ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އަޒުމާއެކު އިޓަލީގެ ޓެކްނިކަލް ޑައިރެކްޓަރަކަށް މަލްޑީނީ

އިޓާލިއަން ފުޓްބޯޅަ ފެޑަރޭޝަން (އެފްއައިޖީސީ) ގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަޤާމަށް އައްޔަނުކުރި ޕާއޮލޯ މާލްޑީނީ--

އިޓާލިއަން ފުޓްބޯޅަ ފެޑަރޭޝަން (އެފްއައިޖީސީ) ގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަޤާމަށް، އެ ޤައުމުގެ ފުޓްބޯޅަ ލެޖެންޑް އަދި ކުރީގެ މަޝްހޫރު ޑިފެންޑަރު ޕާއޮލޯ މާލްޑީނީ ހަމަޖައްސައިފިއެވެ.

އެފްއައިޖީސީގެ ރައީސް ޖިއޮވާނީ މަލާގޯ އިއުލާންކުރެއްވި ގޮތުގައި، އިޓަލީގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަޤާމާ މަލްޑީނީ ވަނީ ރަސްމީކޮށް ހަވާލުވެފައެވެ.

މަލްޑީނީއާއެކު އިޓަލީ ފުޓުބޯޅަ ފެޑެރޭޝަނުގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރާނީ ކުރީގެ ބްރެޒިލް ކުޅުންތެރިޔާ އަދި އޭސީ މިލާނަށް ކުރިން ކުޅުނު ލިއޮނާޑޯ ކަމަށްވެސް އެ ފެޑަރޭޝަނުން މައުލޫމާތުދެއެވެ.

ޤައުމީ ޓީމުގެ ކަންކަމަށް މަލްޑީނީ އެނބުރި އައީ އިޓަލީގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ ނާކާމިޔާބު ދަނޑިވަޅެއްގައެވެ.

ރޮބާޓޯ މަންޗީނީގެ އިރުޝާދުގެ ދަށުން އިޓަލީން ޔޫރޯ 2020 ކާމިޔާބުކުރި ނަމަވެސް، އެންމެ ފަހުން ބޭއްވި ތިން ފީފާ ވޯލްޑް ކަޕަށްވެސް އެ ޤައުމު ކޮލިފައިވެފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާގޮތުން މަލްޑީނީގެ މައިގަނޑު މަސައްކަތަކަށް ވާނީ ކުރިއަށްއޮތް ވޯލްޑް ކަޕަށް އިޓަލީގެ ގައުމީ ޓީމު ބައްޓަންކުރުމާއި ރަނގަޅު ކުޅުންތެރިން ހޯދުމުގެ އިތުރުން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ކަންކަން ބެލެހެއްޓުމެވެ.

ކުރީގެ ކާމިޔާބު ޑިފެންޑަރު މަލްޑީނީއަކީ އިޓަލީގެ ޤައުމީ ޓީމަށް 127 މެޗު ކުޅެދީފައިވާ ކުޅުންތެރިއެކެވެ. އޭނާގެ ފަހު މެޗަކީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރައުންޑް އޮފް 16 ގައި ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗެވެ.

މަލްޑީނީއަކީ 1993 އިން 2002 އަށް ޤައުމީ ޓީމުގެ ކެޕްޓަންކަންވެސް ކުރި އިޓަލީގެ ފުޓްބޯޅައިގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަޚްޞިއްޔަތެވެ.

މީގެއިތުރުން، އޭސީ މިލާންގެ ސްޕޯޓިން ޑައިރެކްޓަރުގެ މަޤާމުގައި ހުރެ، 2021/22 ސީޒަންގެ ސެރީ އޭ ޗެމްޕިއަންކަން އެ ކްލަބަށް ހޯދައިދިނުމުގައިވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

comment ކޮމެންޓް