ޝަންހާއީގައި މިހާރު ކުރިއަށްދާ ވޯލްޑް އާޓިފިޝަލް އިންޓެލިޖެންސް ކޮންފަރެންސް (ޑަބްލިއުއޭއައިސީ) ގައި، އަމިއްލައަށް ކައްކާ ހިއުމަނޮއިޑް ރޮބޮޓެއް ދައްކާލައި، ޗައިނާއިން އެ ގައުމުގެ ޓެކްނޮލޮޖީގެ ކުރިއެރުންތައް މުޅި ދުނިޔެއަށް ސާބިތުކޮށްދީފިއެވެ.
ޝީ ޝިއަންގް ބޫތުގައި ބޭއްވި މި ޚާއްސަ ޑެމޯއަކީ އެ ކޮންފަރެންސްގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއް ހަރަކާތެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ މި ކޮންފަރެންސްގެ ތެރެއިން އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ބައިނަލްއަގްވާމީ ގުޅުންތައް ބަދަހިކުރުމަށްޓަކައި ވޯލްޑް އާޓިފިޝަލް އިންޓެލިޖެންސް ކޯޕަރޭޝަން އޯގަނައިޒޭޝަން (ޑަބްލިއުއޭއައިސީއޯ) އިފުތިތާހުކޮށްދެއްވާފައެވެ.
މި އިއްތިހާދުގައި 29 ގައުމެއް ހިމެނޭއިރު، މީގެ މައިގަނޑު މަގްސަދަކީ އޭއައިގެ ދާއިރާއިން ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކޮށް، އިންސާނުންނަށް ރައްކާތެރި އަދި ފައިދާހުރި ގޮތެއްގައި މި ޓެކްނޮލޮޖީ ބޭނުންކުރުމަށް ބޭނުންވާ ގަވާއިދުތައް އެކުލަވާލުމެވެ.
މި އިއްތިހާދު އުފެއްދުމުގެ ފަހަތުގައި ވަނީ ދުނިޔޭގެ ޓެކްނޮލޮޖީގެ ދާއިރާގައި އެމެރިކާއާ ވާދަކުރުމުގެ ނިޔަތް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.
ޗައިނާއިން އޭއައިގެ ދާއިރާއިން އަމިއްލަ ނިޒާމެއް ގާއިމްކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާއިރު، އެމެރިކާއިން މި ދާއިރާއިން އަޅަމުންދާ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ޗައިނާއިން ދަނީ ގްލޯބަލް ސައުތުގެ ގައުމުތަކާއެކު ގުޅުން ބަދަހިކުރަމުންނެވެ.
އޭއައިގެ ތަރައްގީގައި އިންސާނީ ކޮންޓްރޯލް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ޝީ ވަނީ ގައުމުތަކުން ގުޅިގެން އޭއައި ރެގިއުލޭޓް ކުރުމަށް ގޮވާލައްވާފައެވެ. އަދި އޭއައިގެ ނަމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ކުރުމާއި، އެއް ގައުމެއްގެ ސަލާމަތް އަނެއް ގައުމަކަށްވުރެ މަތިކުރުމުގެ އަމަލުތަކާ ދެކޮޅަށް އެންމެން އެކަތިގަނޑަކަށް ވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
މި ކޮންފަރެންސްގެ ތެރެއިން ފެނިގެންދިޔަ ރޮބޮޓްތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކަކީ ޗައިނާގެ އިގްތިސާދީ އަދި ސިނާއީ ސިޔާސަތުގެ މުހިންމު ބައެކެވެ.
ޗައިނާއިން ވަނީ ޗިޕް އުފެއްދުމުން ފެށިގެން ކޮންސިއުމަރުންނަށް ބޭނުންވާ އޭއައިގެ ނިޒާމުތައް އަމިއްލައަށް ގާއިމްކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއްކޮށްފައެވެ.
މި ހަރަކާތްތަކުގެ ސަބަބުން، ޓެކްނޮލޮޖީގެ ދާއިރާގައި ދުނިޔޭގެ ލީޑަރުކަން ހޯދުމަށް އެމެރިކާއާ ޗައިނާއާ ދެމެދު އޮތް ވާދަވެރިކަން އިތުރަށް ހޫނުވެފައިވާކަން ވަރަށް ރަނގަޅަށް ހާމަވެއެވެ.