ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފައި ވަނީ ދެބަސްވުންތަކެއްގެ ތެރެއިންނެވެ. މި ދަނޑިވަޅުގައި، ފްރާންސްގެ އިންވެސްޓިގޭޓިވް ޖާނަލިސްޓެއް ކަމަށްވާ ރޮމޭން މޮލީނާ، އާޖެންޓީނާގެ ފުޓްބޯޅައިގެ "މާފިއާ" އާ ގުޅޭ ބޮޑު ތަހުގީގެއް ހަދަމުންދާ ކަމަށް 'އެކްސް' ގައި ވަނީ ހާމަކޮށްފައެވެ.
"އާޖެންޓީނާގެ ފުޓްބޯޅައިގެ މާފިއާއާ ގުޅޭ ބޮޑު ތަހުގީގެއް އަހަރެން ތައްޔާރުކުރަމުން މިދަނީ. މިއީ ފަހަކަށް އައިސް ފީފާއިން ފޮރުވަން މަސައްކަތްކުރި އެންމެ ބޮޑު އެއް ސްކޭންޑަލް ކަމަށް ވެދާނެ،" އޭނާގެ ޕޯސްޓުގައި ވެއެވެ.
މީގެ ކުރިން މާލީގެ ބާސްކެޓްބޯޅައިގެ ނުރަނގަޅު އަމަލުތަކާއި، އެފްރިކަން ފުޓްބޯޅަ ކޮންފެޑެރޭޝަންގެ މައްސަލަތައް ހާމަކޮށްގެން މޮލީނާ ވަނީ މި ދާއިރާގައި މަޝްހޫރުކަން ހޯދާފައެވެ.
މޮލީނާ މިފަދަ ވާހަކަތަކެއް ދައްކާފައި މިވަނީ އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) އާ ދެކޮޅަށް އެހެން ފަރާތްތަކުން ވެސް ތަހުގީގުތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ތަހުގީގުކުރާކަން ހާމަކޮށް އޭނާ ކޮށްފައިވާ ޕޯސްޓު--
އާޖެންޓީނާގެ ނޫހެއް ކަމަށްވާ 'ލާ ނަސިއޯން' ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އެފްބީއައި އިން އަންނަނީ އޭއެފްއޭއިން ހިންގާފައިވާ ކަމަށް ބެލެވޭ ފްރޯޑް (އޮޅުވާލުން) އަދި މަނީ ލޯންޑަރިންގެ މައްސަލަތަކެއް ބަލަމުންނެވެ.
ތަހުގީގުކުރާ ފަރާތްތަކުން ބަލަމުންދަނީ އެ އެސޯސިއޭޝަނުން އެމެރިކާގެ މާލީ ނިޒާމުގެ ތެރެއިން 300 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދައުރުކުރީ ކިހިނެއްތޯއެވެ.
މިއީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ފަރާތުން ފެނިގެންދާ ދެބަސްވުންތަކުގެ ތެރެއިން ހިނގަމުންދާ ކަންކަމެވެ. ގްރޫޕް ސްޓޭޖުގައި އަލްޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި، ލިއޮނަލް މެސީ ފައުލް ކުރި ނަމަވެސް ރަތް ކާޑެއް ނުލިބުމުން ގިނަ ބަޔަކު ފާޑުކިއެވެ.

ފީފާ ވޯލްޑްް ކަޕް 2026 ގައި އާޖެންޓީނާ ކުޅުނު މެޗެއްގެ ތެރެއިން--
އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ރެފްރީންގެ ނިންމުންތަކާމެދު ސުވާލު އުފެދުނެވެ. ކޭޕް ވާޑޭއާ ދެކޮޅަށް ކުޅުނު މެޗާއި، މިސްރާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ރެފްރީންގެ ފަރާތުން އާޖެންޓީނާއަށް ފަހިވާ ގޮތަށް ނިންމުންތައް ނިންމި ކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ.
މޮލީނާގެ ތަހުގީގަކީ އެމެރިކާގައި ކުރިއަށްދާ ތަހުގީގާ ނުވަތަ ވޯލްޑް ކަޕްގެ މި މައްސަލަތަކާ ގުޅުން ހުރި ކަމެއްކަން އަދި ސާފެއް ނޫނެވެ. އޭނާ ބުނެފައި ވަނީ ފުރިހަމަ ރިޕޯޓް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށެވެ.
މި ހުރިހާ ކަމެއް މިހެން ހުރި ނަމަވެސް، ޑިފެންޑިން ޗެމްޕިއަން އާޖެންޓީނާގެ ފޯކަސް ހުރީ މުބާރާތުގެ މެޗުތަކަށެވެ. އާޖެންޓީނާ ވަނީ މުބާރާތުގެ ކުއާޓާގައި ސްވިޒަލެންޑް ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ.