއެވެ.
ވޮޝިންޓަން ޕޯސްޓް ބުނާގޮތުން ޗައިނާއިން މިދިޔަ އަހަރު އެއް ޓްރިލިޔަން ޑޮލަރުގެ ކެޕިޓަލްއެއް އައުޓް ފްލޯ (ބޭރުވެފައި) ވެއެވެ. މިއީ ގައުމުން ގެއްލުނު ބޮޑު ކެޕިޓަލްއެއްކަމަށް ބަލައި ޗައިނާ ވަނީ އެ ގައުމުގެ ފައިސާއާއި ޓެކްނޮލޮޖީ އަދި އިންސާނީ ޓެލެންޓާއި އައު އީޖާދުތައް ހިފެހެއްޓުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މި ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ޗައިނާގެ މަހުޖަނުންނާއި އަމިއްލަ ކުންފުނިތަކުގެ އިންވެސްޓްމަންޓްތައް ޗައިނާގެ އެތެރޭގައި ހިފެހެއްޓުމާއި ބޭރަށް ކެޕިޓަލް ދާދިޔުން ލިމިޓް ކުރުމުގެ މައްޗަށެވެ.
ޗައިނާ މި ފިޔަވަޅު އެޅީ އެއް ޓްރިލިޔަން ޑޮލަރުގެ ކެޕިޓަލްއެއް އައުޓް ފްލޯ ވުމުން ޗައިނާގެ އިގްތިސާދަށް ކުޑަ މަޑުޖެހުމެއް އައިކަން ފާހަގަ ވުމާ ގުޅިގެންކަމަށް ރިޕޯޓްތައް ބުނެއެވެ. މިދެންނެވި ފިޔަވަޅުތަކުގެ ދަށުން ޗައިނާވަނީ ޗައިނާގެ އޭއައި ކުންފުންޏެއް ކަމަށްވާ "މެނޮސް" ގަތުމަށް އެމެރިކާގެ މެޓާ (ފޭސްބުކް) ކުންފުނިން ކުރި މަސައްކަތް ހުއްޓުވާފައެވެ.
އެމެރިކާ ދެކޭގޮތުގައި ޗައިނާގެ މި ފިޔަވަޅަކީ އަލަށް ބޮޑު ފާރެއް ބިނާކުރުންފަދަ ކަމެކެވެ. މިކަމުގެ ސަބަބުން މިނިވަން ވިޔަފާރީގެ ވާދަވެރިކަން ގެއްލިގެންދާނެއެވެ. ނަމަވެސް ޗައިނާ ދެކޭގޮތުގައި މިއީ އޭއައިގެ ދާއިރާގެ މޮނޮޕޮލީ ނެގުމަށް އެމެރިކާ ރޭވުންތެރިކަމާއެކު ކުރަމުން ގެންދާ ކަމެއް ހުއްޓުވުމަށް އެޅި ފިޔަވަޅެކެވެ.
ނަމަވެސް "މެނޮސް" ކުންފުނީގެ އޮޕަރޭޝަންގެ ބައެއް ސިންގަޕޫރަށް ބަދަލުކުރަން ކުރި މަސައްކަތް ޗައިނާ ސަރުކާރުން ހުރަސްއަޅާފައެއް ނުވެއެވެ. ޗައިނާ ދެކޭގޮތުގައި އެ ގައުމުން މިނިވަން ވިޔަފާރިއަށް ހުރަހެއް ނާޅައެވެ. އަދި ނުވެސް އަޅާނެއެވެ. އަދި އިންސާނީ ޓެލެންޓާއި އައު އީޖާދުތައް އުފަންވުމުގެ މާހައުލަށް ބުރުއަރާ އެއްވެސް ކަމެއް ޗައިނާއިން ނުކުރާނެއެވެ. އެމެރިކާއަށްވުރެ ޗައިނާގައި ކުރާ އައު އިޖާދުތަކުގެ އަދަދު ގިނަވަމުން ދިޔުމަކީ މިކަމުގެ ހެއްކެއް ކަމަށް ޗައިނާ ދެކެއެވެ.