ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ނުރައްކާތެރި މެލްވެއާ ހަމަލާތަކެއް!

ގޮތްނޭންގޭ ފައިލްތަކާއި އެޓޭޗްމަންޓްތައް ހުޅުވުމުގައި ސަމާލުވުމަށް ކެސްޕާސްކީއިން އިރުޝާދުދޭ ---

ވަޓްސްއެޕް ވެބް އަދި ޑެސްކްޓޮޕް އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ސައިބަރ ހަމަލާތަކެއް ދެމުން އަންނަކަން ސައިބަރ ސެކިއުރިޓީ ކުންފުނި ކެސްޕާސްކީއިން ވަނީ ހާމަކޮށްފައެވެ. މި ހަމަލާތަކުގައި، ކުރިން ހެކްކޮށްފައިވާ އެކައުންޓުތައް މެދުވެރިކޮށް، އިންވޮއިސް އަދި ބޭންކް ސްޓޭޓްމަންޓް ފަދަ ވިޔަފާރީގެ ލިޔެކިޔުންތަކުގެ ގޮތުގައި ނުރައްކާތެރި ފައިލްތައް ފޮނުވައެވެ. މީގެ ސަބަބުން ކޮމްޕިއުޓަރަށް ވައިރަސް އެޅި، ހެކަރުންނަށް ކޮމްޕިއުޓަރުގެ ފުރިހަމަ ކޮންޓްރޯލް ލިބިގެންދެއެވެ. މިފަދަ ހަމަލާތައް އެންމެ ބޮޑަށް އަމާޒުކުރެވެމުންދަނީ އޭޝިއާ އަދި ޔޫރަޕްގެ ބައެއް ގައުމުތަކަށެވެ. މޯބައިލް އެޕްލިކޭޝަނަށްވުރެ ބޮޑަށް ޑެސްކްޓޮޕް ޕްލެޓްފޯމްތަކަށް މި ހަމަލާތައް އަމާޒުކުރަނީ ކޮމްޕިއުޓަރުގެ ސެކިއުރިޓީގެ ބަލިކަށިކަމުގެ ފައިދާ ނެގުމަށެވެ. އެހެންކަމުން ދަންނަ މީހެއްގެ ފަރާތުން އަންނަ މެސެޖަކަށް ވިޔަސް، ގޮތްނޭނގޭ ފައިލްތައް ހުޅުވުމުގައި އާންމުން ސަމާލުވުމަށް މާހިރުން އިރުޝާދުދެއެވެ.

  • ވަޓްސްއެޕް ވެބް އަދި ޑެސްކްޓޮޕް ޕްލެޓްފޯމްތަކަށް އަމާޒުކޮށްގެން ހެކަރުން ދަނީ ނުރައްކާތެރި ފައިލްތަކެއް ފަތުރަމުންނެވެ.
  • މި ފައިލްތައް ފޮނުވަނީ އިންވޮއިސް ނުވަތަ ބޭންކް ސްޓޭޓްމަންޓްގެ ނަމުގައި އޮޅުވާލައިގެންނެވެ.
  • ވީބީއެސް، އީއެކްސްއީ، ބެޓް، އަދި ޖޭއެސް ފަދަ ފޯމެޓްތަކުގެ ފައިލްތައް ހުޅުވުމުގެ ކުރިން ރައްކާތެރިކަން ޔަގީންކުރުން މުހިންމެވެ.
  • މި ހަމަލާތަކުން ސަލާމަތްވުމަށްޓަކައި ކޮމްޕިއުޓަރުތަކުގައި އިތުބާރުކުރެވޭ އެންޓިވައިރަސް ސޮފްޓްވެއާއެއް ބޭނުންކުރުމަށް ކެސްޕާސްކީން ބާރުއަޅައެވެ.

ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ނުރައްކާތެރި މެލްވެއާ ހަމަލާތަކެއް ދެމުން އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސައިބަރ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ކެސްޕާސްކީ އިން ބުނީ ވަޓްސްއެޕް ވެބް އަދި ޑެސްކްޓޮޕް އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ފަތުރަމުންދާ ނުރައްކާތެރި މެލްވެއާ ކެމްޕޭނެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަމަށް ސަމާލުވުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ހަމަލާތަކުގައި ހެކަރުން ދަނީ މީގެ ކުރިން ހެކްކޮށްފައިވާ ވަޓްސްއެޕް އެކައުންޓްތައް ބޭނުންކޮށްގެން، އެ މީހުންގެ ކޮންޓެކްޓްސްގައި ތިބި ފަރާތްތަކަށް ނުރައްކާތެރި ފައިލްތަކެއް ފޮނުވަމުންނެވެ.

