ކުރިއަށް އޮތް ތިން އަހަރުގެ އައު މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާ، ހުށަހަޅަން ދެ މަހުގެ މުއްދަތެއް

ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު -- ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް 2027 އިން 2029 އަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓުގައި އައު މަޝްރޫއުތަކަށާއި ކަންކަމަށް 2.5 ބިލިއަން ރުފިޔާ ކަނޑައެޅުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. މިގޮތުން، ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ސޮއިކުރައްވައި ނެރުއްވި ސާކިއުލާގައި، ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާއި އައު މަޝްރޫއުތަކުގެ ޕްރޮޕޯސަލްތައް ހުށަހެޅުމަށް ދައުލަތުގެ ވުޒާރާތަކަށާއި އިދާރާތަކަށް ވަނީ ދެ މަސްދުވަހުގެ މުއްދަތެއް ދީފައެވެ. މި މަޝްރޫއުތައް ވާންޖެހޭނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅުތަކާއި ސަރުކާރުގެ ސިޔާސަތުތައް ހާސިލުކުރެވޭނެ އަދި މޫސުމީ ބަދަލުތަކަށް އިސްކަންދޭ ކަންކަމަށެވެ. ކުރީގެ ސަރުކާރުތަކުން ނަގައިފައިވާ ބޮޑެތި ލޯނުތައް ދެއްކުމުގެ ގޮންޖެހުން އޮތް ނަމަވެސް، މިއީ ތަރައްގީގެ އައު މަސައްކަތްތައް ފެށުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

  • އައު މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅައިފައެވެ.
  • ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މަޝްރޫއުތަކުގެ ތަފުސީލު ހުށަހެޅުމުގެ ސުންގަޑިއަކީ އޮގަސްޓް 18 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.
  • ހުށަހަޅާ ޕްރޮޕޯސަލްތައް ސަރުކާރުގެ މެނިފެސްޓޯއާ އެއްގޮތްވުމަށް ވަނީ ލާޒިމުކޮށްފައެވެ.
  • ދައުލަތުގެ އާމްދަނީ އިތުރުކުރުމަށާއި މޫސުމީ ބަދަލުތަކާ ގުޅޭ ކަންކަމަށް އިސްކަންދިނުމަށް ވަނީ އަންގައިފައެވެ.

ކުރިއަށް އޮތް ތިން އަހަރަށް ލަފާކުރާ ބަޖެޓުން އައު މަޝްރޫއުތަކަށާއި ކަންކަމަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅަން ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކަށް އަންގައި، އައު މަޝްރޫއުތަކާއި އާމްދަނީ އިތުރުކުރެވޭނެ ކަންކަން ހުށަހަޅަން ދެ މަސް ދީފިއެވެ.

އާ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ސޮއިކުރައްވައި ނެރުއްވި ސާކިއުލާއެއްގައިވަނީ، ބަޖެޓު އެކުލަވައިލުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ކުރިއަށް އޮތް ތިން އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓުގެ އައު ހަރަކާތްތަކާއި މަޝްރޫއުތައް އެކުލަވައިލުމުގެ މަސައްކަތް މިނިސްޓްރީން ފަށައިފައިވާ ކަމަށެވެ.

ބަޖެޓު އެކުލަވައިލުމުގެ ފުރަތަމަ މަރުހަލާގެ ދަށުން، ދައުލަތުގެ އޮފީސްތަކުން އައު މަޝްރޫއުތަކަށާއި ކަންކަމަށް ޕްރޮޕޯސަލް ހުށަހަޅަންވާނީ 2027އިން 2029އަށް ހިންގުމަށް ރާވައިފައިވާ މަޝްރޫއުތަކަށް ކަމަށާއި، ބަޖެޓުން ޖާގަ އިތުރަށް ބޭނުންވާ ކަންތައްތަކަށް ކަމަށް، އެ ސާކިއުލާގައިވެއެވެ.

އެގޮތުން ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުން ހުށަހަޅާ އައު ކަންކަމަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ސަރުކާރުން އެކުލަވައިލި މެނިފެސްޓޯއާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅުތަކުގައި ހިމެނޭ ކަންކަން ހާސިލުވާނެ ގޮތަށް އެކުލަވައިލައިފައިވާ ކަންކަމުގައި ވާން ޖެހޭނެ ކަމަށް، ސާކިއުލާގައިވެއެވެ.

އެ ސާކިއުލާގައިވަނީ، އައު މަޝްރޫއުތަކުގެ އިތުރުން، ދައުލަތަށް ލިބޭ އާމްދަނީ ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާއި އާމްދަނީގެ ސިޔާސަތަށް ގެންނަން ހުށަހަޅާ ބަދަލުތައް ދެނެގަނެ، އާމްދަނީ އިތުރުކުރުމަށް ކުރެވިދާނެ ކަންކަން ހުށަހެޅުމަށްވެސް އަންގައިފައެވެ.

އަދި މޫސުމީ ބަދަލުތަކަށް ތައްޔާރުވުމަށް އިސްކަންދޭ ބަޖެޓެއް އެކުލަވައިލުމަށާއި، އެކަމާ ގުޅުންހުރި ޚަރަދުތައް ދެނެގަތުމުގެ ގޮތުން، ދައުލަތުގެ އިދާރާތަކުން ހުށަހަޅާ މަޝްރޫއަކީ މޫސުމީ ބަދަލުތަކާ ގުޅުންހުރި ކަމެއް ކަމުގައިވާ ނަމަ، އެކަން ސާފުކޮށް ބަޔާންކުރުމަށްވެސް އަންގައިފައިވެއެވެ.

ސާކިއުލާގައިވާ ގޮތުން، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދައުލަތުގެ އިދާރަތަކާއި ވުޒާރާތަކުން އަންނަ އޮގަސްޓް މަހުގެ 18ވަނަ ދުވަހުގެ މެންދުރު ދޭއް ޖެހުމުގެ ކުރިން، އައު މަޝްރޫއުތަކުގެ ތަފުސީލުތައް ހުށަހަޅަން ޖެހޭނެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރު ދެބައި ވެފައިވާއިރު ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ނުހިނގާކަމުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. މިދިޔަ އަހަރުގެ ބަޖެޓު ވެސް ބޯހިޔާވަހިކަމަށް ޚާއްސަ ކުރިއިރު އަހަރު ނިމިގެން ދިޔައީ މާ ބޮޑު މަޝްރޫއެއް ނުފެށިއެވެ. މި ސަރުކާރަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވޭތުވެދިޔަ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ލޯނުތައް ދައްކަން ޖެހުމެވެ.

comment ކޮމެންޓް