ހެކަރުން ފޮނުވާ ގިނައިލްތައް ހުންނަނީ އިންވޮއިސްތަކެއްގެ ގޮތުގައި ---

މިގޮތަށް ފޮނުވާ ފައިލްތައް ހުންނަނީ އާންމު ވިޔަފާރީގެ ލިޔެކިޔުންތައް ކަމަށްވާ އިންވޮއިސް، ބޭންކް ސްޓޭޓްމަންޓް ނުވަތަ ދަރަނީގެ ނޯޓިސްތަކުގެ ނަމުގައެވެ. މި ފައިލްތައް ހުޅުވައިލުމާއެކު، ސިއްރުން ކޮމްޕިއުޓަރަށް އިތުރު ވައިރަސްތައް ޑައުންލޯޑުވެ، ހެކަރުންނަށް އެ ކޮމްޕިއުޓަރެއް ރިމޯޓްކޮށް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

ކެސްޕާސްކީގެ ގްލޯބަލް ރިސާޗް އެންޑް އެނަލިސިސް ޓީމުން ހާމަކުރި ގޮތުގައި، މި ހަމަލާތައް މިހާތަނަށް އެންމެ ބޮޑަށް އަމާޒުވެފައިވަނީ މެލޭޝިއާ، ބްރެޒިލް، ސިންގަޕޫރު، ތައިވާން އަދި ވިއެޓްނާމް ފަދަ ގައުމުތަކަށެވެ. މީގެ އިތުރުން ޔޫރަޕްގެ ބައެއް ސަރަހައްދުތަކަށްވެސް މި ހަމަލާތައް ފެތުރެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

މިފަދަ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި، ދަންނަ މީހެއްގެ ފަރާތުން އައި ނަމަވެސް، ގޮތްނޭންގޭ ފައިލްތަކާއި އެޓޭޗްމަންޓްތައް ހުޅުވުމުގައި ސަމާލުވުމަށް ކެސްޕާސްކީއިން އިރުޝާދުދެއެވެ. ޚާއްސަކޮށް .vbs، .exe، .bat، ނުވަތަ .js ފަދަ ފޯމެޓްތަކުގެ ފައިލްތައް ހުޅުވުމުގެ ކުރިން އެއީ ރައްކާތެރި ފައިލްތަކެއްތޯ ޔަގީންކުރުމަށާއި، ކޮމްޕިއުޓަރުތަކުގައި ވަރުގަދަ އެންޓިވައިރަސް ސޮފްޓްވެއާއެއް ބޭނުންކުރުމަށް ސައިބަރ ސެކިއުރިޓީ މާހިރުން ބާރުއަޅުއްވައެވެ.

ސައިބަރ ސެކިއުރިޓީގެ ދާއިރާގައި މަސައްކަތްކުރާ މާހިރުން ފާހަގަކުރާ ގޮތުގައި، ދުނިޔޭގެ އެންމެ މަގުބޫލު މެސެޖިންގް އެޕްލިކޭޝަން ކަމަށްވާ ވަޓްސްއެޕްއަކީ މިފަދަ ހެކިންގް ހަމަލާތަކަށް އާންމުކޮށް ހެކަރުން ބޭނުންކުރާ ވަސީލަތެކެވެ. މީގެ ކުރިންވެސް ވަޓްސްއެޕްގެ ސެކިއުރިޓީ ސިސްޓަމްތަކުގައި ހުންނަ ބަގްތައް ނުވަތަ ބަލިކަށިކަންކަން ބޭނުންކޮށްގެން ޔޫޒަރުންގެ ޑޭޓާ ވަގަށް ނެގުމާއި، އެކައުންޓްތަކުގެ ކޮންޓްރޯލް އަތުލުމުގެ އެކި ހާދިސާތައް ދުނިޔޭގެ އެކި ކޮޅުތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ޚާއްސަކޮށް ފޯނާ ވަކިން ކޮމްޕިއުޓަރުގައި ބޭނުންކުރާ ވަޓްސްއެޕް ވެބް ނުވަތަ ޑެސްކްޓޮޕް އެޕްލިކޭޝަންތަކަކީ، ބްރައުޒާގެ ސެކިއުރިޓީއާއި ކޮމްޕިއުޓަރުގެ ސޮފްޓްވެއާ އަޕްޑޭޓްތަކަށް ބިނާވެފައިވާ އެއްޗަކަށްވާތީ، މޯބައިލް އެޕަށްވުރެ ބޮޑަށް ލެޕްޓޮޕްތަކާއި ޕީސީތަކަށް މެލްވެއާ ފޮނުވުމަށް އެފަދަ ޕްލެޓްފޯމްތަކުގެ ބޭނުން ހެކަރުން ހިފުން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

comment ކޮމެންޓް